ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސް އާ ޙިއްސާކޮށްފި

police

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ތައްޔާރު ކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި އޭސީސީ އާއެކު މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން ގެންދާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކުގެތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސް އާއެކު ބޭއްވުމަށް ހަމަޖެހުނު ބައްދަލުވުން 22 ޑިސެންބަރު 2015 ވީ އަންގާރަ ދުވަހުވަނީ ބާއްވާފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާ ޖަވާބަށް ޚާއްޞަ ވަގުތުކޮޅެއް ހިމަނާލެވުނެވެ. އަދި، ނެޝަނަލް އިންޓެގްރިޓީ ޕްލޭން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންނާއި، ނަޒާހަތްތެރިކަން ކުރިއެރުވުމުގައި ދެމުއައްސަސާ ގުޅިގެން ކުރިއަށް ގެންދެވިދާނެ ޙަރަކާތްތަކާ ބެހޭގޮތުން ދެމުއައްސަސާގެ އިސްވެރިންގެ މެދުގައި މި ބައްދަލުވުމުގައިވަނީ މަޝްވަރާ ކުރެވިފައެވެ.

މިހާތަނަށް ދައުލަތުގެ 31 އިދާރާއެއްގައި މި ސެޝަން ބޭއްވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި، މިފަދަ އިތުރު ސެޝަންތައް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެލައްވާ އިދާރާތަކުގެ އިސް ވެރިންނަށް އަމާޒުކޮށްގެން އިތުރު ބައްދަލުވުންތައް ކުރިޔަށް ގެންދިއުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.