ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމަށް ކުރެވެމުންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު ޖުޑީޝަލް ސަރވިސް ކޮމިޝަނާ ޙިއްޞާކޮށްފި

IMG_0008-570x340

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ތައްޔާރު ކުރާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ކޮމިޝަނާއެކު ބައިވެރިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން ގެންދާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހިންގައިފިއެވެ.
މި ސެޝަން ބޭއްވިފައިވަނީ 12 އޮކްޓޯބަރ 2015 ވީ ހޯމަ ދުވަހުގެ މެންދުރު 14:00 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގައެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ސެޝަންގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާއި ޖަވާބަށް ޚާއްޞަ ވަޤުތުކޮޅެއް ހިމަނާލެވުނެވެ. އަދި ނެޝަނަލް އިންޓެގްރިޓީ ޕްލޭންގައި ހިމެނިދާނެ އިތުރު ކަންކަމާއި ޕްލޭން އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މެމްބަރުންގެ މެދުގައި މަޝްވަރާކުރެވުނެވެ.
މިހާތަނަށް ދައުލަތުގެ 17 އިދާރާއެއްގައި މި ސެޝަން ބޭއްވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި، މިފަދަ އިތުރު ސެޝަންތައް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެލައްވާ އިދާރާތަކުގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައެވެ.