ނޭޝަނަލް އިންޓެގްރިޓީ ޕްލޭން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި އެ މިނިސްޓްރީގެ ދަށުގައިވާ އިދާރާތަކާ އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާ ޙިއްޞާކޮށްފި

12800232_813591172120650_8201096398816457017_n

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާ ބެހޭގޮތުން މަޝްވަރާ ކުރުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި އެ މިނިސްޓްރީގެ ދަށުގައިވާ އިދާރާތަކާ އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާ އެކު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 1 މާރިޗު 2016 ވީ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ބަންޑާރަ ކޮށީގައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފު ޢުމަރާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް މުޙައްމަދު ޒުހައިރުގެ އިތުރުން ކޮމިޝަނުގެ ބައެއް މުވައްޒަފުންނާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި އެ މިނިސްޓްރީގެ ދަށުގައިވާ އިދާރާތަކާ އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގެ ބައެއް އިސް ވެރިން ބައިވެރިވެލެއްވިއެވެ.
މި ބައްދަލުވުމުގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައި ވެއެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޑިފެންސް މިނިސްޓްރީއަށް އަދާކުރެވިދާނެ ދައުރާބެހޭގޮތުންނާއި، ޕްލޭން ތަންފީޒު ކުރުމުގައި އެފަރާތުގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލެއްވުން ލިބޭނެކަމުގެ ޔަޤީންކަން އެ މިނިސްޓްރީގެ އިސްވެރިންގެ ފަރާތުން އޭސީސީއަށް ވަނީ އަރުވާފައެވެ.
މި ޕްލޭންގެ ހަތަރުވަނަ ދެލިކޮޕީ ފައިނަލްކޮށް، ދައުލަތުގެ އިދާރާތަކުން އެންޑޯޒުކޮށް، ރަސްމީކޮށް ލޯންޗުކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ މަސައްކަތްތައް އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިހާރުދަނީ ކުރަމުންނެވެ.