މާބަނޑު އަންހެނުންގެ ޙައްޤުތައް

ނޭޕާލުގެ ފަރުބަދަމަތީގެ އެކަހެރި ސަރަޙައްދުތަކުގައި އުޅޭ މީހުންނަށް ވިހެއުމަކީ  ވަރަށް ނުރައްކާތެރި ކަމަކަށް ބައެއްފަހަރު ވެއެވެ. އަދި ޒަމާނުއްސުރެ އޮންނަ އާދަކާދައާ އެއްގޮތަށް ގިނަ މާބަނޑު އަންހެނުން ވިހަނީ އެއްވެސް ޞިއްޙީ ވަޞީލަތެއް ނުވަތަ ޑޮކްޓަރީ އެއްވެސް އެހީތެރިކަމަކާ ނުލައި ގޭގައެވެ. އަދި ވިހެއުމުގައި އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެނަމަ އެމައިންނަށް ބޭސްކުރަނީ އެކަމުގެ އެއްވެސް ފަންނީ ތަމްރީނެއް ލިބިފައިނުވާ ނުވަތަ ވަރަށް ކުޑަކޮށް ތަމްރީނު ވެފައިވާ ފޫޅުމައިންނެވެ. ނަތީޖާއެއްގެ ގޮތުން ނޭޕާލުގައި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 6 އަންހެނުން ވިހެއުމުގެ  ތެރޭގައި މަރުވެއެވެ. މިގޮތުން މަރުވާ ގިނަ މައިންނަކީ ފުރާވަރު ކުދިންނެވެ.

މިޙާލަތު ރަނގަޅު ކުރުމަށްޓަކައި ނޭޕާލުގެ ސަރުކާރުންވަނީ ހަސްފަތާލުގައި ވިހާ އަންހެނުން އިތުރުކުރުމުގެ ގޮތުން އެމީހުންނަށް ފައިސާގެ ކުޑަ އެލަވަންސްއެއް ދިނުމުގެ ޕްރޮގްރާމެއް ފަށާފައެވެ. މިކަމަކީ، ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިތިބި ކަމެކެވެ.

މިކަމަށް ލާރިދޫކުރަން ފެށި އެއް އަވަށުގެ އޮފިޝަލުން މިޕްރޮގްރާމް ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ބެލީ އަމިއްލަ ފައިދާ ހޯދޭތޯއެވެ! މާބަނޑު މީހުންގެ ޞައްޙަނޫން ލިސްޓެއް ހަދައި ސަރުކާރުންދޭ ލާރި އެމީހުން ނަގަން ފެށިއެވެ. ކާކުކަން ނޭނގޭ ގޮތަށް ވިސްލްބްލޯކުރި ފަރާތަކުން ޓްރާންސްޕޭރެންސީ އިންޓްނޭޝަނަލަށް ގުޅައި މިކަން ރިޕޯޓުކުރުމުން މިވާހަކަ މީޑިއާއާ ހިއްސާކުރުމަށް އެމީހުން އޭނާއަށް އެހީތެރިވެދިނެވެ. އަދި ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި މިވާހަކަ ހިމެނިގެންދިއުންވީ މާބަނޑު އަންހެނުންގެ ޙައްޤުތަކުގެ ވާހަކަ އާއްމުންނާ ހަމައަށް ވާސިލްވުމަށް އެހީތެރިވެދިން ކަމަކަށެވެ. މިކަންތައްތައް ފަޅާއެރުމުން އެއޮފިޝަލުން އެކަމަށް އެއްބަސްވެ އެމީހުން ނެގި ފައިސާ އޭގެ ޙައްޤުވެރިންކަމަށްވާ މާބަނޑު އަންހެނުންނަށް ލިބޭނެހެން އަނބުރާ ސަރުކާރާ ހަވާލުކުރިއެވެ.

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ބާތު ރައިޓްސް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

https://www.transparency.org/news/story/birth_rights


ރައްކާތެރިކަމަށް މަގެއް

މިވާހަކައަށް އަންނަނީ އުފާވެރި ނިމުމެއް ނަމަވެސް، ފެށިފައިވަނީ ހިތާމައާއި ހިތްދަތިކަމާއި ކަންބޮޑުވުންތަކާއެކުއެވެ. ޗެކް ރިޕަބްލިކްގެ މަގެއްގައި ބަހައްޓާފައިހުރި  އިޝްތިހާރުބޯޑުތަކެއްގެ ސަބަބުން، ދުއްވާމީހުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލި ފުރާނައަށް ނުރައްކާވަމުންދާކަމަށް ބުނެ ޗެކް ރިޕަބްލިކުގެ މަގުތަކުގެ ސަލާމަތާ ބެހޭ ގޮތުން މަސައްކަތްކުރާ ފަރާތެއްކަމަށްވާ ޑުރައިވަރުންގެ ޖަމްޢިއްޔާ (ޑްރައިވަރސް އެސޯސިއޭޝަން) އިން ގެންދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފާއިތުވެގެންދިޔަ ބާރަވަރަކަށް މަސްދުވަސް ތެރޭގައި އެއް މަގެއްގައި އެކަނިވެސް 10 މީހުންގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފައެވެ.

މިބޮޑު މައްސަލަ، ޑުރައިވަރުންގެ ޖަމްޢިއްޔާއިން ވަނީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް (ޓީއައި)ގެ ޗެކް ރިޕަބްލިކް ގޮފީގެ ސަމާލުކަމަށް ގެނެސްފައެވެ. ޖަމްޢިއްޔާއިން ބުނަމުން ގެންދިޔައީ އެ އިޝްތިހާރު ބިލްބޯޑު ބެހެއްޓިފައި ހުރީ މަގުމަތީގައި ބަހައްޓާ އެފަދަ ތަކެތި ބަހައްޓަންޖެހޭ ސަލާމަތީ މިންގަނޑާ ޚިލާފަށް މަގާ މާ ކައިރީގައި އެއްވެސް ‘ކްރޭޝް ބެރިއަރ’ (މަގުމަތީ ދުއްވާ އުޅަނދު މަގުގެ އަރި މަތީގައި ހުންނަ އެކިކަހަލަ އެއްޗެހީގައި ޖެހުނަނުދީ ސީދާ މަގުން ދުއްވަން ބާރުއެޅޭނެހެން ޖަހާފައި ހުންނަ ފެންސްތަކެއް) އެއް ނެތިއެވެ. މިފަދަ އެތައް އިޝްތިހާރު ބޯޑެއް ކަމާގުޅޭ އިދާރާތަކުގެ ހުއްދައާއެކު ޗެކް ރިޕަބްލިކްގެ އެކި ހިސާބުތަކުގައި ވަނީ ބެހެއްޓިފައެވެ.

މިކަން މިހެން ހިނގަނީ އެކަންކަން ބެލެހެއްޓުމާ ޙަވާލުވެ ތިބޭ ފަރާތްތަކުން މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެންކަމަށް ތުހުމަތުކުރެވެއެވެ. އަދި، ސިޔާސީ ބައެއް ފަރާތްތަކުން އެމީހުންގެ އިންތިހާބީ ކެމްޕޭނުގެ ތެރޭގައި އަގުދަށްކޮށް މީޑިއާ ކަވަރޭޖް ގެނެސްދޭ ގޮތަށް އެކަމުގެ ބަދަލުގައި އޮންނަ އުޞޫލުތަކުގެ ބޭރުން އިޝްތިހާރު ބޯޑުތައް ބެހެއްޓުމަށް ބައެއް ހުއްދަތަކުގައި ސޮއިކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަމުގެ ރިޕޯޓުތަކާ ގުޅިގެން ޓީއައި ޗެކް ރިޕަބްލިކުން މަގުތައް ބަލަހައްޓާ މޮޓޯވޭ އިދާރާއަށް ގުޅައި އެފަރާތާއި އިޝްތިހާރުކުރާ ކުންފުނިތަކާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ކޮޕީ ހޯދުމަށް އެދުނެވެ. އެހެން ނަމަވެސް ފުރިހަމަ އެއްބަސްވުންތަކުގެ ބަދަލުގައި އެފަރާތަށް ލިބުނީ އެއްބަސްވުންތަކުގެ ޚުލާޞާއެވެ.

ޓީއައި ޗެކްއިން މަޢުލޫމާތު ހޯދުމަށްޓަކައި ކެނޑިނޭޅި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މަޢުލޫމާތު ހާމަކުރުމުގެ ރިކުއެސްޓެއް އިދާރީ އެންމެ މަތީ ކޯޓާ (ސުޕްރީމް އެޑްމިނިސްޓްރޭޓިވް ކޯޓް) ހަމައަށް ދިޔައެވެ. އަދި ކޯޓުން ނިންމީ ސަރުކާރުގެ ކޮންޓްރެކްޓްތައް ބަލާ މުރާޖާކުރުމުގެ ފުރުސަތު އާންމުންނަށް ދޭންޖެހޭނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ޓީއައި ޗެކްރިޕަބްލިކާއި ޑުރައިވަރުންގެ ޖަމްޢިއްޔާއިން އެ މައްސަލައާ ގުޅޭ އެހެން ފަރާތްތަކަށް އެއިޝްތިހާރު ބޯޑުތަކާ ގުޅޭ އެއްބަސްވުންތައް ބެލުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

ލިބުނު އެއްބަސްވުންތައް ބެލިބެލުމުގައި ކަންބޮޑުވާންޖެހޭ ގިނަ ކަންކަން ހުރިކަން ފާހަގަކުރެވުނެވެ. އަދި އެފަރާތްތަކުން ޓްރާންސްޕޯޓް މިނިސްޓްރީއާއި މަގުތަކާއި މޮޓޯވޭ ޑައިރެކްޓަރޭޓްއާއެކު ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވިއެވެ. މިކަމާ ގުޅިގެން އެ އިދާރާތަކުން އެ އެއްބަސްވުންތައް ބާޠިލްކޮށް ކުރިއަށް އޮތްތާނގައި މަގުތަކުގެ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް އިޝްތިހާރުބޯޑުތައް ހަރުކުރެވޭކަން ޔަޤީންކުރުމުގެ މަސައްކަތް ފެށިއެވެ.

 

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ  “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ ‘ދި ރޯޑް ޓު ސޭފްޓީ” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ފުރިހަމަ ކުރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.


ނިގާރަން ނުލައި

2008 ވަނަ އަހަރު ގުއަޓަމަލާގައި ޕެޓްރޯލްގެ އަގު އަތްނުފޯރާހާ މައްޗަށް ގޮސް، އޭގެ އަސަރު އާބާދީގެ ބޮޑުބަޔަކަށް ކޮށް، އާއްމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ، ނަތީޖާއެއްގެ ގޮތުން ކަޅުބާޒާރުގައި ޕެޓްރޯލް ވިއްކަންފެށުނެވެ.

އަދި ހަމައެއާއެކު، މެކްސިކޯ ބޯޑަރު ހުރަސްކޮށް ގުއަޓަމަލާއަށް ވަންނަ ޓްރަކް ދުއްވާ ފަރާތްތަކުން ޕެޓްރޯލް ވަގަށް އެތެރެކޮށް އަގުހެޔޮކޮށް ވިއްކާކަމަށް ޝައްކުކުރެވިގެން މެކްސިކޯ ބޯޑަރު ސަރަޙައްދުގައި ދިރިއުޅޭ މީހުން އެޤައުމުގެ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް (ޓީ.އައި) ގޮތްޕަށް އެމައްސަލަ ހުށަހެޅިއެވެ. މިކަމާ ގުޅޭގޮތުން ތަފާތު އެކި ފަހަރުމަތިން ޓީ.އައި އަށް ފަންސަވީހަކަށް ފޯނުކޯލް ލިބިފައިވެއެވެ. އެމީހުން ބުނި ގޮތުގައި ތެޔޮ އެތެރެކުރާ ފަރާތްތަކުން އެކަންކުރަނީ ކަސްޓަމްސް ޑިއުޓީ ދެއްކުމުގެ ބަދަލުގައި އެސަރަޙައްދުގެ ބޯޑަރު ބަލަހައްޓާ އޮފިޝަލުންނަށް ރިޝްވަތު ދީގެންނެވެ. އަދި އެދުވަސްވަރުގެ މީޑިއާ ރިޕޯޓުތަކުންވެސް  އެނގުނު ގޮތުގައި ގުއަޓަމަލާގެ ބައެއް ސަހަރުތަކުގެ ބޭރުގައި ޤާނޫނާ ޚިލާފަށް ޕެޓްރޯލް ވިއްކާ ތަންތަން ހުޅުވައި އެތަންތަނުން ދިޔައީ ވަގަށް އަގުހެޔޮކޮށް ޕެޓްރޯލް ވިއްކަމުންނެވެ. މިކަމާ ގުޅިގެން، ރަޖިސްޓަރީކޮށްގެން ޤާނޫނާ އެއްގޮތަށް ޕެޓްރޯލް ވިއްކަމުން ގެންދިޔަ ފަރާތްތަކުން ބުނަމުން ގެންދިޔައީ، އެފަރާތްތަކުގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތައް ވަމުން ދިޔަކަމަށެވެ.

ޓީ.އައިގެ ގުއަޓަމަލާ ގޮފިން މިކަންތައް ގުއަޓަމަލާގެ ޤައުމީ ކަސްޓަމްސް އޮފީހަށް އެންގުމުން އެއޮފީހުން މިޖަރީމާ ތަޙުޤީޤުކުރުމަށްޓަކައި ވަކި ބަޔަކު އެކަމަށް އައްޔަންކުރިއެވެ. ނަތީޖާއެއްގެ ގޮތުން ގުއަޓަމަލާއާއި މެކްސިކޯގެ ކަމާބެހޭ އިދާރާތަކުން ބޯޑަރު ހުރަސްކުރާ ތެޔޮ އުފުލާ ޒާތުގެ ވެހިކަލްތައް މޮނިޓަރކުރުމަށް ހަރުކަށި ކަސްޓަމްސް ޤަވާއިދުތަކެއް އެކުލަވާލައި ޢަމަލުކުރަން ފެށިއެވެ. އަދި ހަމައެއާއެކު، ގުއަޓަމަލާގެ ޓެކްސް އިދާރާއިންވެސް މި ތުހުމަތުތައް ތަޙުޤީޤުކުރަން ފެށިއެވެ. ޓީ.އައި އިން ބުނިގޮތުގައި، އޭގެ ފަހުން ފަހުން މިފަދަ އެއްވެސް ޝަކުވާއެއް އެފަރާތަށް ލިބިފައެއް ނުވެއެވެ.

 

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ރަނިން އޮން އެމްޓީ” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.


ބޮން ނައްތާލުން

ބޮސްނިއާ އާއި ހެރެޒޮގޮވީނާގައި ޞުލްޙަ ޤާއިމުވިތާ އެތައް އަހަރެއް ފާއިތުވެ ދިޔައިރުވެސް، އަދިވެސް އެ ޤައުމުގެ އެކި ސަރަޙައްދުތައް ވަނީ، 1992 އާއި 1995 އާ ދެމެދު ކުރެވުނު ހަނގުރާމާގައި ބޭނުންކުރި ފުރާނައަށް ނުރައްކާވާފަދަ މައިންތަކުން ފުރާލާފައެވެ. މި ތަކެތި ހުރިނެތް ތަންތަން ބަލާ މިތަކެތި ނައްތާލުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ މުއައްސަސާއަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ “ބޮސްނިއާ އެންޑް ހެރެޒޮގޮވީނާ މައިން އެކްޝަން ސެންޓަރ” އެވެ.

ބޮސްނިއާއާއި ހެރެޒޮގޮވީނާގައި ހުންނަ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލަށް، މައިން ނައްތާލުމާ ބެހޭ މަރުކަޒާ މެދު  ފުރަތަމަ ޝައްކުތަކެއް ކުރެވެން ދިމާވީ، އެ މަރުކަޒުން ވަޒީފާއަކަށް ކުރި އިޢުލާނެއްގައި ވަރަށް އާދަޔާޚިލާފު ޝަރުޠެއް ކަނޑައަޅާފައިވުމުންނެވެ. އެއީ މިއުޒިކުގެ ދާއިރާއިން ޑިގްރީއެއް ޙާޞިލްކޮށްފައިވުމެވެ. މިކަމާ ގުޅިގެން، އެ މަރުކަޒުގެ ވަޒީފާއަށް މީހުން ނަގާ މިންގަނޑާއި އިޢުލާންކުރެވުނު ވަޒީފާގެ ތަފްޞީލު ހޯދުމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން އެދުނެވެ. ނަމަވެސް އެ މުއައްސަސާގެ ޑިރެކްޓަރގެ ޖަވާބުގައި އެފަދަ ޝަރުޠެއް އެ މަޤާމަށް ބޭނުންވާ ސަބަބެއް ހާމަކޮށެއް ނުދެވުނެވެ. އަދި އެޢިއުލާނު ބާތިލުކުރުމަށްވެސް އޭނާ އިންކާރުކުރިއެވެ.

ބޮން ނައްތާލާ މަރުކަޒާ ގުޅައިގެން ކުރިއެރުމެއް ނުލިބުމުން، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ އެގޮފިން ދެން ނިންމީ މިހާދިސާ އާއްމުންނަށް އެނގޭނެހެން ފަތުރާލާށެވެ. މި ކަން ވެގެންދިޔައީ ވަރަށް ގިނަ މަދަނީ ޖަމާޢަތްތަކާއި މީޑިއާތަކުން ބަލައިގަތް އަދި ރޭޑިއޯއާއި އިންޓަރނެޓް ކަވަރޭޖް ލިބުނު ޚަބަރަކަށެވެ. ޖެހިގެން އައި ދުވަހު އެމަރުކަޒުންވަނީ އެވަޒީފާއަށް މީހަކު ނެގުމުގެ މަސައްކަތް ހުއްޓާލާފައިވާކަމަށާއި އެ މަރުކަޒުގެ ވަޒީފާއަށް މީހުން ނެގުމުގެ މިންގަނޑާ ބެހޭ މަޢުލޫމާތު ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލާ ޙިއްޞާކޮށް، ކުރިޔަށް އޮތް ތާނގައި އެމީހުންނާ އެއްކޮށް މަސައްކަތްކުރުމަށް ވަޢުދުވެފައެވެ.

ވަޒީފާއާބެހޭ ކަންކަމުގައި ދެފުށްފެންނަ ގޮތަށް މަސައްކަތްކުރުން އިތުރުކުރުމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ބޮސްނިއާ އާއި ހެރެޒޮގޮވީނާ ގޮފިން ގެންދަނީ އެޤައުމުގެ އެކިއެކި މުއައްސަސާތަކާއި، ވަކިވަކި ފަރުދުންނާ ގުޅިގެން ގާތުން މަސައްކަތްކުރަމުންނެވެ.

* ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ބޮމް ޑިސްޕޯސަލް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.


ނަޒާހަތްތެރިކަމުގެ ޤައުމީ ސިއްކަ ދިނުމުގެ އުޞޫލުގެ ދެލިކޮޕީ އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާޢާތްތަކާ ގުޅިގެން ތައްޔާރުކޮށް ތަންފީޒުކުރުމަށް ތައްޔާރުވަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރެއިން އެއް ޙަރަކާތް ކަމަށްވާ “ނަޒާހަތްތެރިކަމުގެ ޤައުމީ ސިއްކަ” ދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލުގެ ޑްރާފްޓަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އާންމުންނަށް މިއަދު ހުޅުވާލައިފިއެވެ.
މި ސިއްކައަކީ، ދައުލަތުގެ އިދާރާތަކަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ޒިންމާދާރުކަމާއެކު ޚިދުމަތްދޭ، ނަޒާހަތްތެރި އިދާރާތަކަކަށް ހެދުމަށް ބާރުއެޅުމަށްޓަކައި، އެތަންތަނުގެ ހިންގުމުގެ ނިޒާމު ވަކިހަމަތަކެއްގެމަތީގައި ޤާއިމްކުރުވައި، އެތަންތަނުގެ އިދާރީ ހިންގުން ވަކި މިންވަރެއްގައި ޤާއިމްކުރުމަށް އަސާސީ މިންގަޑުތަކެއް ތަޢާރަފްކޮށްދީ އެކަންކަން ބެލެހެއްޓޭނެ ފަދަ ގޮތަކަށް ހެދުމުގެ މަޤްޞަދުގައި ތައްޔާރުކޮށްފައިވާ އުޞޫލަކާއެއްގޮތަށް ދެވޭ ސިއްކައެކެވެ.
އަދި ކޮމެންޓުކުރުމަށް ބޭނުންވާ ފަރާތްތަކުން ކޮމެންޓު ހުށަހަޅާ ފޯމުފުރުއްވުމަށް ފަހު އޭސީސީއަށް އީ-މެއިލް، ފެކްސް މެދުވެރިކޮށް ނުވަތަ އެސީސީއަށް ޙާޟިރުވެގެންވެސް ޚިޔާލު ހުށަހެޅުއްވިދާނެއެވެ. މިގޮތުން ހުށަހަޅަން ބޭނުންވާ ޚިޔާލުތައް 17 އޯގަސްޓް 2016 ވަނަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން އޭސީސީއަށް ހުށަހަޅުއްވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. ނޭޝަނަލް އިންޓަގްރިޓީ ޕްލޭންގެ ވެބްސައިޓުގެ އެޑްރެހަކީ http://nip.gov.mv އެވެ. އަދި އީމެއިލްއިން ޚިޔާލު ހުށަހަޅުއްވާނަމަ މެއިލް ކުރައްވާނީ nip@acc.gov.mv އަށް މެއިލްއަށެވެ.

“ނަޒާހަތްތެރިކަމުގެ ޤައުމީ ސިއްކަ” ދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލަށް ޚިޔާލުހުށަހަޅާ ފޯމު


ބޭއިންސާފުން ކަންކަންކުރުން

ޕްޓެރިކަށް (އަސްލު ނަމެއް ނޫން) މަޑަގަސްކަރުގެ މުނިސިޕަލް ލޭންޑް ޑިޕަރޓްމަންޓާ ހަމަޔަށް އާދެވުނީ 400 ކިލޯމީޓަރުގެ ދިގު ދަތުރަކަށްފަހުގައެވެ. އޭނާޔަށް އެދަތުރު ނިންމާލެވުނުއިރު އޭނާގެ މުސާރައިގެ ދެބައިކުޅަ އެއްބައި ޚަރަދުވެގެން ހިނގަންޖެހެއެވެ. އެތައް ގަޑިއިރަކަށްފަހު އޭނާޔަށް ކިއޫގެ އެންމެ ކުރިޔަށް އާދެވިއްޖެއެވެ. ކަމާބެހޭ ހުރިހާ ލިޔުންތައް ހުށަހެޅުމާއެކީ އޭނާ އެދުނީ ވަރަށް އާދައިގެ ކަމަކަށެވެ. އޭނާޔަށް ބިމެއް ރެޖިސްޓަރ ކޮށްދިނުމަށެވެ. އޭނާއާއި އޭނާގެ އަންހެނުން ރިޓަޔަރ ކުރުމުގެ ކުރިން ގެއެއް އެޅުމަށް ބޭނުންވެއެވެ. އަދި ގެއެއް އެޅުމުގެ ކުރިން އޭނާ ބޭނުންވަނީ ގޯތީގެ ރަޖިސްޓްރީ އޭނާގެ ނަންމަތީގައި އޮތްކަން ކަށަވަރުކުރުމެވެ.
ނަމަވެސް އޭނާޔަށް ހައިރާންކަމެއް ލިބުނީ އޭނާގެ މިއެދުމަށް ޑިޕަރޓްމަންޓުން ދެކޮޅުހެދުމުންނެވެ. ދައްކަންޖެހޭ ހުރިހާ ފީއެއް ދައްކާ ނިންމި ނަމަވެސް ޑިޕަރޓްމަންޓުން ޕްޓެރިކަށް އެންގީ އެޕްލިކޭޝަން ކުރިޔަށް ގެންދިޔުމަށް އިތުރު ފީތަކެއް ދައްކަން ޖެހޭކަމަށެވެ. މަޑަގަސްކަރުގެ އާބާދީގެ %70 ފަދައިން ޕެޓްރިކަށްވެސް ލިބެނީ ދުވާލަކަށް 1 ޑޮލަރަށްވުރެ މަދުންނެވެ. ނަމަވެސް އިތުރަށް ފައިސާ ދެއްކިނަމަވެސް އޭނާގެ އެޕްލިކޭޝަން ކުރިޔަށް ގެންދެވޭނެކަން ޔަޤީން ނުވާތީ ފައިސާ ދެއްކުމަށް އޭނާ ދެކޮޅުހެދިއެވެ.
އޭގެ 5 އަހަރުފަހުން ޕެޓްރިކް، މިދުނިޔެއާ އަލްވަދާޢު ކިޔަން ޖެހުނުއިރުވެސް އޭނާގެ އެޕްލިކޭޝަން ކުރިޔަށް ނުގޮސް މަޑުޖެހިފައި އޮތެވެ. އޭނާ އެތައް އަހަރެއް ވަންދެން ގޯތި ރަޖިސްޓްރީ ކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އިތުރަށް ފައިސާ ދައްކަން ޖެހުމުން އަނބުރާ އަންނަނީއެވެ. އޭނާ ނިޔާވުމަށްފަހު އޭނާގެ ދަރީންވެސް އެޕްލިކޭޝަންގެ މަސައްކަތް ކުރިޔަށް ގެންދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އަނބުރާ އަންނަންޖެހެނީ ނާކާމިޔާބާ އެކީގައެވެ. ކޮންމެ ފަހަރަކުވެސް އިތުރަށް ފައިސާ ނުދައްކާނެހެން ހީވުމުން އިތުރު އެޕޮއިންޓްމެންޓެއް ހައްދަން ނޫނީ އެކަމާ ހަވާލުވެ ހުރި ފަރާތް އޮފީހުގައި ނެތްކަމަށް އަންގައެވެ. ނޫނީ ހުށަހަޅަންޖެހޭ ބައެއް ލިޔެކިޔުންތައް މަދުކަމަށް އަންގައެވެ.
އެކުދީންގެ މަންމަޔަށް ރޭޑިއޯއިން މަޑަގަސްކަރުގައި ހުންނަ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ޤާނޫނީ ލަފާދޭ މަރުކަޒާ ބެހޭގޮތުން ޚަބަރު ލިބުނުއިރު އޭނާ އެޕްލިކޭޝަންގެ މަތީން ހަނދާން ނައްތާލައިފިއެވެ. ޕެޓްރިކްގެ ޢާއިލާއިން ސެންޓަރަށް ގުޅައި އޭމީހުންނާމެދު ޑިޕަރޓްމަންޓުން ކަންތައް ބެހެއްޓިގޮތް ކިޔާދިނެވެ. އަދި އެމީހުންގެ ފަރާތުން މަރުކަޒުން އަނެއްކާވެސް މައްސަލަ ކުރިޔަށް ގެންދަން ފެށިއެވެ. މަރުކަޒުން އެޕްލިކޭޝަން ކުރިޔަށް ގޮސްފައިވާ މިންވަރު ބެލުމަށް ޑިޕަރޓްމަންޓަށް ސިޓީއެއް ފޮނުވިއެވެ. ދާދި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެޕްލިކޭޝަންގެ މަސައްކަތް ނިމި ގޯތި ރަޖިސްޓްރީކޮށްދީ ނިންމައިފިއެވެ. 11 އަހަރުވަންދެން ކުރި މަސައްކަތް އެންމެ 2 ހަފްތާ ތެރޭގައި ނިމިގެން ދިޔައެވެ.
މިއީ މިފަދަ އެތައް އެޕްލިކޭޝަންތަކުގެ ތެރެއިން އެންމެ ކޭސްއެކެވެ. ނަމަވެސް މިކޭސްގެ ސަބަބުން ޑިޕަރޓްމަންޓްގެ ހިންގުމަށް އަންނަނީ ތަފާތު ބަދަލުތަކެއް އަންނަމުންނެވެ. މިހާރު ނުނިމި ހުންނަ އެޕްލިކޭޝަންތައް ހުންނަނީ ނޯޓިސް ބޯޑުގައި ޢާއްމުންނަށް ފެންނަ ގޮތަށް ބަހައްޓާފައެވެ. މީގެ ސަބަބުން ކަންކަން އޮޅުވާލުމަށް މިހާރު އޮފިޝަލުންނަށް ދަތިވެއެވެ.

ޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “އަންފެއަރ ޑިސްމިސަލް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
http://www.transparency.org/news/story/unfair_dismissal


ނަގާލަނީ މުސްތަޤްބަލެވެ

މިއަދަކީ ކޮންމެ ޢާއިލާއަކަށް ވެސް އުފާވެރި ދުވަހެކެވެ! ކޮންމެ ޑިސެންބަރު މަހެއްގައި އަންނަ މިދުވަހަކީ ކެމެރޫންގައި އިސްކޫލުތަކުގެ ރިޕޯޓު ފޯމު ދޭ ދުވަހެވެ. ކެމެރޫންގެ ދެކުނު އައްސޭރީގައިވާ އަވަށެއްގައި ދިރިއުޅެމުންދާ ޕީޓާވެސް އިންތިޒާރު ކުރަމުން އެ ގެންދަނީ އޭނާގެ 4 ދަރީންގެ ރިޕޯޓު ލިބޭ ވަގުތަށެވެ! އޭނާ މަދަރުސާ ދޮށަށް ދިޔައިރު އޭނާގެ ދަރީންތިބީ ރިޕޯޓް ނުލިބޭ 100 ދަރިވަރުންގެ ތެރޭގައެވެ. މަދަރުސާގެ އިސް މުދައްރިސް ވިދާޅުވިގޮތުގައި މިދަރިވަރުންނަށް ރިޕޯޓް ނުދޭ ގޮތަށް ނިންމީ އެދަރިވަރުންގެ ބެލެނިވެރީން، މަދަރުސާގެ މުދައްރިސުންނާއި ބެލެނިވެރީންގެ ޖަމްޢިއްޔާއަށް ދައްކަން ޖެހޭ ފީ ނުދައްކާ އޮތުމުންނެވެ. ނަމަވެސް ގަވާއިދުތައް ބުނާ ގޮތުން މިފީ އަކީ އެމީހަކު ބޭނުންނަމަ ދައްކާގޮތަށް، އަދި ބޭނުން ނުވާނަމަ ނުދައްކާ ފަރުޖެހޭ ފީއެކެވެ. ޙަޤީޤަތަކީ، އަމިއްލަ ފައިދާއަށްޓަކައި، އިސް މުދައްރިސް، ކޮންމެ ދަރިވަރެއްގެ އަތުން 5000 ސެންޓްރަލް އެފްރިކަން ފްރެންކްސް (10 ޔޫ.އެސް.ޑޮލަރު) ސްޓްފިކެޓް ދޫކުރުމުގެ ކުރީން ނަގަން ބޭނުންވުމެވެ. އެތައް ބަޔަކު ތިބީ މިކަމާ ކަންބޮޑުވެ ހާސްކަމެއްގެ ތެރޭގައެވެ. ރިޕޯޓްކާޑު ނުލިބިވާ ގިނަ ދަރިވަރުންގެ ޢާއިލާތަކަކީ މަސްވެރި އަދި މައިންތަކުގައި މަސައްކަތް ކުރާ ފޯރުންތެރިކަން ކުޑަ ޢާއިލާތަކެކެވެ. އަދި މިކަމުގައި އޮތް އެންމެ ކަންބޮޑުވާން ޖެހޭ ކަމަކީ، މިރިޕޯޓް ކާޑާއި ނުލައި މަދަރުސާގައި ދެންފެށޭ ޓާމެއްގައި ކިޔެވުމުގެ ފުރުޞަތު ގެއްލިގެން ދެއެވެ.
ހިތާމަޔަކީ، މިކަން މިއީ އެއް ފަހަރު ދެ ފަހަރު ދިމާވާކަމަކަށް ނުވާތީއެވެ. ނަމަވެސް، ތަކުރާރުކޮށް އެތަކެއް ފަހަރު ހިނގަމުން އަންނަ ކަމަކަށް ވާތީއެވެ. “ކެމެރޫންގެ އެތައް ޢާއިލާއެއްގެ ދަރިވަރުންނަށް އެސޯސިއޭޝަން ފީ ނުދެއްކުމުގެ ސަބަބުން ފިޔަވަޅު އަޅައި މަދަރުސާތަކުން ވަކިކޮށްފައިވޭ.” ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް ކެމެރޫންގެ ޤާނޫނީ ލަފާދޭ މަރުކަޒުގައި މަސައްކަތް ކުރަމުން އަންނަ ހުލޯގެ ޓޮއުކޯ ބުންޏެވެ. “އިސް މުދައްރިސް ބޭނުންވާ އަދަދެއް ފީގެ ގޮތުގައި ކަނޑައެޅުމަކީ ހަގީގަތުގައިވެސް މައްސަލައެއް. އަދި މިނަގާ ފީ ތަކުން ބޮޑު ބައެއް އެމީހުންގެ ޖީބަށް ވަދޭ. މިއީ ހުސް މައްސަލަ! އެންމެންނަށްވެސް އެނގޭ މިއީ ކަނޑައެޅިގެން ގަވާއިދާ ޚިލާފަށް ކުރާކަމެއްކަން. ނަމަވެސް މަދަރުސާއިން ބުނާ އަދަދެއް ނުދައްކައިފިނަމަ ކުދީން ކިޔެވުމުން މަޙްރޫމްވެގެންދޭ. ނަތީޖާއަކަށްވަނީ ބެލެނިވެރީންނަށް ފައިސާ ދައްކަން މަޖުބޫރުވެގެންދިއުން”.
ނަމަވެސް، ޕީޓާއަށް ދިމާވި ހާދިސާއިން ކަންކަން ބަދަލުވަމުންދާކަން ދައްކުވައިދެއެވެ. އަދި، ޕީޓާ މަސައްކަތް ކުރަމުން އަންނަނީ ރޭޑިއޯ ސްޓޭޝަނެއްގައި ކަމުން އޭނާޔަށް ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް ކެމެރޫންއިން ގަދަކަމުން އެސޯސިއޭޝަން ފީ އަތުލާ މައްސަލައާ ދެކޮޅަށް ކުރާ ކެމްޕޭނުގެ ޚަބަރު ލިބުނެވެ. މި ކެމްޕޭނުގެ ދަށުން 2012 ވަނަ އަހަރުގައި އެކި ފަހަރުމަތިން އާންމު ބައްދަލުވުންތައް ބާއްވާ ރޭޑިއޯގައި މަޝްވަރާކުރުންތައް ބޭއްވިފައިވެއެވެ. މި ބައްދަލުވުމުން ތަކުގެ ތެރެއިން މިފަދަ ޤާނޫނާ ގަވާއިދާ ޚިލާފް ޢަމަލުތައް ކުރުމަށް މަޖުބޫރުކުރުވާ އޮފިޝަލުންނާ ބެހޭގޮތުން ރިޕޯޓްކުރުމަށް ބެލެނިވެރިންނަށް ހިތްވަރުދެވުނެވެ. އަދި ރިޕޯޓްކުރުމުން ޙައްލެއް ނުލިބިއްޖެނަމަ ދެން ކަންކުރަންވީ ގޮތްވެސް އެމީހުންނާ ޙިއްސާކުރެވުއެވެ.
މިކެމްޕޭނުތަކުން ހިތްވަރު ލިބި ޕީޓާވެސް އޭނާއަށް ދިމާވި މައްސަލަ ތަޢުލީމާބެހޭ އިސްވެރީންނަށް ރިޕޯޓުކުރިއެވެ. އޭނާޔަށް އެއްވެސް ކަހަލަ އިޝާރާތެއް ނުލިބުމުން ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް ކެމެރޫންގެ ޤާނޫނީ ލަފާދޭ މަރުކަޒަށް ދިޔައެވެ. އެހެންކަމުން އޭނާގެ ނަމުގައި ޤާނޫނީ ލަފާދޭ މަރުކަޒުން މިނިސްޓްރީއަށް ގުޅިއެވެ. ނަތީޖާއެއްގެ ގޮތުން މިނިސްޓްރީއިން ކަނޑައަޅާފައިވާ ސަރަޙައްދީ އިންސްޕެކްޓަރަށް ގުޅިއެވެ. އަދި ސަރަޙައްދީ އިންސްޕެކްޓަރު މަދަރުސާގެ އިސް މުދައްރިސަށް ރިޕޯޓް ކާޑުތައް އެއްވެސް ޝަރުތަކާ ނުލައި ދޫކުރުމަށް އެންގިއެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި ޕީޓާގެ އިތުރުން އެހެން ބެލެނިވެރީންނަށްވެސް އެމީހުންގެ ކުދީންގެ ރިޕޯޓް ކާޑުތައް ލިބިގެންދިޔައެވެ.
“އިސް މުދައްރިސަށް ފިޔަވަޅު އެޅިގެންދާނެ” ހުލޯގެ ބުންޏެވެ. “ނަމަވެސް އެންމެ މަދަރުސާއެއް މިގޮތަށް ބަދަލުވެގެން ދިޔުމަކީ އަދި ޙައްލެއް ނޫން، އަހަރުމެންގެ މަޤްސަދަކީ މިކަންތައް މުޅީން ހުއްޓުމަކަށް ގެނައުން. މިހާރު އަހަރުމެން މަސައްކަތް ކުރަމުން މިދަނީ ސަރުކާރަށް ޕެޓިޝަނެއް ހުށަހެޅުމަށް. 3000 މީހުން މިހާރުވަނީ މިޕެޓިޝަނުގައި ސޮއިކޮށްފަ! މިހުރިހާ އެންމެނަކީ ވެސް މިކަމާ ދެކޮޅަށް އަޑު އުފުލާ ފަރާތްތައް. އަހަރުމެން މިޕެޓިޝަން ޤާނޫނު ހަދާ މަޖިލީހަށްވެސް ހުށަހަޅާނަން. އަދި އަހަރުމެންގެ އަޑު އިއްވާނަން”

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ސްޓީލިންގ ފިއުޗަރސް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
http://www.transparency.org/news/story/stealing_futures


ނޭޝަނަލް އިންޓެގްރިޓީ ޕްލޭން، ލޭބަރ ރިލޭޝަންސް އޮތޯރިޓީއާ ޙިއްޞާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 12 ޖޫން 2016 ވީ އާދީއްތަ ދުވަހު ހެނދުނު 10:30 ގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގައެވެ.
މި ބައްދަލުވުމުގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައި ވެއެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް އަދާކުރެވިދާނެ ދައުރާބެހޭގޮތުންނާއި، ޕްލޭން ތަންފީޒު ކުރުމުގައި އެފަރާތުގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލެއްވުން ލިބޭނެކަމުގެ ޔަޤީންކަން އެ އިދާރާގެ އިސްވެރިންގެ ފަރާތުން އޭސީސީއަށް ވަނީ އަރުވާފައެވެ.
މި ޕްލޭންގެ ހަތަރުވަނަ ދެލިކޮޕީ ފައިނަލްކޮށް، ދައުލަތުގެ އިދާރާތަކުން އެންޑޯޒުކޮށް، ރަސްމީކޮށް ލޯންޗުކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ މަސައްކަތްތައް އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިހާރުދަނީ ކުރަމުންނެވެ.


“ކުށްވެރިވަނީ ކާކު؟”

2009 ވަނަ އަހަރުގެ ޖޫން މަހުގެ ދުވަހެކެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން ދުވަސް ފެށިގެން ކުރިޔަށް ދަނީއެވެ. އުތުރު މެކްސިކޯގެ އަވަށެއް ކަމަށްވާ ހާރމޮސިލޯގައި ދިރިއުޅޭ ބެލެނިވެރިން ވަޒީފާޔަށް ދަނީ އެމީހުންގެ ތުއްތުކުދީން ނާސަރީއަށް ލުމަށް ފަހުގައެވެ. އެކުދީން އެތާނގައި ކުޅެ މަޖާކުރުމަށް ފަހު، މެންދުރު ކައިގެން ކޮންމެ ދުވަހަކުވެސް ނިދައެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް އެކުދިން މެންދުރު ފަހުން ތިބީ ނާސަރީގައި ނިދާށެވެ. މިހެން ތިއްބައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހިޔާކުރުމުގެ ގޮތުން މަތީގައި އަޅާފައިވާ ސަތަރީގައި ހުޅުހިފާ، ސަތަރި ނެއްޓިގެންގޮސް މުޅިކޮޓަރިތެރޭ ހުޅުހިފުމާއެކު ބޯދުމުން ސަރަޙައްދު ފޮރުވާލިއެވެ.
ބެލެނިވެރީން އެމީހުންގެ ދަރިން ސަލާމަތްކުރުމަށް ވީ އެންމެ އަވަހަކަށް ނާސަރީއަށް ދިޔައެވެ. ނަމަވެސް އެކުދިން ނާސަރީ އިން ނެރުމަށް ކުރިމަސައްކަތް ވީ ނަކާމިޔާބެވެ. އެތަނުގެ މައިދޮރޯށިން ކިރިޔާ ކުއްޖަކު ގޮވައިގެން ނުކުމެވޭވަރުވަނީއެވެ. އެމަރޖެންސީ އެގްޒިޓްވަނީ ތަޅުލެވިފައެވެ. އަދި އުސް ކުޑަދޮރުތަކަށް އަތެއް ނުފޯރައެވެ. ނާސަރީގެ ސްޓާފުން ހަނިހަނި މައިދޮރޯށީން ކުދިން ބޭރަށް ނެރުމަށް ހިތްވަރުކުރިއެވެ. އަދި އެއްކުއްޖެއްގެ ބައްޕަ އޭނާގެ ޕިކަޕުން ޖައްސައި އެތަނުގެ ފާރު ވައްޓާލާ ސަލާމަތްވެވޭނެ ގޮތެއް ހޯދޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭރު މާލަސްވެއްޖެއެވެ.
އެތައް ގަޑިއިރެއް ވަންދެން އެކުދިންގެ މައިންބަފައިން އެކުދިންގެ ޚަބަރެއްވޭތޯ މަޑުކޮށްގެން ތިބެން ޖެހުނެވެ. 29 ކުދިން މަރުވެގެން ދިޔައިރު 40 ކުދިން ހޮސްޕިޓަލުގައި އެނދުމަތި ކުރަންޖެހުނެވެ. މިހިތާމަވެރި ޙާދިސާގައި އެތަނުގައި ތިބި 47 ކުދީންގެ ތެރެއިން 3 ބައިކުޅަ އެއްބައި ކުދިން މަރުވެގެން ދިޔައީއެވެ.
މަދު ހަފްތާތަކެއްގެ ތެރޭގައި ޢާއިލާތަކައް ލިބުނު ފުން ހިތާމަ ރުޅިވެރިކަމައް ބަދަލުވެގެން ދިޔައެވެ. ރިޕޯޓްތަކުން ދައްކާގޮތުގައި ސަރުކާރުން ޚަރަދުކޮށްގެން ކުރީގައި ވެއަރހައުސްއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެއްގައި ހަދާފައިވާ މި ނާސަރީ ހިންގަމުން އައީ ސަރުކާރުގެ މަތީ ޕަބްލިކް އޮފިޝަލެއްގެ އަންހެނުންނާއި އަދި ނުފޫޒުގަދަ ވިޔަފާރިވެރިއެއްގެ އަންހެނުންނާ ދެމީހުން ގުޅިގެންނެވެ. މި ނާސަރީ ވަނީ އެއްވެސް ކްރައިޓީރިއާއަކަށް ނުފެތުނު ނަމަވެސް ސަލާމަތީ ޓެސްޓުތަކުން އޭގެ 10 ދުވަސް ކުރިން ފާސްވެފައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ނާސަރީއާ ޖެހިގެން ހުރި ވެއަރހައުސްގައި ރޯވުމުންނެވެ. އެ ތަނަކީ ސަރުކާރުން ފިނޭންސް ޑިޕަރޓްމަންޓް ހިންގުމަށް ކުއްޔަށް ނަގާފައި ހުރިތަނެކެވެ. އެތަނުގައި ހިފި އަލިފާންގަނޑު ފެތުރި ނާސަރީގެ އުސްފުރާޅާއި، މި ފުރާޅުގެ ދަށުގައިވާ ސަތަރިގަނޑާ ދެމެދުގައި ވަރަށް އަވަހަށް ފެތުރުނެވެ. ނަމަވެސް، ނާސަރީގެ އަލިފާނުގެ އެލާމްތައް ހަރުކޮށްފައިހުރީ ސަތަރިގަނޑުގެ ތިރީގައިކަމުން އަލިފާންގަނޑު ފެތުރި ސަތަރިގަނޑު ވެއްޓިގެންއައިއިރުވެސް ނާސަރީގައި މަސައްކަތް ކުރަމުން ދިޔަ އެއްވެސް ފަރާތަކަށް ރޭކާ ނުލިއެވެ.
އެންމެފަހުން، ހާރމޮސިލޯގެ ރައްޔިތުން އިންސާފު ހޯދުމަށްއެދި އަވަށުގެ މަގުތަކައް ނިކުތެވެ. ނަމަވެސް، އެމީހުން އިދާރާތަކަށް ކުރަމުން ދިޔަ އިތުބާރުވަނީ ގެއްލިފައެވެ. މިހާ ހިސާބައް ކަންތައްތައް ދިޔުމުން، ޢިމާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޙަރަކާތްތެރިވި ހަ އޮފިޝަލުން ސަސްޕެންޑް ކުރެވުނެވެ. އަދި ނާސަރީ ހިންގަމުންއައި މީހުންގެ ފިރީންވެސް އެމީހުންގެ މަޤާމުން އިސްތިއުފާ ދިނެވެ. ނަމަވެސް އެތަން ހިންގުމާ ހަވާލުވެ ތިބި އެމީހުންގެ އަނބީންނާމެދު ފިޔަވަޅެއް ނާޅައެވެ. އަދި މީގެ އިތުރުން ފިނޭންސް ޑިޕަރޓްމަންޓްގައި މަސައްކަތް ކުރަމުން އައި މުވައްޒަފުންތަކެއް އަލިފާނުގެ ޙާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް އެމީހުންގެ ޝަރީޢަތް ގިނަ އަހަރުތަކަކަށް ދެމިގެންދާނެކަމަށް ލަފާކުރެވެއެވެ.
ރޮބަރޓޯ ޒަވަލާގެ 2 އަހަރުގެ ދަރިފުޅުވެސް ވަނީ މި އަލިފާނުގެ ޙާދިސާގައި މަރުވެފައެވެ. ނިއުޔޯކް ޓައިމްސް އަށް އޭނާ ދިން އިންޓަރވިއުއެއްގައި ބުނިގޮތުގައި “އެއްވެސް މީހަކު މިހާދިސާގެ ހާދިސާގެ ޒިންމާ ނަގާކަށް ބޭނުމެއްނުވޭ. އެމީހުންނަށް އިތުބާރުކުރިކަމުގެ ޒިންމާ ނަގަން ޖެހެނީ އަހަރެން. ޓެކްސް ދެއްކައިގެން މިފަދަ ތަންތަން ހިންގާކަމުގެ ޒިންމާ ނަގަންޖެހެނީވެސް ހަމަ ޚުދު އަހަރެން. އެމީހުންނަށް ވޯޓު ދިނުމުގެ ޒިންމާވެސް ނަގަންޖެހެނީ ހަމަ އަހަރެން. އެމީހުން މިބާވަތުގެ ވަހަކަދައްކަނީ އަހަންނަށް ޖެއްސުމަށް. އެމީހުންނަށް ޖެއްސުން ކުރުމަށް ފުރުޞަތު ދިނުމުގެ ޒިންމާވެސް ނަގަން ޖެހެނީ އަހަރެން.”
ނިޒާމާމެދު އިތުބާރު ގެއްލުމުގެ ނަތީޖާއެއްގެ ގޮތުން ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް މެކްސިކޯއިން ނާސަރީތައް މޮނިޓަރކުރުމާއި ގުޅޭކަންކަން އިސްލާޙްކުރުމަށް އިސްނެގިއެވެ. ނަތީޖާއެއްގެ ގޮތުން، ނާސަރީތަކުގައިވާ ސަލާމަތީ ކަންތައްތައް ހުރިނެތްގޮތް ބެލުމަށް ދިހަހާހަށްވުރެ ގިނަ ބެލެނިވެރީންނަށް ފުރުޞަތުދީ އެސަރަޙައްދުގެ 1480 ނާސަރީއެއް އެމީހުން ބަލާފާސް ކުރިއެވެ. މިއީ 200 މިލިޔަން އަކަ ކިލޯމީޓަރުގެ ސަރަޙައްދެކެވެ. މިތަންތަން ބަލައި މޮނިޓަރކުރުމަށް ކަނޑައެޅީ އެނާސަރީތަކުގައި ކުދީން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ބެލެނިވެރީންގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތްތަކެކެވެ.
ކޮންމެ ނާސަރީއަކުންވެސް ފާހަގަ ކުރެވުނު ކަންތައްތައް އެޢިމާރާތުގެ ބޭރުގައި ޝާޢިއުކުރިއެވެ. އަދި އެހެނިހެން ބެލެނިވެރިންނަށާއި މުޖުތަމަޢުގެ ފަރާތްތަކަށް ފެންނާނެހެން އޮންލައިންކޮށް ވެސް މިމަޢުލޫމާތުވަނީ ޙިއްސާކޮށްފައެވެ. ބެލެނިވެރީން ޖުމްލަގޮތެއްގައި، ގާތްގަނޑަކަށް 20،000 ގަޑިއިރު މިކަމަށް ހޭދަކުރިއެވެ. މިގޮތުގައި އެއް އަހަރުދުވަސް ހޭދަވެގެން ދިޔައިރު ނާސަރީތަކުގެ ސަލާމަތީ ރައްކާތެރިކަމުގެ މިންގަނޑު ވަރަށް ބޮޑު ތަން ރަނގަޅު ކުރެވިގެންދިޔައެވެ. މިންގަނޑަށް ނުފެތޭ ތަންތަން ބަންދުކޮށްފާނެ ކަމުގެ ބިރު ހީވުމާއެކު އާދައިގެ ދެރަ ފެންވަރުގައި ހެދިފައިވާ ނާސަރީތަކުން އެތަންތަނުގެ ފެންވަރުވެސް ވަނީ ވަރަށް ބޮޑުތަން ރަނގަޅު ކޮށްފައެވެ. ޓީއެމްގެ އިސްނެގުމުގެ ދަށުން މެކްސިކޯގެ ކުޑަކުދިން ބެލެހެއްޓުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް ޖަވާބުދާރީކުރެވޭ މަޝްރޫޢަކަށް މިހާރު ވެއްޖެއެވެ. ނަމަވެސް މިމަޝްރޫޢުގެ މަޤްޞަދަކީ އަދިވެސް ހަމަ އެކައްޗެކެވެ. ހަރމިސޮލޯގައި ހިނގިފަދަ ހިތާމަވެރި ޙާދިސާއެއް ތަކުރާރުނުވުން ޔަޤީން ކުރުމެވެ.

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ހޫ އިޒް ޓު ބްލޭމް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
http://www.transparency.org/news/story/who_is_to_blame


އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފި

އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން 23 މޭ 2016 ގައި ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރައްވައިފިއެވެ. މިއަދު އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތުގައ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާއި ނައިބު މިނިސްޓަރުންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ އާއި ނައިބްރައީސާއި ކޮމިޝަނުގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ ވާހަކަފުޅުދައްކެވިއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ދައުލަތުގެ މުވައްޒަފުން ނަޒާހަތްތެރިކަން އިސްކުރަން ޖެހެނީ ޙަލާލުގޮތުގުގައި ފައިސާ ހޯދުމަށާއި މުސާރައަކީ ތިމާއަށް ޙައްޤު އެއްޗެއްކަމުގައި ހެދުމަށް ކަމުގައި ވިދާޅުވިއެވެ. ކޮމިޝަނުގެ ރައީސް ވިދާޅުވީ ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރުމުގެ ޕްރޮގްރާމް ހިންގަނީ ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތުގެ ތެރެއިން ރަނގަޅު ނިޒާމެއް ބިނާކުރުމުގެ ނިޔަތުގައި ކަމަށެވެ.