ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ޕަބްލިކް ސަރވިސް މީޑިއާގެ ބޯޑު މެމްބަރުންނާ ޙިއްޞާކޮށްފި

DSC_0404

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، މިހާރު ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޕަބްލިކް ސަރވިސް މީޑިއާގެ ބޯޑު މެމްބަރުންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 7 މާރިޗު 2016 ވީ ހޯމަ ދުވަހު މެންދުރު 14:00 ގައި ރޭޑިއޯ ބިލްޑިންގ ގައެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައި ވެއެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޕަބްލިކް ސަރވިސް މީޑިއާއަށް އަދާކުރެވިދާނެ ދައުރާބެހޭގޮތުންނާއި، ޕްލޭން ތަންފީޒު ކުރުމުގައި އެފަރާތުގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލެއްވުން ލިބޭނެކަމުގެ ޔަޤީންކަން އެ ކުންފުނީގެ އިސްވެރިންގެ ފަރާތުން އޭސީސީއަށް ވަނީ އަރުވާފައެވެ.
މި ޕްލޭންގެ ހަތަރުވަނަ ދެލިކޮޕީ ފައިނަލްކޮށް، ދައުލަތުގެ އިދާރާތަކުން އެންޑޯޒުކޮށް، ރަސްމީކޮށް ލޯންޗުކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ މަސައްކަތްތައް އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިހާރުދަނީ ކުރަމުންނެވެ.