ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ މަޢުލޫމާތު އެޑިއުކޭޝަން މިނިސްޓްރީއާ ޙިއްސާކޮށްފި

DSC_0157-570x340

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ތައްޔާރު ކުރާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ކޮމިޝަނާއެކު ބައިވެރިވެފައިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން ގެންދާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބާއްވައިފިއެވެ.
މިގޮތުން އެޑިއުކޭޝަން މިނިސްޓްރީގައި މިބައްދަލުވުން ބޭއްވުނީ، 2 ނޮވެންބަރު 2015 ވީ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އިސް މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާ ޖަވާބަށް ޚާއްޞަ ވަގުތުކޮޅެއް ހިމަނާލެވުނެވެ. އަދި، ނެޝަނަލް އިންޓެގްރިޓީ ޕްލޭންގައި ހިމެނިދާނެ އިތުރު ކަންކަމާއި ޕްލޭން އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެވުނެވެ.
މިހާތަނަށް ދައުލަތުގެ 28 އިދާރާއެއްގައި މި ސެޝަން ބޭއްވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި، މިފަދަ އިތުރު ސެޝަންތައް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެލައްވާ އިދާރާތަކުގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.