“ޕޮލިސް ކްރެކްޑަވުން”

Police_crackdown_image-new2

ނިދަން އޮތް، 50 އަހަރުގެ ކާރމެލާއަށް، ނިދިން ހޭލެވުނީ މަތީބުރީގައި ހުރި އޭނާގެ ދަރިފުޅު ސެމިއުލް އުޅޭ އެޕާރޓްމެންޓުން އިވުނު ހަޅޭކުގެ އަޑަށެވެ. ވެގެން އުޅޭ ގޮތެއް ބަލަން، ބާރުލައި މައްޗަށް ދިޔަ ކާރމެލާއަށް ފެނުނީ، އޭނާގެ 27 އަހަރުގެ ދަރިފުޅު ދެބައިކުޅަ އެއްބައި ބަރަހަނާ ޙާލުގައި ތަޅުންގަނޑު މަތީ އޮއްވައިކަމަށް ކާރމެލާބުނެއެވެ. ފުލުހުން ދިއައީ އޭނާ ގައިގައި ތަޅަމުންނެވެ. ފެނުނު މަންޒަރަށް ކެތްނުކުރެވި ކާރމެލާ ބަޑި ފަޅައިގެންދިއައެވެ. ކާރމެލާގެ އާދޭހުގެ ރުއިމަށް ބީރުކަންފަތެއް ދިނުމަށްފަހު، ފުލުހުން ސެމިއުލް ދަމާ ނެރެގެން އެމީހުންގެ ހެޑްކުއާރޓަރަށް ގެންދިޔައެވެ. އަދި ދޫކޮށްލެވެން އޮތީ ހަމައެކަނި ފައިސާދިނުމުން ކަމަށް ބުނެ ފައިސާ ދިނުމަށް އެދުނެވެ.
އަހަރެމެން(ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް ވެނެޒުއެލާ) ނާ ކާރމެލާއާ ދިމާވީ އަހަރެމެން ކާރމެލާ ދިރިއުޅޭ ހިސާބުގައި މަސައްކަތްކުރަން ފެށި ހިސާބުންނެވެ. އެއީ އެހިސާބުގައި، ގެދޮރުނެތް މީހުން ދިރިއުޅެން ސަރުކާރުން ހަދައިދީފައި ހުރި ޢިމާރާތަކުންނެވެ. އެހިސާބުން އަހަރެމެންނާ ދިމާވި ގިނަ މީހުން، އެފަރާތްތަކަށް ފުލުހުންގެ ފަރާތުން ފޯރާ ދުއްތުރާތަކާ ފުރައްސާރަތަކުގެ ޝަކުވާކުރިއެވެ. އެމީހުން ބުނާގޮތުން، ފުލުހުންގެ ފަރާތުން ކުރިމަތިވާ މި ދުއްތުރާތަކުން ސަލާމަތްވާން ބޭނުންނަމަ، ފުލުހުން ޑިމާންޑުކުރާ ރިޝްވަތުގެ ފައިސާ އެމީހުންނަށް ދޭންޖެހެއެވެ. އަދި މިފައިސާ ދޭން ދެކޮޅު ހަދާނަމަ ނުކުރާ ކުށަށް އަދަބުދީ، ޤާނޫނާ ޚިލާފަށް ބަންދުކޮށް، ޖިސްމާނީ އަދި ޖިންސީ ގޯނާކޮށް ހަދާކަމަށް އެމީހުން ބުނެއެވެ. ބައެއް އެހެން މީހުން ބުނާގޮތުން، ފުލުހުން އެމީހުންގެ އައިޑީ ކާޑު ހިފަހައްޓައި އޭގެ ބަދަލުގައި ފައިސާ ހޯދަން އެދެއެވެ. މިގޮތަށް ހޯދަން އެދޭ ފައިސާގެ ޢަދަދުތައް އެތައްހާސް ޑޮލަރަށް އަރާ ފަހަރު އާދެއެވެ. އަދި އެ ހިސާބުގަނޑުގެ ބައެއް މީހުން ބުނާގޮތުން، ގުޅުން ނެތް ކުށުގެ ވެއްޓެއްގައި އައިޑީކާޑު ބާއްވަފާނެކަމުގެ ބިރަކީވެސް، ލާރިނުދައްކައިފިނަމަ އޮންނަ ބޮޑު ބިރެކެވެ. މިގޮތަށް ކަންކަން ހުރުމުން، ކޮންމެވެސް ގޮތަކަށް އެފައިސާ ހޯދައިގެން ފުލުހުންނާ ހަވާލުކުރާކަމަށް އެމީހުން ބުނެއެވެ.
ނަމަވެސް، މިއީ ކާރމެލާއަށް ކުރެވެން އޮތް ކަމެއް ނޫނެވެ. ކާރމެލާއަކީ ހަތަރު ކުދިންގެ މަންމައެކެވެ. އޭގެން އެއް ކުއްޖަކަށް ކެންސަރު ބަލި ޖެހިފައިވާއިރު، އަނެއް ކުއްޖާ، އަމިއްލައަށް ދަންޖެހިގެން މަރުވުމުގެ ސަބަބުން، އެމަރުވި ދަރިފުޅުގެ ފަސް ކުދިން ބެލުމުގެ ޒިންމާވެސް އަދާކުރަންޖެހިފައިވަނީ، ކާރމެލާއަށެވެ. އެކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއަށްވީ އަދި އެންމެ ތިން އަހަރެވެ. ގެ ބަލަހައްޓާ މީހެއްގެ ވަޒީފާ އަދާކުރާ ކާރމެލާއަށް އެމަސައްކަތުން ލިބޭ ކުޑަކުޑަ އާމްދަނީން، ފުލުހުންނަށް ދޭނެ ވަރަކަށް ފައިސާއެއް ނުލިބެއެވެ. މިކަމުގައި އެހީއަށް އެދި، ކާރމެލާ ދިޔައީ، އެހިސާބުގަނޑުގެ ކަމުވޮށިގެންވާ މީހެއްކަމަށްވާ މާގަރީޓާ ގާތަށެވެ. މާރގަރީޓާއަށްވެސް ފާޅުގައި ފުލުހުންގެ އެޢަމަލުތަކުގެ ވާހަކަދައްކަން ނުކެރުނެވެ. އަދި އެކަމުގައި ކާރމެލާ އަހަރެމެންގެ ގާތަށް ފޮނުވިއެވެ.
ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް ވެނެޒުއޭލާގެ އޮފީހުގައި މަސައްކަތް ކުރަމުން އަންނަ މަރސީޑީސް ޑި ފްރެއިޓަސް ބުނިގޮތުގައި ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލުންދަނީ ކާރމެލާ ދިރިއުޅޭ ހިސާބުގައި ހިނގާ އެކިއެކި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭގޮތުން، އެހިސާބުގެ އިސް އޮފިޝަލުންނާ މަޝްވަރާކުރަމުންނެވެ. އަދި ކަރމެލާގެ ޝަކުވާއާ ގުޅިގެން ސަރުކާރުގެ އިސް އޮފިޝަލުންނަށް ގުޅައި ފުލުހުންނާ ގުޅިގެން ވަގުތުން ވަގުތަށް މައްސަލަ ޙައްލުކުރުމަށް ފިޔަވަޅު އެޅުމަށް ބާރުއެޅިއެވެ.
ކާރމެލާ އޭނާގެ ދަރިފުޅު ސެމިއުލް ދޫކޮށްލުމަށް ފުލުހުން ކުރި ޑިމާންޑަށް ފައިސާ ޙަވާލުކުރުމަށް ފުލުސް ސްޓޭޝަނަށް ދިޔައިރު، ކަމާ ގުޅުންހުރި މައްސަލަ ބަލާ ފަރާތްތަކުން ތިބީ އެމައްސަލަ ބަލާށެވެ. އަދި ކާރމެލާ ގެންދިޔަ ފައިސާ ފުލުހުން ނެގުމާއެކު، އެކަމުގައި ބައިވެރިވި ފުލުހުން ހައްޔަރުކުރިއެވެ. އެ ފުލުހުން މިހާރު ތިބީ ބަންދުގައެވެ. އެމީހުންގެ ތަޙްޤީޤު ނިމި ޝަރީޢަތް ވަރަށް އަވަހަށް ކުރިއަށްދާނެއެވެ. އެއްވެސް ފައިސާއެއް ދެއްކުމަކާ ނުލައި ސެމިއުލް، ބޭއިންސާފުން ސަލާމަތްކުރެވުނެވެ. މަރސީޑީސް ބުނިގޮތުގައި މިއީ އިންސާފު ލިބޭނެ ކަމުގެ އުއްމީދެއް ނެތް ކުދިކުދި ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް ލިބިގެންދިޔަ އިތުރު ހިތްވަރެކެވެ. ކާރމެލާއާ މެދު ކަންކަން ވެދިޔަގޮތުގެ ސަބަބުން އިންސާފު ލިބޭނެކަމުގެ އުއްމީދު އެމީހުންނަށް ލިބިގެންދިޔައެވެ. އަދި މިއީ ޙައްލުކުރަން ދަތި ކަމަކަށްވިޔަސް ރައްޔިތުންގެ ޝަކުވާ ހުށަހެޅޭނެ މަގު ތަނަވަސްކޮށް އެމީހުންނަށް ރައްކާތެރިކަން ލިބޭނެގޮތް ހަދައިދޭން މަސައްކަތްކުރަމުންދާނެ ކަމަށް އޭނާ ބުންޏެވެ.
………
ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “True stories” ގެ ތެރެއިން ނަގާފައިވާ “Police Crackdown” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
http://www.transparency.org/news/story/police_crackdown