ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ މަޢުލޫމާތު ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީއާ ޙިއްސާކޮށްފި

1918680_780124835467284_488876412663589956_n

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ތައްޔާރު ކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި އޭސީސީ އާއެކު މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން ގެންދާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ އާއެކު 28 ޑިސެންބަރު 2015 ވީ ހޯމަ ދުވަހުވަނީ ބާއްވާފައެވެ.

ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާ ޖަވާބަށް ޚާއްޞަ ވަގުތުކޮޅެއް ހިމަނާލެވުނެވެ. އަދި، ނެޝަނަލް އިންޓެގްރިޓީ ޕްލޭން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންނާއި، ނަޒާހަތްތެރިކަން ކުރިއެރުވުމުގައި ދެމުއައްސަސާ ގުޅިގެން ކުރިއަށް ގެންދެވިދާނެ ޙަރަކާތްތަކާ ބެހޭގޮތުން ދެމުއައްސަސާގެ އިސްވެރިންގެ މެދުގައި މި ބައްދަލުވުމުގައިވަނީ މަޝްވަރާ ކުރެވިފައެވެ.

މިހާތަނަށް ދައުލަތުގެ 31 އިދާރާއެއްގައި މި ސެޝަން ބޭއްވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި، މިފަދަ އިތުރު ސެޝަންތައް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެލައްވާ އިދާރާތަކުގެ އިސް ވެރިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.