ނޭޝަނަލް އިންޓެގްރިޓީ ޕްލޭން، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާ ޙިއްޞާކޮށްފި

1173642_824728377673596_9105803706553028047_n

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާ ބެހޭގޮތުން މަޝްވަރާ ކުރުމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާ އެކު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 20 މާރިޗު 2016 ވީ އާދީއްތަ ދުވަހު ހެނދުނު 10:00 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.
މި ބައްދަލުވުމުގައި ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީގެ އިތުރުން ކޮމިޝަނުގެ އެހެން މެމްބަރުންނާއި، އެޓަރނީ ޖެނެރަލް އަލްޢުސްތާޛް މުޙައްމަދު އަނިލް، އަދި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ގެ ބައެއް އިސް ވެރިން ބައިވެރިވެލެއްވިއެވެ.
މި ބައްދަލުވުމުގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައި ވެއެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޖެންޑަރ މިނިސްޓްރީއަށް އަދާކުރެވިދާނެ ދައުރާބެހޭގޮތުންނާއި، ޕްލޭން ތަންފީޒު ކުރުމުގައި އެފަރާތުގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލެއްވުން ލިބޭނެކަމުގެ ޔަޤީންކަން އެ މިނިސްޓްރީގެ އިސްވެރިންގެ ފަރާތުން އޭސީސީއަށް ވަނީ އަރުވާފައެވެ.
މި ޕްލޭންގެ ހަތަރުވަނަ ދެލިކޮޕީ ފައިނަލްކޮށް، ދައުލަތުގެ އިދާރާތަކުން އެންޑޯޒުކޮށް، ރަސްމީކޮށް ލޯންޗުކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ މަސައްކަތްތައް އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިހާރުދަނީ ކުރަމުންނެވެ.