ކާރިޘާއިން ސަލާމަތްވުން

True_Story_Surviving_The_Floods_300

2011 ވަނަ އަހަރު ޕާކިސްތާނުގައި ހިނގި ފެންބޮޑުވުމުގެ ކާރިޘާގައި 400 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވެއެވެ. އަދި ދެލައްކައެއްހާ މީހުންގެ ގެދޮރު ނެތިގެންގޮސް ހާލުގައި ޖެހިފައިވެއެވެ. އެހެން ކާރިޘާތަކެކޭވެސް އެއްފަދައިން މިކަމުގެ އެންމެ ބޮޑު އަސަރެއްކުރީ ފަޤީރު ނިކަމެތީންނަށެވެ. ދެމިގެންދިޔަ ފެންގަނޑު ތެރޭ އެމީހުންގެ ގެތައް އުފުލި، ބިމާ ހަމަވެގެން ދިޔުމުގެ ސަބަބުން އެމީހުން އުޅެމުން އައީ ވަރަށް ހާލުގައެވެ. ބޯހިޔާވަހިކަމެއް ނެތި، ފާޚާނާ ކުރާނެ ގޮތެއް ނެތި، ތޮއްޖެހިފައިވާ ރެފިއުޖީ ކޭމްޕުތަކުގައެވެ. ހާލުގައި ޖެހިފައިވާ މި މީހުންނަށް އަސާސީ ބޭނުންތައް ފުއްދުމަށް އެހީ ހަމަޖެއްސެނު ނަމަވެސް އަހަރެއް ފާއިތުވެ ދިޔައިރުވެސް ގިނަ ބަޔަކު ދިރިއުޅެމުން ދިޔައީ ވަރަށްވެސް ފަޤީރު ޙާލަތުގައެވެ. ކަރީމް އަޙުމަދު (އަސްލު ނަމެއްނޫން) ވެސް އުޅެމުން އައީ މިފަދަ ޙާލެއްގައެވެ.

ކަރީމަކީ ވެސް ފެންބޮޑުވުމުގެ ކާރިޘާގައި އޭނާގެ ގެދޮރު ގެއްލިފައިވާ ނިކަމެތި ފަޤީރެކެވެ. އޭނާގެ އަތުގައި އެއްވެސް ކަހަލަ ބިމެއް ނުވަތަ މުދަލެއް ނެތުމުން އޭނާޔަށް ސަރުކާރުގެ ޚާއްސަ ސްކީމެއްގެ ދަށުން 10000 ރުޕީސް (100 ޔޫ.އެސް ޑޮލަރު) ލިބުމަށް ހަމަޖެހިފައިވެއެވެ. މި ފައިސާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ޚާއްސަ ޑެބިޓް ކާޑެއް މެދުވެރިކޮށްގެންނެވެ. ނަމަވެސް ކަރީމް، އޭނާޔަށް ހަމަޖެހިފައިވާ ކާޑް ބަލައި ދިޔުމުން އޭނާޔަށް އޮފީހުން އެންގީ އޭނާގެ ކާޑް އެހެންމީހަކު ގެންގޮސްފައިވާ ކަމެވެ. ޢާއިލާގެ ބޭނުންތައް ފުއްދައި ދިރިއުޅުން އަލުން އާރާސްތުކުރުމަށް އޭނާޔަށް އެފައިސާ ލިބުން ވަރަށް މުހިއްމެވެ. އޭނާ ގޮތް ހުސްވެ މާޔޫސްވެފައި ވަނިކޮށް ޕާކިސްތާނުގައި ހުންނަ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ އެންޓި-ކޮރަޕްޝަން އަދި ޤާނޫނީ ލަފާދޭ މަރުކަޒުގެ ޚަބަރު އޭނާޔަށް ލިބިގެން ދިޔައެވެ.

“މިހާ ގިނަ ފައިސާ މީހުންނަށް ފޯރުކޮށްދެމުން ދާއިރު ކޮރަޕްޝަން އޭގެ ތެރެއަށް ވަދެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް މަގު ފަހިވެގެން ދިޔުމަކީ ހަމަ ފަހަރުގައި ވެދާނެ ކަމެއް” މަރުކަޒުގައި މަސައްކަތް ކުރަމުން އަންނަ އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ އަޝްފާޤް ބުންޏެވެ. “އަހަރުމެން މަސައްކަތް ކުރަނީ މީހުންނަށް ލިބެންޖެހޭ ހައްޤުތަކަކީ ކޮބައިކަން ބުނެދިނުމަށާއި، ނިޒާމް ފެއިލްވެ ލިބެންޖެހޭ ޙައްޤުތައް ނުލިބުމުން އެފަދަ ކަންކަމާއި ބެހޭގޮތުން ވާހަކަ ދައްކާ ޝުޢޫރު ފާޅުކޮށް އަޑު އުފުލުމަށް އެހީތެރިވެ ދިނުމަށެވެ.”

ޤާނޫނީ ލަފާދޭ މަރުކަޒާ ހަމަޔަށް މިފަދަ މައްސަލަތައް ގެނެސްފައިވަނީ ހަމައެކަނި ކަރީމްއެއް ނޫނެވެ. ގާތްގަނޑަކަށް 50 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅިގެން ދިޔައެވެ. ކަރީމްއެކޭ އެއްފަދައިން އެހެން މީހަކަށް ކާޑް ދޫކޮށްގެން ޝަކުވާ ހުށަހެޅުނު އިރު ބައެއް މީހުންގެ ޝަކުވާއަކީ ލިބެންޖެހޭ ފައިސާގެ ދެބައި ކުޅަ އެއްބައިވެސް ލިބިފައިނުވުމެވެ. ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ބަޔާން ނެގި ޑޮކިއުމެންޓް ތައްޔާރު ކުރެވި ޑިޒާސްޓަރ މެނޭޖްމަންޓާ ބެހޭ ޑިޕަރޓްމަންޓަށް ފޮނުވުނެވެ.

ނަމަވެސް އެ ޑިޕަރޓްމަންޓުން ފުރަތަމަ ދިނީ ބީރު ކަންފަތެކެވެ. އެހެންކަމުން މަރުކަޒުން ޑިޕަރޓްމަންޓަށް ދެވަނަފަހަރަށް މައްސަލަ ފޮނުވިއެވެ. ދެވަނަ ސިޓީ އާއެކީ ސަރުކާރުން ޑިޒާސްޓަރ މެނޭޖްމަންޓް ޑިޕަރޓްމަންޓަށް ޝަކުވާތަކާ ބެހޭގޮތުން ފިޔަވަޅު އެޅުމަށް އެންގިއެވެ. އަދި އެމައްސަލަތަކާ ގުޅޭ ތަފްޞީލް ރިޕޯޓެއް ފޮނުވުމަށް އެންގިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑިޕަރޓްމަންޓުން ޤާނޫނީ ލަފާދޭ މަރުކަޒަށް ގުޅިއެވެ. އަދި މައްސަލަތައް މުރާޖަޢާކޮށް، ކާޑުތައް ތައްޔާރުކުރެވިފައިވާ ކަމަށްވެސް އެ ފަރާތުން މަރުކަޒަށް މަޢުލޫމާތު ދިނެވެ.

ކަރީމަށް އޭނާގެ މައްސަލައަށް ޙައްލެއް ލިބިގެން ދިޔައީއެވެ. ނަމަވެސް އަދިވެސް އެތައް މައްސަލައެއް ނުނިމި ހުރުމުން މަރުކަޒުން މަސައްކަތް ކުރަމުން ދަނީ ކޮރަޕްޝަނާއި، ރިޝްވަތާއި ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށެވެ. “މިއީ ވަރަށްވެސް ބޮޑު މަސައްކަތެއް” ޓީ.އައި ޕާކިސްތާނުގެ އެގްޒެކެޓިވް ޑިރެކްޓަރ ސާދް ރަޝީދު ވިދާޅުވިއެވެ. “ނަމަވެސް މި ފައިސާ އަކީ ރައްޔިތުންގެ ދިރިއުޅުން އަލުން އާރާސްތުކުރުމަށް ވަރަށް މުހިއްމު އެއްޗެއް. އަޅުގަނޑުމެންގެ މަސައްކަތް މިކުރަނީ މިފައިސާ ލިބެންޖެހޭ ފަރާތްތަކަށް ލިބެމުންދާކަން ކަށަވަރު ކުރުމަށް.”

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ސަވައިވިންގ ދި ފްލަޑްސް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

http://www.transparency.org/news/story/surviving_the_floods