ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލާ ތަންފީޒުކުރުން

DSC_0390-570x340

15 ޖުލައި 2015 ގައި ފެށި، ކުރިޔަށް އޮތް 05 އަހަރަށް ތައްޔާރުކުރެވޭ، ނަޒާހަތްތެރިކަމުގެ ޤައުމީ ޕްލޭން އެކުލަވާލުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން، ސްޓޭކްހޯލްޑަރުންނާއެކު ބޭއްވެމުންދާ ބައްދަލުވުންތަކުގެ ތެރެއިން 2 ވަނަ ބައްދަލުވުން، 23 ޖުލައި 2015 ވީ ބުރާސްފަތި ދުވަހު ހެނދުނު 10:30 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ކޮންފަރެންސް ރޫމްގައި ބާއްވައިފިއެވެ. މި ބައްދަލުވުން ތަޢާރަފުކުރައްވަވައި މަރުޙަބާދެންނެވީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު އާމިނަތު މިންނާއެވެ. އެއަށްފަހު، އިންޓެގްރިޓީ ޕްލޭނާބެހޭ ޕްރެޒެންޓޭޝަން ހުށަހަޅައިދެއްވެވީ މި ޕްރޮޖެކްޓް ގެ ކޯރޑިނޭޓަރ އ.ރިސާރޗް އޮފިސަރ އާދަމް ޝާމިލް އެވެ. އެއަށްފަހު ބައްދަލުވުމުގެ ބައިވެރިން ޚިޔާލުފާޅުކުރުމުގެ ފުރުޞަތުވަނީ ދެވިފައެވެ. މި ބައްދަލުވުން ނިމިގެން ދިޔައީ ޕްލޭންގެ ދެލިކޮޕީއަށް ޚިޔާލު ހުށަހެޅުމަށް 1 މަސް ދުވަހުގެ މުއްދަތަކަށް އެއްބަސްވެވިގެންނެވެ. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އޮފީސްތަކުގެތެރޭގައި މިނިސްޓްރީ އޮފް ފޮރިންގ އެފެއަރޒް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، ލޯކަލް ގަވަރންމެންޓް އޮތޯރިޓީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، ޓެކްސް އެޕީލް ޓްރައިބިއުނަލް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލް، ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަން އަދި ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ ހިމެނެއެވެ.
ނޭޝަނަލް އިންޓެގްރިޓީ ޕްލޭނަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2015-2019 އިން އޭގެ ސިޔާސަތު 06 (ނަޒާހަތްތެރި އަދި ހޭލުންތެރި މުޖުތަމަޢުއެއް ބިނާކުރުން) ގެ ސްޓްރެޓެޖީ 01 ( ނަޒާހަތްތެރިކަން ކުރިއެރުވުމަށް ހިތްވަރުދީ ނަޒާހަތްތެރި ޘަޤާފަތެއް މުޖުތަމަޢުގައި އަށަގެންނެވުން) ގެ ޙަރަކާތް 01 (ޤައުމީ އިންޓެގްރިޓީ ޕްލޭން އެކުލަވާލާ ތަންފީޒުކުރުން) ގެ ގޮތުގައި އުފަންކުރުވާ، ޤައުމީ ފެންވަރުގެ ނިޒާމެކެވެ. މިގޮތުން އެކުލަވާލެވޭ ޕްލޭނުގައި ދައުލަތުގެ އިދާރާތަކުގެ ބައިވެރިވުމާއެކު، ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއަރުވައި، ދައުލަތުގެ ތިންބާރާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ ހިންގުމުގައި ޑިމޮކްރެޓިކް ސިފަތައް އަށަގެންނެވުމަށް ބާރު އަޅައި، އިސްލާމްދީނުގެ މަތިވެރި ޢަޤީދާގެ މަތީގައި ފުރިހަމައަށް ފައިތިލަ ސާބިތުކޮށް އިންޓަރނޭޝަނަލް ބެސްޓްޕްރެކްޓިސްއަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުންވެސް އިޙްތިރާމްކުރާ އަސާސްތަކެއްކަމުގައި ހެދުމަށާއި، އެކުވެރި ބަދަހި މުޖްތަމަޢެއް ބިނާކުރުމަށް ޚާއްޞަ ޙަރަކާތްތަކެއް ހިންގުން ހިމެނޭނެއެވެ