ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ޑްރާފްޓަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލައިފި

ކުރިޔަށް އޮތް 5 އަހަރަށް އަމާޒުކޮށްގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭނަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އާންމުންނަށް މިއަދު ހުޅުވާލައިފިއެވެ. ދައުލަތުގެ އިދާރާތަކުގެ ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މަޤްޞަދުގައި ތައްޔާރުކުރެވޭ މިޕްލޭން އެކުލެވިގެންވަނީ މައިގަނޑު 5 ސިޔާސަތެއްގެ މައްޗަށެވެ. އަދި ކޮންމެ ސިޔާސަތެއްގެ ދަށުން ޙާޞިލު ކުރަންޖެހޭ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަގުފަހިވާނެ ގޮތަށް ގިނަ ސްޓެރެޓެޖީތަކެއްގެ މައްޗަށް ބިނާ ކުރެވިފައިވާ އެކްޝަން ޕްލޭނެއްގެ ޑްރާފްޓް މިހާރުވަނީ ތައްޔާރު ކޮށް އާންމުކޮށްފައެވެ. ދައުލަތުގެ ތަފާތު 31 އިދާރާއެއް އިސްފަރާތްތަކާ ޙިއްޞާ ކުރެވި އެފަރާތްތަކުގެ ޚިޔާލާ އެކު މިހާރު ތައްޔާރު ކުރެވިފައިވާ ޕްލޭންގެ ދެލިކޮޕީ އާންމުކޮށް ޝާއިޢު ކުރެވިފައިވަނީ ނޭޝަނަލް އިންޓަރގްރިޓީ ޕްލޭނަށް ޚާއްޞަކޮށްގެން އޭސީސީން ތައްޔާރުކޮށްފައިވާ ވެބްސައިޓުގައެވެ.

އަދި ކޮމެންޓުކުރުމަށް ބޭނުންވާ ފަރާތްތަކުން ކޮމެންޓު ހުށަހަޅާ ފޯމުފުރުއްވުމަށް ފަހު އޭސީސީއަށް އީ-މެއިލް، ފެކްސް މެދުވެރިކޮށް ނުވަތަ އެސީސީއަށް ޙާޟިރުވެގެންވެސް ޚިޔާލު ހުށަހެޅުއްވިދާނެއެވެ. މިގޮތުން ހުށަހަޅަން ބޭނުންވާ ޚިޔާލުތައް 2016 ޖެނުއަރީ 10 ވަނަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން އޭސީސީއަށް ހުށަހަޅުއްވަން ޖެހެއެވެ. ނޭޝަނަލް އިންޓަގްރިޓީ ޕްލޭންގެ ވެބްސައިޓުގެ އެޑްރެހަކީ http://nip.gov.mv އެވެ. އަދި އީމެއިލްއިން ޚިޔާލު ހުށަހަޅުއްވާނަމަ މެއިލް ކުރައްވާނީ nip@acc.gov.mv އަށެވެ.

ނޭޝަނަލް އިންޓެގްރިޓީ ޕްލޭނަށް ކޮމެންޓް ހުށަހަޅާ ފޯމް ޑައުންލޯޑްކުރުމަށް


ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސް އާ ޙިއްސާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ތައްޔާރު ކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި އޭސީސީ އާއެކު މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން ގެންދާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކުގެތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސް އާއެކު ބޭއްވުމަށް ހަމަޖެހުނު ބައްދަލުވުން 22 ޑިސެންބަރު 2015 ވީ އަންގާރަ ދުވަހުވަނީ ބާއްވާފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާ ޖަވާބަށް ޚާއްޞަ ވަގުތުކޮޅެއް ހިމަނާލެވުނެވެ. އަދި، ނެޝަނަލް އިންޓެގްރިޓީ ޕްލޭން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންނާއި، ނަޒާހަތްތެރިކަން ކުރިއެރުވުމުގައި ދެމުއައްސަސާ ގުޅިގެން ކުރިއަށް ގެންދެވިދާނެ ޙަރަކާތްތަކާ ބެހޭގޮތުން ދެމުއައްސަސާގެ އިސްވެރިންގެ މެދުގައި މި ބައްދަލުވުމުގައިވަނީ މަޝްވަރާ ކުރެވިފައެވެ.

މިހާތަނަށް ދައުލަތުގެ 31 އިދާރާއެއްގައި މި ސެޝަން ބޭއްވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި، މިފަދަ އިތުރު ސެޝަންތައް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެލައްވާ އިދާރާތަކުގެ އިސް ވެރިންނަށް އަމާޒުކޮށްގެން އިތުރު ބައްދަލުވުންތައް ކުރިޔަށް ގެންދިއުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.


ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ މަޢުލޫމާތު ސިވިލް ސަރވިސް ކޮމިޝަނާ ޙިއްސާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ތައްޔާރު ކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި އޭސީސީ އާއެކު މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން ގެންދާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  ސިވިލް ސަރވިސް ކޮމިޝަނާއެކު 29 ޑިސެންބަރު 2015 ވީ އަންގާރަ ދުވަހުވަނީ ބާއްވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާ ޖަވާބަށް ޚާއްޞަ ވަގުތުކޮޅެއް ހިމަނާލެވުނެވެ. އަދި، ނެޝަނަލް އިންޓެގްރިޓީ ޕްލޭން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންނާއި، ނަޒާހަތްތެރިކަން ކުރިއެރުވުމުގައި ދެމުއައްސަސާ ގުޅިގެން ކުރިއަށް ގެންދެވިދާނެ ޙަރަކާތްތަކާ ބެހޭގޮތުން ދެމުއައްސަސާގެ އިސްވެރިންގެ މެދުގައި މި ބައްދަލުވުމުގައިވަނީ މަޝްވަރާ ކުރެވިފައެވެ.

މިހާތަނަށް ދައުލަތުގެ 32 އިދާރާއެއްގައި މި ސެޝަން ބޭއްވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި، މިފަދަ އިތުރު ސެޝަންތައް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެލައްވާ އިދާރާތަކުގެ އިސް ވެރިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.


ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ މަޢުލޫމާތު ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީއާ ޙިއްސާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ތައްޔާރު ކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި އޭސީސީ އާއެކު މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން ގެންދާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ އާއެކު 28 ޑިސެންބަރު 2015 ވީ ހޯމަ ދުވަހުވަނީ ބާއްވާފައެވެ.

ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާ ޖަވާބަށް ޚާއްޞަ ވަގުތުކޮޅެއް ހިމަނާލެވުނެވެ. އަދި، ނެޝަނަލް އިންޓެގްރިޓީ ޕްލޭން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންނާއި، ނަޒާހަތްތެރިކަން ކުރިއެރުވުމުގައި ދެމުއައްސަސާ ގުޅިގެން ކުރިއަށް ގެންދެވިދާނެ ޙަރަކާތްތަކާ ބެހޭގޮތުން ދެމުއައްސަސާގެ އިސްވެރިންގެ މެދުގައި މި ބައްދަލުވުމުގައިވަނީ މަޝްވަރާ ކުރެވިފައެވެ.

މިހާތަނަށް ދައުލަތުގެ 31 އިދާރާއެއްގައި މި ސެޝަން ބޭއްވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި، މިފަދަ އިތުރު ސެޝަންތައް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެލައްވާ އިދާރާތަކުގެ އިސް ވެރިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

 


ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމަށް ކުރެވެމުންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު ޖުޑީޝަލް ސަރވިސް ކޮމިޝަނާ ޙިއްޞާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ތައްޔާރު ކުރާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ކޮމިޝަނާއެކު ބައިވެރިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން ގެންދާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހިންގައިފިއެވެ.
މި ސެޝަން ބޭއްވިފައިވަނީ 12 އޮކްޓޯބަރ 2015 ވީ ހޯމަ ދުވަހުގެ މެންދުރު 14:00 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގައެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ސެޝަންގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާއި ޖަވާބަށް ޚާއްޞަ ވަޤުތުކޮޅެއް ހިމަނާލެވުނެވެ. އަދި ނެޝަނަލް އިންޓެގްރިޓީ ޕްލޭންގައި ހިމެނިދާނެ އިތުރު ކަންކަމާއި ޕްލޭން އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މެމްބަރުންގެ މެދުގައި މަޝްވަރާކުރެވުނެވެ.
މިހާތަނަށް ދައުލަތުގެ 17 އިދާރާއެއްގައި މި ސެޝަން ބޭއްވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި، މިފަދަ އިތުރު ސެޝަންތައް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެލައްވާ އިދާރާތަކުގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައެވެ.


ކޮރަޕްޝަން ކްލިނިކް

ހަރާރޭގެ މުނިސިޕަލް ކްލިނިކަށް ރޫޑޯ(އަޞްލު ނަމެއް ނޫން) އޭނާގެ 84 އަހަރުގެ މަންމަ ގޮވައިގެން ދިޔައެވެ. ޒިންބާބުވޭގެ ފަގީރުންނަށް ފަސޭހައިން ޞިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ހުޅުވިފައިވާ މިފަދަ ކްލިނިކް ތަކުން ކުޑަކުދީންނަށާއި މުސްކުޅީންނަށް ހިލޭ ފަރުވާ ހޯދައިދިނުމުގެ އިތުރުން އެހެންމީހުންނަށް ފަސޭހަ ކަމާއެކު އެ ޚިދުމަތްތަށް ހޯދޭނެ މަގު ތަނަވަސް ކޮށްދޭންޖެހެއެވެ.
ނަމަވެސް ކްލިނިކުތަކުގައި ކަންތައްތައް ހިނގަމުން އަންނަނީ މުޅީން ތަފާތުގޮތަކަށެވެ. 5 ގަޑި އިރުވަންދެން މަޑުކޮށްގެން ތިބުމަށް ފަހު ސަފުގެ އެންމެ ކުރިޔަށް ދެމައިންނަށް ދެވުމުން ޚިދުމަތް ދޭންތިބި ނަރުހުން ޑޮކްޓަރަށް ދެއްކުމަށާއި ބޭހަށް 7 ޑޮލަރު ދައްކަން އެންގިއެވެ. އެފައިސާ ދެއްކެން ނެތުމާއެކު ރޫޑޯ، އޭނާގެ މަންމައަކީ އުމުރުން ދުވަސްވީ މީހަކަށް ވުމުން އިނާޔަތް ޙައްޤުވާ މީހެއްކަން ސާބިތުކޮށް ދިނުމަށް މަންމަގެ ހެލްތް ކާޑް ނަރުހުންނަށް ދެއްކިއެވެ. ނަމަވެސް އެދެމައިން ގެ ވާހަކަތަކަށް ބީރުކަންފަތެއް ދިނުމަށްފަހު ފަރުވާ ނުދީ ފޮނުވާލިއެވެ.
ދުއިސައްތަ ފަންސާސް ކިލޯ މީޓަރ ދުރުން ޚިދުމަތް ލިބިގަތުމަށް ކްލިނިކަށް ދިޔަ ޝޯނާއަށް (އަޞްލު ނަމެއް ނޫން) ވެސް ދިމާވީ މިފަދަ މައްސަލައެކެވެ. ފައިސާ ދެއްކެން ނެތުމުން އޭނާގެ ލޯކަލް މުނިސިޕަލް ކްލިނިކުން ޚިދުމަތް ފޯރުކޮށްނުދީ ފޮނުވާލެވުނެވެ. މާބަނޑު އަންހެނެއް ކަމުން ފައިސާ އެއްކުރުމަށްފަހު އޭނާގެ ބަނޑަށް ތިންމަހުގައި ޢާއްމު ޞިއްޙީ މަރުކަޒުގައި ރަޖިސްޓްރީ ކުރިއެވެ. މީގެ ސަބަބުން ވިހެއުމާ ހަމައަށް ޤަވާއިދުން ހިލޭ ޗެކްއަޕް ހެދުމުގެ ޙައްޤު އޭނާއަށް ލިބިގެން ދިޔައެވެ.
ނަމަވެސް އޭނާގެ ފުރަތަމަ އެޕޮއިންޓްމެންޓަށް ކްލިނިކަށް ދިޔުމާއެކު ޑޮކްޓަރަށް ދެއްކުމަށް އިތުރު ފީއެއްގެ ގޮތުން 3 ޑޮލަރު ކޮންމެ ފަހަރަކު ދައްކަން ޖެހޭނެ ކަމަށް ބުންޏެވެ. އެހެންކަމުން ފައިސާ ދެއްކެން ނެތުމާއެކު ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ޝޯނާ ގެއަށް ދިޔައެވެ. އަދި އޭނާ ވިހެއީވެސް ޞިއްހީ ފަރާތެއްގެ އެހީތެރިކަމެއްނެތި ގޭގައެވެ. އެއަށްފަހު ޝޯނާ އޭނާގެ ދަރިފުޅަށް ވެކްސިން ދިނުމަށްޓަކައި ކްލިނިކަށް ދިޔައެވެ. މިފަހަރުވެސް އޭނާއާ ކުރިމަތިވީ އިތުރު ފައިސާގެ މައްސަލަތަކާއެވެ. ގޭގައި ވިހެއުމަކީ މަނާކަމަކަށް ވުމުން ޖޫރިމަނާ ގެ ގޮތުގައި ބަކަރިއެއްގެ އަގުވެސް އޭނާއަށް ދައްކަންޖެހުނެވެ.
ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް ގެ ޤާނޫނީ ލަފާދޭ ޓީމަށް ރޫޑޯއާއި ޝޯނާއާ ބައްދަލުވީ 2012 ވަނަ އަހަރު ހިންގުނު ހޭލުންތެރިކުރުމުގެ ޙަރަކާތެއްގެ ތެރެއިންނެވެ. އަދި އެދެމީހުންގެ ވާހަކައިގެ އިތުރަށްވެސް ވަރަށް ބައިވަރު ޝަކުވާތަށް ލިބެމުންދިޔައެވެ. ޤާނޫނީ ލަފާދޭ ޓީމްގެ ލީގަލް އޮފިސަރު ދަނާއީ ބުނިގޮތުގައި “ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް އެކުދިންގެ ބެލެނިވެރިންގެ އަތުގައި ޑޮކްޓަރަށް ދެއްކުމަށް ފައިސާ ނެތްނަމަ ބޭސްފަރުވާ ކުރުމަށް ފުރުޞަތު ނުދެވި ފޮނުވާލެވެއެވެ. ނަމަވެސް މިކުދީންނަށް ހަޤީޤަތުގައި ހިލޭ ބޭސް ފަރުވާ ލިބެންޖެހެއެވެ.” ދަނާއީ އިތުރަށް ބުނިގޮތުގައި “އެޗް.އައި.ވީ އަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބޭސް ހިލޭ ފޯރުކޮށްދިނުމުގެ ބަދަލުގައި ނަރުހުން، އެބޭސް ވިއްކަމުން ދާކަން ފާހަގަ ކުރެވިފައިވެއެވެ.”
މިގޮތުން ގެއްލުން ލިބިފައިވާ މިފަދަ ފަރާތްތަކުގެ ނަމުގައި ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްއިން ކޮރަޕްޝަނުގެ ޢަމަލުތަކާ ބެހޭ ގޮތުން ޤައުމުގެ އިސް އޮފިޝަލުންނަށް ލިޔުމުން އަންގައި މިކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެދުނެވެ. މިމައްސަލައަށް ޙައްލެއް ލިބިފައިނުވި ނަމަވެސް މިކަމުގައި ޝާމިލްވާ ފަރާތްތަށް ޙާޒިރުކުރެވި ތަޙްޤީޤު ކުރުން ކުރިޔަށް އެބަދެއެވެ.
ދަނާއީ އިތުރަށް ބުނި ގޮތުގައި “މިއީ ސިއްޙި ދާއިރާ އިތުރަށް ރަނގަޅު ކުރުމަށް ކުރާ މަސައްކަތައް ހުރަސް އަޅާ އަމިއްލަ މަޞްލަޙަތަށް އިސްކަންދޭ އޮފިޝަލުންނާ މެދު ފިޔަވަޅު އަޅާނެކަމާއި މިފަދަ ޢަމަލުތައް ހިނގާއިރު އެކަން ކުށްވެރިނުކޮށް މަޑުން ނުތިބޭނެކަމަށް ސިއްޙީ ދާއިރާގައި މަސައްކަތްކުރާ އެހެން އޮފިޝަލުންނަށް ދެވޭ މެސެޖެކެވެ.”

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “True stories” ގެ ތެރެއިން ނަގާފައިވާ “corruption clinic” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
https://www.transparency.org/news/story/corruption_clinic


“ޕޮލިސް ކްރެކްޑަވުން”

ނިދަން އޮތް، 50 އަހަރުގެ ކާރމެލާއަށް، ނިދިން ހޭލެވުނީ މަތީބުރީގައި ހުރި އޭނާގެ ދަރިފުޅު ސެމިއުލް އުޅޭ އެޕާރޓްމެންޓުން އިވުނު ހަޅޭކުގެ އަޑަށެވެ. ވެގެން އުޅޭ ގޮތެއް ބަލަން، ބާރުލައި މައްޗަށް ދިޔަ ކާރމެލާއަށް ފެނުނީ، އޭނާގެ 27 އަހަރުގެ ދަރިފުޅު ދެބައިކުޅަ އެއްބައި ބަރަހަނާ ޙާލުގައި ތަޅުންގަނޑު މަތީ އޮއްވައިކަމަށް ކާރމެލާބުނެއެވެ. ފުލުހުން ދިއައީ އޭނާ ގައިގައި ތަޅަމުންނެވެ. ފެނުނު މަންޒަރަށް ކެތްނުކުރެވި ކާރމެލާ ބަޑި ފަޅައިގެންދިއައެވެ. ކާރމެލާގެ އާދޭހުގެ ރުއިމަށް ބީރުކަންފަތެއް ދިނުމަށްފަހު، ފުލުހުން ސެމިއުލް ދަމާ ނެރެގެން އެމީހުންގެ ހެޑްކުއާރޓަރަށް ގެންދިޔައެވެ. އަދި ދޫކޮށްލެވެން އޮތީ ހަމައެކަނި ފައިސާދިނުމުން ކަމަށް ބުނެ ފައިސާ ދިނުމަށް އެދުނެވެ.
އަހަރެމެން(ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް ވެނެޒުއެލާ) ނާ ކާރމެލާއާ ދިމާވީ އަހަރެމެން ކާރމެލާ ދިރިއުޅޭ ހިސާބުގައި މަސައްކަތްކުރަން ފެށި ހިސާބުންނެވެ. އެއީ އެހިސާބުގައި، ގެދޮރުނެތް މީހުން ދިރިއުޅެން ސަރުކާރުން ހަދައިދީފައި ހުރި ޢިމާރާތަކުންނެވެ. އެހިސާބުން އަހަރެމެންނާ ދިމާވި ގިނަ މީހުން، އެފަރާތްތަކަށް ފުލުހުންގެ ފަރާތުން ފޯރާ ދުއްތުރާތަކާ ފުރައްސާރަތަކުގެ ޝަކުވާކުރިއެވެ. އެމީހުން ބުނާގޮތުން، ފުލުހުންގެ ފަރާތުން ކުރިމަތިވާ މި ދުއްތުރާތަކުން ސަލާމަތްވާން ބޭނުންނަމަ، ފުލުހުން ޑިމާންޑުކުރާ ރިޝްވަތުގެ ފައިސާ އެމީހުންނަށް ދޭންޖެހެއެވެ. އަދި މިފައިސާ ދޭން ދެކޮޅު ހަދާނަމަ ނުކުރާ ކުށަށް އަދަބުދީ، ޤާނޫނާ ޚިލާފަށް ބަންދުކޮށް، ޖިސްމާނީ އަދި ޖިންސީ ގޯނާކޮށް ހަދާކަމަށް އެމީހުން ބުނެއެވެ. ބައެއް އެހެން މީހުން ބުނާގޮތުން، ފުލުހުން އެމީހުންގެ އައިޑީ ކާޑު ހިފަހައްޓައި އޭގެ ބަދަލުގައި ފައިސާ ހޯދަން އެދެއެވެ. މިގޮތަށް ހޯދަން އެދޭ ފައިސާގެ ޢަދަދުތައް އެތައްހާސް ޑޮލަރަށް އަރާ ފަހަރު އާދެއެވެ. އަދި އެ ހިސާބުގަނޑުގެ ބައެއް މީހުން ބުނާގޮތުން، ގުޅުން ނެތް ކުށުގެ ވެއްޓެއްގައި އައިޑީކާޑު ބާއްވަފާނެކަމުގެ ބިރަކީވެސް، ލާރިނުދައްކައިފިނަމަ އޮންނަ ބޮޑު ބިރެކެވެ. މިގޮތަށް ކަންކަން ހުރުމުން، ކޮންމެވެސް ގޮތަކަށް އެފައިސާ ހޯދައިގެން ފުލުހުންނާ ހަވާލުކުރާކަމަށް އެމީހުން ބުނެއެވެ.
ނަމަވެސް، މިއީ ކާރމެލާއަށް ކުރެވެން އޮތް ކަމެއް ނޫނެވެ. ކާރމެލާއަކީ ހަތަރު ކުދިންގެ މަންމައެކެވެ. އޭގެން އެއް ކުއްޖަކަށް ކެންސަރު ބަލި ޖެހިފައިވާއިރު، އަނެއް ކުއްޖާ، އަމިއްލައަށް ދަންޖެހިގެން މަރުވުމުގެ ސަބަބުން، އެމަރުވި ދަރިފުޅުގެ ފަސް ކުދިން ބެލުމުގެ ޒިންމާވެސް އަދާކުރަންޖެހިފައިވަނީ، ކާރމެލާއަށެވެ. އެކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއަށްވީ އަދި އެންމެ ތިން އަހަރެވެ. ގެ ބަލަހައްޓާ މީހެއްގެ ވަޒީފާ އަދާކުރާ ކާރމެލާއަށް އެމަސައްކަތުން ލިބޭ ކުޑަކުޑަ އާމްދަނީން، ފުލުހުންނަށް ދޭނެ ވަރަކަށް ފައިސާއެއް ނުލިބެއެވެ. މިކަމުގައި އެހީއަށް އެދި، ކާރމެލާ ދިޔައީ، އެހިސާބުގަނޑުގެ ކަމުވޮށިގެންވާ މީހެއްކަމަށްވާ މާގަރީޓާ ގާތަށެވެ. މާރގަރީޓާއަށްވެސް ފާޅުގައި ފުލުހުންގެ އެޢަމަލުތަކުގެ ވާހަކަދައްކަން ނުކެރުނެވެ. އަދި އެކަމުގައި ކާރމެލާ އަހަރެމެންގެ ގާތަށް ފޮނުވިއެވެ.
ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް ވެނެޒުއޭލާގެ އޮފީހުގައި މަސައްކަތް ކުރަމުން އަންނަ މަރސީޑީސް ޑި ފްރެއިޓަސް ބުނިގޮތުގައި ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލުންދަނީ ކާރމެލާ ދިރިއުޅޭ ހިސާބުގައި ހިނގާ އެކިއެކި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭގޮތުން، އެހިސާބުގެ އިސް އޮފިޝަލުންނާ މަޝްވަރާކުރަމުންނެވެ. އަދި ކަރމެލާގެ ޝަކުވާއާ ގުޅިގެން ސަރުކާރުގެ އިސް އޮފިޝަލުންނަށް ގުޅައި ފުލުހުންނާ ގުޅިގެން ވަގުތުން ވަގުތަށް މައްސަލަ ޙައްލުކުރުމަށް ފިޔަވަޅު އެޅުމަށް ބާރުއެޅިއެވެ.
ކާރމެލާ އޭނާގެ ދަރިފުޅު ސެމިއުލް ދޫކޮށްލުމަށް ފުލުހުން ކުރި ޑިމާންޑަށް ފައިސާ ޙަވާލުކުރުމަށް ފުލުސް ސްޓޭޝަނަށް ދިޔައިރު، ކަމާ ގުޅުންހުރި މައްސަލަ ބަލާ ފަރާތްތަކުން ތިބީ އެމައްސަލަ ބަލާށެވެ. އަދި ކާރމެލާ ގެންދިޔަ ފައިސާ ފުލުހުން ނެގުމާއެކު، އެކަމުގައި ބައިވެރިވި ފުލުހުން ހައްޔަރުކުރިއެވެ. އެ ފުލުހުން މިހާރު ތިބީ ބަންދުގައެވެ. އެމީހުންގެ ތަޙްޤީޤު ނިމި ޝަރީޢަތް ވަރަށް އަވަހަށް ކުރިއަށްދާނެއެވެ. އެއްވެސް ފައިސާއެއް ދެއްކުމަކާ ނުލައި ސެމިއުލް، ބޭއިންސާފުން ސަލާމަތްކުރެވުނެވެ. މަރސީޑީސް ބުނިގޮތުގައި މިއީ އިންސާފު ލިބޭނެ ކަމުގެ އުއްމީދެއް ނެތް ކުދިކުދި ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް ލިބިގެންދިޔަ އިތުރު ހިތްވަރެކެވެ. ކާރމެލާއާ މެދު ކަންކަން ވެދިޔަގޮތުގެ ސަބަބުން އިންސާފު ލިބޭނެކަމުގެ އުއްމީދު އެމީހުންނަށް ލިބިގެންދިޔައެވެ. އަދި މިއީ ޙައްލުކުރަން ދަތި ކަމަކަށްވިޔަސް ރައްޔިތުންގެ ޝަކުވާ ހުށަހެޅޭނެ މަގު ތަނަވަސްކޮށް އެމީހުންނަށް ރައްކާތެރިކަން ލިބޭނެގޮތް ހަދައިދޭން މަސައްކަތްކުރަމުންދާނެ ކަމަށް އޭނާ ބުންޏެވެ.
………
ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “True stories” ގެ ތެރެއިން ނަގާފައިވާ “Police Crackdown” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
http://www.transparency.org/news/story/police_crackdown


ފެނުގެ ކާރިޘާ

ފެނަކީ ދިރިހުރުމަށް ބޭނުންވާ އަސާސީ ވަޞީލަތްތަކުގެ ތެރެއިން އިންސާނުން ނަހަމަ ގޮތުގައި ބޭނުންކުރާ އެއްވަޞީލަތެވެ. ދެކުނު އެފްރިކާގެ ގިނަ އަވަށްތަކަކީ ފަޤީރުން ގިނަ މުޖުތަމަޢެއް ކަމަށްވެފައި މި ސަރަޙައްދުގެ ގިނަ ގެތަކުގައި ސާފު ފެން ލިބޭނެ ގޮތެއް ޤާއިމް ކުރެވިފައެއް ނުވެއެވެ. މީގެ ސަބަބުން ދިރިހުރުމަށް ބޭނުންވާ ސާފު ބޯފެން ލިބިގަތުމަށް މަސައްކަތް ކުރުމަކީ މިއަވަށްތަކުގެ ރައްޔިތުން ކޮންމެ ދުވަހަކުވެސް ކުރިމަތިލާންޖެހޭ ހަނގުރާމައަކަށް ވަނީ ވެފައެވެ.

މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ރައްޔިތުން ކެއްކުމަށާއި ސާފު ތާހިރުވުމަށް ބޭނުން ކުރެވޭނެހެން ސާފު ވާރޭފެން ތާނގީތަކަށް ނަގައި ގޭގެއަށް ފޯރުކޮށް ދިނުމުގެ މަޤްޞަދުގައި ދެކުނު އެފްރިކާގެ ސަރުކާރުން މަލްޓި-މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއް ވަނީ ފަށާފައެވެ. ނަމަވެސް ޤައުމުގެ ބައެއް ހިސާބުތަކުގައި އުޅޭ އިސް އޮފިޝަލުން އަމިއްލަ މަސްލަޙަތަށް އިސްކަން ދިނުމުގެ ސަބަބުން މަސައްކަތް މަޑުޖެހޭ ގޮތް ދިމާވެއެވެ.

މިގޮތުން ކުވާޒުލޫ-ނަތާލް ޕްރޮވިންސާގުޅޭ މައްސަލައެއް ދެކުނު އެފްރިކާގައި ހުންނަ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ އެންޓި-ކޮރަޕްޝަން ސެންޓަރަށް ހުށަހެޅުނެވެ. ކުވާޒުލޫ-ނަތާލް ޕްރޮވިންސަކީ ސާފު ފެން ލިބުމުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތި ވެފައިވާ ސަރަޙައްދެވެ. މިތަނުގެ އާބާދީގެ 14 އިންސައްތަ މީހުން ދިރިއުޅެމުން އަންނަނީ ސާފު ބޯފެނާ ނުލައެވެ.

ހުށަހެޅުނު ޝަކުވާގައި ވާގޮތުން ޕްރޮވިންސުގައި ބަހައްޓަންޖެހޭ ފެންތާނގީތައް ހަރުކޮށްފައިވަނީ ރަނގަޅަކަށް ނޫނެވެ. މީގެ ސަބަބުން ބައެއް ފެންތާނގީތަކުގެ ބޭނުން އެއްވެސް ގޮތަކަށް ނުކުރެވި ރައްޔިތުން ސާފު ފެން ލިބުމުގެ ޙައްޤުން މަޙްރޫމްވެގެން ދިއައެވެ. އަދި މަސައްކަތް ކުރާ ފަރާތްތަކުން ދަނީ އެމީހުން ކޮށްފައިނުވާ މަސައްކަތްތަކަށްވެސް އުޖޫރަ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ އެންޓި-ކޮރަޕްޝަން ސެންޓަރުން ތަޙްޤީޤުފަށައި ކުރިޔަށް ގެންދިޔުމުން އިނގުނު ގޮތުގައި ވާރޭފެން ތާނގީތައް ހަރުކުރުމަށް ސަރުކާރުން ކޮންޓްރެކްޓް ޙަވާލުކޮށްފައިވާ ފަރާތަކީ މި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތެއް ނޫންކަމުގެ ހެކި ލިބިގެންދިޔައެވެ.

އަދި ކޮންޓްރެކްޓް ޙަވާލު ކުރެވިފައިވާ ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ އޮފިޝަލެއްގެ ގޮތުގައި ކުރީގައި މަސައްކަތް ކުރި ފަރާތެއް ހިންގަމުންދާ ކުންފުންޏެއް ހިމެނޭކަންވެސް ފާހަގަ ކުރެވުނެވެ. އަދި މިއޮފިޝަލަކީ މީގެ އަހަރެއްހާ ދުވަސްކުރިން ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާ ދެމެދު މިފަދަ ކޮންޓްރެކްޓްތައް ހަދާ، ކޮންޓްރެކްޓް ދިނުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ އޮފިޝަލެއްކަންވެސް އެނގި ހާމަވިއެވެ.

މިއީ ހަމައެކަނި މިފަދައިން ހިންގާފައިވާ ޢަމަލަކަށް ނުވިނަމަވެސް، ދެކުނު އެފްރިކާގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނާ ގޮތުގައި ކުވާޒުލޫ-ނަތާލް ޕްރޮވިންސުގައި ބޯފެނުގެ ދަތިކަން ދިމާވެފައިވަނީ ހިންގުމާއި މާލީ ނިޒާމު ފެއިލް ވެފައިވުމުންނެވެ. ޚާއްސަ ގޮތެއްގައި ޕްރޮޖެކްޓްތަކަށް ޚަރަދު ކުރުމާއި މަސައްކަތް ހިންގުމުގައި ނިޒާމީ މައްސަލަތައް ހުރިކަން އެކޮމިޝަނުން ފާހަގަ ކުރެއެވެ.

އެހެންކަމުން ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްއިން އަންނަނީ ކަމާބެހޭ ފަރާތްތަކުން ޖަވާބުދާރީ ވުމަށް ބާރު އަޅަމުންނެވެ. އަދި މިކަން ޙައްލު ކުރުމަށް މަސައްކަތް ފެށުމުގެ ގޮތުން، އޮފިޝަލުން ވަނީ ޕްރޮވިންސުގެ އެކިއެކި ގޭގެއަށް ގޮސް މަސައްކަތް ކުރާ މީހުން ލައްވާ އެމީހުންގެ އަމިއްލަ ޚަރަދުގައި ފެންތާނގީތައް ހަރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

މިއީ ރަނގަޅު ފެށުމެއް ނަމަވެސް ސާފުބޯފެން ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހެއެވެ. ސާފުބޯފެން ކޮންމެ މީހަކަށް ލިބުމަކީ އިންސާނީ ޙައްޤެއްގެ ގޮތުގައި ކަނޑައެޅާފައިވާއިރު މިފަދަ ބިޔަ ޕްރޮޖެކްޓްތައް ފެށިގެން ކުރިޔަށް ގެންދަންވާނީ ފުރަތަމަ ދުވަހުން ފެށިގެން ދުރާލާ ރޭވި ރަނގަޅަށް ކަންކަން ހިނގާތޯ ބެލޭނެ ނިޒާމެއްގެ ދަށުންނެވެ.

 

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “True stories” ގެ ތެރެއިން ނަގާފައިވާ “Water crisis” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

https://www.transparency.org/news/story/water_crisis

 


ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ މަޢުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަނާ ޙިއްސާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ތައްޔާރު ކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި އޭސީސީއާ އެކު މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން ގެންދާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކުގެ ތެރެއިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއެކު ބޭއްވުމަށް ހަމަޖެހުނު ބައްދަލުވުން 12 ނޮވެމްބަރ 2015 ދުވަހު ބޭއްވުނީ އެޗްއާރުސީއެއް ގައެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާ ޖަވާބަށް ޚާއްޞަ ވަގުތުކޮޅެއް ހިމަނާލެވުނެވެ. އަދި، ނެޝަނަލް އިންޓެގްރިޓީ ޕްލޭންގައި ހިމެނިދާނެ އިތުރު ކަންކަމާއި ޕްލޭން އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެވުނެވެ.
މިހާތަނަށް ދައުލަތުގެ 29 އިދާރާއެއްގައި މި ސެޝަން ބޭއްވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި، މިފަދަ އިތުރު ސެޝަންތައް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެލައްވާ އިދާރާތަކުގެ އިސް ވެރިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.


ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ މަޢުލޫމާތު އެޑިއުކޭޝަން މިނިސްޓްރީއާ ޙިއްސާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ތައްޔާރު ކުރާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ކޮމިޝަނާއެކު ބައިވެރިވެފައިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން ގެންދާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބާއްވައިފިއެވެ.
މިގޮތުން އެޑިއުކޭޝަން މިނިސްޓްރީގައި މިބައްދަލުވުން ބޭއްވުނީ، 2 ނޮވެންބަރު 2015 ވީ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އިސް މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާ ޖަވާބަށް ޚާއްޞަ ވަގުތުކޮޅެއް ހިމަނާލެވުނެވެ. އަދި، ނެޝަނަލް އިންޓެގްރިޓީ ޕްލޭންގައި ހިމެނިދާނެ އިތުރު ކަންކަމާއި ޕްލޭން އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެވުނެވެ.
މިހާތަނަށް ދައުލަތުގެ 28 އިދާރާއެއްގައި މި ސެޝަން ބޭއްވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި، މިފަދަ އިތުރު ސެޝަންތައް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެލައްވާ އިދާރާތަކުގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.