ނިގާރަން ނުލައި

running on empty

2008 ވަނަ އަހަރު ގުއަޓަމަލާގައި ޕެޓްރޯލްގެ އަގު އަތްނުފޯރާހާ މައްޗަށް ގޮސް، އޭގެ އަސަރު އާބާދީގެ ބޮޑުބަޔަކަށް ކޮށް، އާއްމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ، ނަތީޖާއެއްގެ ގޮތުން ކަޅުބާޒާރުގައި ޕެޓްރޯލް ވިއްކަންފެށުނެވެ.

އަދި ހަމައެއާއެކު، މެކްސިކޯ ބޯޑަރު ހުރަސްކޮށް ގުއަޓަމަލާއަށް ވަންނަ ޓްރަކް ދުއްވާ ފަރާތްތަކުން ޕެޓްރޯލް ވަގަށް އެތެރެކޮށް އަގުހެޔޮކޮށް ވިއްކާކަމަށް ޝައްކުކުރެވިގެން މެކްސިކޯ ބޯޑަރު ސަރަޙައްދުގައި ދިރިއުޅޭ މީހުން އެޤައުމުގެ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް (ޓީ.އައި) ގޮތްޕަށް އެމައްސަލަ ހުށަހެޅިއެވެ. މިކަމާ ގުޅޭގޮތުން ތަފާތު އެކި ފަހަރުމަތިން ޓީ.އައި އަށް ފަންސަވީހަކަށް ފޯނުކޯލް ލިބިފައިވެއެވެ. އެމީހުން ބުނި ގޮތުގައި ތެޔޮ އެތެރެކުރާ ފަރާތްތަކުން އެކަންކުރަނީ ކަސްޓަމްސް ޑިއުޓީ ދެއްކުމުގެ ބަދަލުގައި އެސަރަޙައްދުގެ ބޯޑަރު ބަލަހައްޓާ އޮފިޝަލުންނަށް ރިޝްވަތު ދީގެންނެވެ. އަދި އެދުވަސްވަރުގެ މީޑިއާ ރިޕޯޓުތަކުންވެސް  އެނގުނު ގޮތުގައި ގުއަޓަމަލާގެ ބައެއް ސަހަރުތަކުގެ ބޭރުގައި ޤާނޫނާ ޚިލާފަށް ޕެޓްރޯލް ވިއްކާ ތަންތަން ހުޅުވައި އެތަންތަނުން ދިޔައީ ވަގަށް އަގުހެޔޮކޮށް ޕެޓްރޯލް ވިއްކަމުންނެވެ. މިކަމާ ގުޅިގެން، ރަޖިސްޓަރީކޮށްގެން ޤާނޫނާ އެއްގޮތަށް ޕެޓްރޯލް ވިއްކަމުން ގެންދިޔަ ފަރާތްތަކުން ބުނަމުން ގެންދިޔައީ، އެފަރާތްތަކުގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތައް ވަމުން ދިޔަކަމަށެވެ.

ޓީ.އައިގެ ގުއަޓަމަލާ ގޮފިން މިކަންތައް ގުއަޓަމަލާގެ ޤައުމީ ކަސްޓަމްސް އޮފީހަށް އެންގުމުން އެއޮފީހުން މިޖަރީމާ ތަޙުޤީޤުކުރުމަށްޓަކައި ވަކި ބަޔަކު އެކަމަށް އައްޔަންކުރިއެވެ. ނަތީޖާއެއްގެ ގޮތުން ގުއަޓަމަލާއާއި މެކްސިކޯގެ ކަމާބެހޭ އިދާރާތަކުން ބޯޑަރު ހުރަސްކުރާ ތެޔޮ އުފުލާ ޒާތުގެ ވެހިކަލްތައް މޮނިޓަރކުރުމަށް ހަރުކަށި ކަސްޓަމްސް ޤަވާއިދުތަކެއް އެކުލަވާލައި ޢަމަލުކުރަން ފެށިއެވެ. އަދި ހަމައެއާއެކު، ގުއަޓަމަލާގެ ޓެކްސް އިދާރާއިންވެސް މި ތުހުމަތުތައް ތަޙުޤީޤުކުރަން ފެށިއެވެ. ޓީ.އައި އިން ބުނިގޮތުގައި، އޭގެ ފަހުން ފަހުން މިފަދަ އެއްވެސް ޝަކުވާއެއް އެފަރާތަށް ލިބިފައެއް ނުވެއެވެ.

 

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ރަނިން އޮން އެމްޓީ” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.