ކޮރަޕްޝަން ކްލިނިކް

Corruption-Clinic_IFRC_300

ހަރާރޭގެ މުނިސިޕަލް ކްލިނިކަށް ރޫޑޯ(އަޞްލު ނަމެއް ނޫން) އޭނާގެ 84 އަހަރުގެ މަންމަ ގޮވައިގެން ދިޔައެވެ. ޒިންބާބުވޭގެ ފަގީރުންނަށް ފަސޭހައިން ޞިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ހުޅުވިފައިވާ މިފަދަ ކްލިނިކް ތަކުން ކުޑަކުދީންނަށާއި މުސްކުޅީންނަށް ހިލޭ ފަރުވާ ހޯދައިދިނުމުގެ އިތުރުން އެހެންމީހުންނަށް ފަސޭހަ ކަމާއެކު އެ ޚިދުމަތްތަށް ހޯދޭނެ މަގު ތަނަވަސް ކޮށްދޭންޖެހެއެވެ.
ނަމަވެސް ކްލިނިކުތަކުގައި ކަންތައްތައް ހިނގަމުން އަންނަނީ މުޅީން ތަފާތުގޮތަކަށެވެ. 5 ގަޑި އިރުވަންދެން މަޑުކޮށްގެން ތިބުމަށް ފަހު ސަފުގެ އެންމެ ކުރިޔަށް ދެމައިންނަށް ދެވުމުން ޚިދުމަތް ދޭންތިބި ނަރުހުން ޑޮކްޓަރަށް ދެއްކުމަށާއި ބޭހަށް 7 ޑޮލަރު ދައްކަން އެންގިއެވެ. އެފައިސާ ދެއްކެން ނެތުމާއެކު ރޫޑޯ، އޭނާގެ މަންމައަކީ އުމުރުން ދުވަސްވީ މީހަކަށް ވުމުން އިނާޔަތް ޙައްޤުވާ މީހެއްކަން ސާބިތުކޮށް ދިނުމަށް މަންމަގެ ހެލްތް ކާޑް ނަރުހުންނަށް ދެއްކިއެވެ. ނަމަވެސް އެދެމައިން ގެ ވާހަކަތަކަށް ބީރުކަންފަތެއް ދިނުމަށްފަހު ފަރުވާ ނުދީ ފޮނުވާލިއެވެ.
ދުއިސައްތަ ފަންސާސް ކިލޯ މީޓަރ ދުރުން ޚިދުމަތް ލިބިގަތުމަށް ކްލިނިކަށް ދިޔަ ޝޯނާއަށް (އަޞްލު ނަމެއް ނޫން) ވެސް ދިމާވީ މިފަދަ މައްސަލައެކެވެ. ފައިސާ ދެއްކެން ނެތުމުން އޭނާގެ ލޯކަލް މުނިސިޕަލް ކްލިނިކުން ޚިދުމަތް ފޯރުކޮށްނުދީ ފޮނުވާލެވުނެވެ. މާބަނޑު އަންހެނެއް ކަމުން ފައިސާ އެއްކުރުމަށްފަހު އޭނާގެ ބަނޑަށް ތިންމަހުގައި ޢާއްމު ޞިއްޙީ މަރުކަޒުގައި ރަޖިސްޓްރީ ކުރިއެވެ. މީގެ ސަބަބުން ވިހެއުމާ ހަމައަށް ޤަވާއިދުން ހިލޭ ޗެކްއަޕް ހެދުމުގެ ޙައްޤު އޭނާއަށް ލިބިގެން ދިޔައެވެ.
ނަމަވެސް އޭނާގެ ފުރަތަމަ އެޕޮއިންޓްމެންޓަށް ކްލިނިކަށް ދިޔުމާއެކު ޑޮކްޓަރަށް ދެއްކުމަށް އިތުރު ފީއެއްގެ ގޮތުން 3 ޑޮލަރު ކޮންމެ ފަހަރަކު ދައްކަން ޖެހޭނެ ކަމަށް ބުންޏެވެ. އެހެންކަމުން ފައިސާ ދެއްކެން ނެތުމާއެކު ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ޝޯނާ ގެއަށް ދިޔައެވެ. އަދި އޭނާ ވިހެއީވެސް ޞިއްހީ ފަރާތެއްގެ އެހީތެރިކަމެއްނެތި ގޭގައެވެ. އެއަށްފަހު ޝޯނާ އޭނާގެ ދަރިފުޅަށް ވެކްސިން ދިނުމަށްޓަކައި ކްލިނިކަށް ދިޔައެވެ. މިފަހަރުވެސް އޭނާއާ ކުރިމަތިވީ އިތުރު ފައިސާގެ މައްސަލަތަކާއެވެ. ގޭގައި ވިހެއުމަކީ މަނާކަމަކަށް ވުމުން ޖޫރިމަނާ ގެ ގޮތުގައި ބަކަރިއެއްގެ އަގުވެސް އޭނާއަށް ދައްކަންޖެހުނެވެ.
ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް ގެ ޤާނޫނީ ލަފާދޭ ޓީމަށް ރޫޑޯއާއި ޝޯނާއާ ބައްދަލުވީ 2012 ވަނަ އަހަރު ހިންގުނު ހޭލުންތެރިކުރުމުގެ ޙަރަކާތެއްގެ ތެރެއިންނެވެ. އަދި އެދެމީހުންގެ ވާހަކައިގެ އިތުރަށްވެސް ވަރަށް ބައިވަރު ޝަކުވާތަށް ލިބެމުންދިޔައެވެ. ޤާނޫނީ ލަފާދޭ ޓީމްގެ ލީގަލް އޮފިސަރު ދަނާއީ ބުނިގޮތުގައި “ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް އެކުދިންގެ ބެލެނިވެރިންގެ އަތުގައި ޑޮކްޓަރަށް ދެއްކުމަށް ފައިސާ ނެތްނަމަ ބޭސްފަރުވާ ކުރުމަށް ފުރުޞަތު ނުދެވި ފޮނުވާލެވެއެވެ. ނަމަވެސް މިކުދީންނަށް ހަޤީޤަތުގައި ހިލޭ ބޭސް ފަރުވާ ލިބެންޖެހެއެވެ.” ދަނާއީ އިތުރަށް ބުނިގޮތުގައި “އެޗް.އައި.ވީ އަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބޭސް ހިލޭ ފޯރުކޮށްދިނުމުގެ ބަދަލުގައި ނަރުހުން، އެބޭސް ވިއްކަމުން ދާކަން ފާހަގަ ކުރެވިފައިވެއެވެ.”
މިގޮތުން ގެއްލުން ލިބިފައިވާ މިފަދަ ފަރާތްތަކުގެ ނަމުގައި ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްއިން ކޮރަޕްޝަނުގެ ޢަމަލުތަކާ ބެހޭ ގޮތުން ޤައުމުގެ އިސް އޮފިޝަލުންނަށް ލިޔުމުން އަންގައި މިކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެދުނެވެ. މިމައްސަލައަށް ޙައްލެއް ލިބިފައިނުވި ނަމަވެސް މިކަމުގައި ޝާމިލްވާ ފަރާތްތަށް ޙާޒިރުކުރެވި ތަޙްޤީޤު ކުރުން ކުރިޔަށް އެބަދެއެވެ.
ދަނާއީ އިތުރަށް ބުނި ގޮތުގައި “މިއީ ސިއްޙި ދާއިރާ އިތުރަށް ރަނގަޅު ކުރުމަށް ކުރާ މަސައްކަތައް ހުރަސް އަޅާ އަމިއްލަ މަޞްލަޙަތަށް އިސްކަންދޭ އޮފިޝަލުންނާ މެދު ފިޔަވަޅު އަޅާނެކަމާއި މިފަދަ ޢަމަލުތައް ހިނގާއިރު އެކަން ކުށްވެރިނުކޮށް މަޑުން ނުތިބޭނެކަމަށް ސިއްޙީ ދާއިރާގައި މަސައްކަތްކުރާ އެހެން އޮފިޝަލުންނަށް ދެވޭ މެސެޖެކެވެ.”

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “True stories” ގެ ތެރެއިން ނަގާފައިވާ “corruption clinic” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
https://www.transparency.org/news/story/corruption_clinic