ހެޔޮ ބަދަލުގެ މުޑުވައް

weds

ޖަންޖާޕޫރަކީ ހިމާލަޔާގެ ރަށްބޭރުގައިވާ ސަހަރެކެވެ. ކަމާލާ ކޯރާއި ޖެހިގެން ކަހަލަ ގޮތަކަށް ސަހަރު އޮތުމުން މިއީ ދަނޑުވެރިކަން ކުރުމަށް ވަރަށް ރަނގަޅު ސަރަޙައްދެކެވެ. ނަމަވެސް މިސަހަރުގައި ދިރިއުޅޭ ދަށު ފަންތީގެ މަދު އާމްދަނީއެއް ލިބޭ ދަނޑުވެރީންނަށް، ކުޑަ އަގެއްގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ރަނގަޅު ވަޞީލަތްތައް ނުލިބުމުން ކޮންމެ ދުވަހަކުވެސް އެތަކެއް ދަތި އުނދަގޫތަކެއް ތަޙައްމަލް ކުރަން ޖެހެއެވެ.
މުރާލީ* އަކީ މިފަދަ ދަތިތަކާ ކޮންމެ ދުވަހަކުހެން ކުރިމަތިލާންޖެހޭ އެއް ފަރާތެވެ. އޭނާގެ ދަނޑުވެރިކަމުގެ ވިޔަފާރި އިތުރަށް ފުޅާކޮށް ތަރައްޤީކުރަން އޭނާ ބޭނުން ވެއެވެ. ނަމަވެސް މާލީ ތަނަވަސްކަން ނެތުމުން އޭނާގެ މިފޮނި ހުވަފެން ހަޤީޤަތަކަށް ހެދުމަށް އޭނާ ވަނީ ނުކުޅެދިފައެވެ. އޭނާޔަށް ފައިސާ ލިބެން އޮތް ހަމައެކަނި ގޮތަކީ ސަރުކާރުން ދަނޑުވެރީންނަށްދޭ ޚާއްޞަ ސަބްސިޑީގެ ދަށުން ފައިސާ ހޯދުމެވެ. ނަމަވެސް، މިފައިސާ ހޯދުމަށްޓަކައި އެކަމަށް ބޭނުންވާ ފޯމުތައް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުމުން އެ ފޯމުތައް ޕްރޮސެސް ކުރެވޭނީ ރިޝްވަތުގެ ގޮތުގައި ކޮންމެސް ވަރެއް ދިނުމަށް ސަރުކާރުގެ އޮފިޝަލުން އެދުނެވެ. އޭނާގެ އަތުގައި ދޭނެ ހަމަ އެއްވެސް އެއްޗެއް ނެތުމުން މުރާލީއަށް ޖެހުނީ ކަރު އެލުވާލައިގެން ގެއަށް ދާށެވެ. އަދި މިގޮތަށް އެތައް ފަހަރަކު އެ އިދާރާއަށް ގޮސްގެންވެސް ނިކުތީ ހަމަ އެއް ނަތީޖާއެކެވެ.
ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ އިންޑިއާގެ ގޮފީގައި (ޓީ.އައި އިންޑިއާ) މަސައްކަތް ކުރާ އަޝޯކް ކުމާރު ސިންގު ބުނިގޮތުގައި “ސަރުކާރު ސަބްސިޑީއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކާ މެދު މިގޮތަށް ޢަމަލު ކުރެވުމަކީ އާކަމެއް ނޫން. މީހުން ތިބެނީ މިކަމާ ދެކޮޅަށް އަޑުއުފުލުމަށް ބިރު ގެންފައި. އަޅުގަނޑުމެންނާ ހަމަޔަށް އެބަހުރި ކޭސްތައް އައިސްފައި މިފަދަ މައްސަލަތައް ރިޕޯޓުކުރާ މީހުން ކަމަކާ ނުލާ ނުވަތަ އޮޅުވާލައިގެން ހައްޔަރުކޮށްގެން”

މުރާލީއާ ޓީ.އައި އިންޑިއާގެ މީހުންނާ ފުރަތަމަ ދިމާވީ މުރާލީގެ ރަށުގައި އެ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން ބޭއްވި ޓްރޭނިންގ ޕްރޮގްރާމެއްގެ ތެރެއިންނެވެ. ޓީ.އައި އިންޑިއާއިން އެ ފަދަ ކުޑަކުޑަ މުޖްތަމަޢުތަކުގައި ދިރިއުޅޭ މީހުންނަށް، އެމީހުންނަށް ދިމާވެފައިވާ ކޮރަޕްޝަނުގެ ހާދިސާތަކުގެ ވާހަކަ އެހެން މީހުނާ ޙިއްޞާކޮށް އެމީހުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި ބޭނުންވާ ހުނަރު އެމީހުންނަށް ދަސްކޮށްދެއެވެ.
މުރާލީގެ ވާހަކަތައް އަޑު އެހުމަށްފަހު ޓީ.އައި އިންޑިއާއިން އޭނާއަށް ދިން ލަފަޔަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އޭނާގެ ފޯމުގެ ޕްރޮސެސް ގޮސްފައިވާ ހިސާބު ހޯދުމަށެވެ. މިގޮތުން އޭނާ ފުރަތަމަ އެދުނު އެދުމަށް ސަރުކާރުގެ އޮފިޝަލުން ދިނީ ބީރު ކަންފަތެކެވެ. ނަމަވެސް ޓީ.އައި އިންޑިއާގެ އެހީއާ އެކީ މައްސަލަ އިތުރަށް ބަލައި ދިރާސާކުރުމަށް އަވަށު މެޖިސްޓްރޭޓް ކޯޓަށް ފޮނުވުނެވެ. އިތުރު ތަޙްލީލުތައް ކުރުމަށްފަހު މެޖިސްޓްރޭޓް ނިންމީ ވަގުތުން ވަގުތަށް ސަބްސިޑީ ފައިސާ މުރާލީއަށް ދޫކުރުމަށެވެ.
މުރާލީގެ މިމަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ އިތުރު 50 ދަނޑުވެރިއެއްގެ ސަބްސިޑީ ފައިސާ އެއްވެސް ވަރެއްގެ ރިޝްވަތަކާ ނުލައި ހޯދައިގަތުމަށް މަގުފަހިވެގެން ދިޔުމެވެ.
“މި މައްސަލައިގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް އަހަރުމެންނަށް ލިބިގެން ހިނގައްޖެ. އޮފިޝަލުންނަށް މިހާރު އެމީހުންނާ މެދުވެސް ފިޔަވަޅު އެޅިގެންދާނެ ކަން އެނގި ރައްޔިތުން ހޭލުންތެރިވެ މިފަދަ މައްސަލަތައް ރިޕޯޓު ކުރަން ފެށުމުގެ ނަތީޖާއަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުޅުވިފައި ހުރި މިފަދަ ދޮރުތައް ބަންދުވެގެން ދިޔުން” އަޝޯކު ބުންޏެވެ.
މުރާލީ މިހާރު ދަނީ ދަނޑުވެރިކަމާ ބެހޭ އޮފީހަކީ ކޮރަޕްޝަނުގެ ޢަމަލުތަކުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށް ޢަޒުމް ކަނޑައަޅައި މަސައްކަތް ކުރަމުންނެވެ. އަދި މީގެ އިތުރުން ޓީ.އައި އިންޑިއާއިން ހިންގާ އެކިއެކި ވޯކްޝޮޕްތަކުގައި އޭނާޔަށް ދިމާވި ޙާދިސާ ޙިއްސާކޮށް އޭނާ ފަދައިން އެހެން މީހުންނަކީވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ރައްޔިތުންނަށް ވުމަށް ނަސޭހަތްތެރި ވަމުންނެވެ.

* ނަން ބަދަލުކުރެވިފައި

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ސީޑްސް އޮފް ޗޭންޖް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ.
މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” އާއެކު ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
https://www.transparency.org/news/story/seeds_of_change