ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ މަޢުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަނާ ޙިއްސާކޮށްފި

DSC_0253-570x340

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ތައްޔާރު ކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި އޭސީސީއާ އެކު މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން ގެންދާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކުގެ ތެރެއިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއެކު ބޭއްވުމަށް ހަމަޖެހުނު ބައްދަލުވުން 12 ނޮވެމްބަރ 2015 ދުވަހު ބޭއްވުނީ އެޗްއާރުސީއެއް ގައެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާ ޖަވާބަށް ޚާއްޞަ ވަގުތުކޮޅެއް ހިމަނާލެވުނެވެ. އަދި، ނެޝަނަލް އިންޓެގްރިޓީ ޕްލޭންގައި ހިމެނިދާނެ އިތުރު ކަންކަމާއި ޕްލޭން އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެވުނެވެ.
މިހާތަނަށް ދައުލަތުގެ 29 އިދާރާއެއްގައި މި ސެޝަން ބޭއްވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި، މިފަދަ އިތުރު ސެޝަންތައް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެލައްވާ އިދާރާތަކުގެ އިސް ވެރިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.