ކޮރަޕްޝަނުން އިތުބާރު ގެއްލުވާލައެވެ.

medium_50206

ޤައުމެއްގެ ސަރުކާރާއި ރައްޔިތުންނާ އޮންނަ ގުޅުމަކީ އިޖުތިމާޢީ ޢަޤުދެއް ނުވަތަ ސޯޝަލް ކޮންޓްރެކްޓެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. ވެރިކަމުގެ ޙައިސިއްޔަތު ބިނާވަނީ މި ގުޅުމުގެ މައްޗަށްކަމުގައިވާއިރު، މި ގުޅުމަކީ ދެމެހެއްޓެނިވި ގުޅުމަކަށް ހެދުމަށް އެންމެ މުހިންމު ބަހާއަކީ ރައްޔިތުންނާ ދައުލަތުގެ ދެމެދުގައި އޮންނަ އިތުބާރެވެ.
2014 ވަނަ އަހަރު ކުރެވުނު ‘ސިވިލް ސަރވިސް މުވައްޒަފުން ކޮރަޕްޝަނާމެދު ދެކޭގޮތުގެ ދިރާސާ’ ބުނާގޮތުން، ސާރވޭގެ ބައިވެރިންގެ 30 ޕަސެންޓާއި 45 ޕަސެންޓާ ދެމެދުގެ އަދަދެއް ޤަބޫލުކުރާގޮތުގައި ކޮރަޕްޝަނުގެ ޢަމަލުތަކުގައި ސިވިލްސާވިސްގެ ގިނަ މުވައްޒަފުން ބައިވެރިވެއެވެ. މިގޮތުން، ރިޝްވަތު ނުވަތަ ނުޙައްޤު ހަދިޔާ ހޯދާކަމަށް 37 ޕަސެންޓް، މަކަރާއި ހީލަތް އަދި ދައުލަތުގެ ފައިސާއަށް ޚިޔާނަތްތެރިވާކަމަށް 30 ޕަސެންޓް، ނާޖާއިޒު ފައިދާ ހޯދުމަށްޓަކައި ލިޔެކިއުމަށް ބަދަލުގެންނަ ކަމަށް 31 ޕަސެންޓް، ވަޒީފާ ދިނުމުގައި ވަކި ފަރާތްތަކަށް ޚާއްސަ އަހަންމިއްޔަތެއް ދޭކަމަށް 45 ޕަސެންޓް އަދި ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރާކަމަށް 35 ޕަސެންޓް ބައިވެރިން ޤަބޫލުކުރެއެވެ. މި ސާވޭގެ ނަތީޖާއަށް ބަލާއިރު، ރާއްޖޭގައި ކޮރަޕްޝަން މަތީ މިންވަރެއްގައި އޮތްކަމަށް ޤަބޫލުކުރެވޭނެ ޖާގަ އެބައޮތެވެ.

 

ހިންގުން-ގަވަރނަންސް އަދި ނިޒާމީ މައްސަލަތައް

ސަރުކާރެއް އަންނަނީ، ރައްޔިތުންނަށް ވަޢުދުތަކެއް ނުވަތަ ސިޔާސަތުތަކެއް ހުށަހަޅައި، އެ ސިޔާސަތުތައް ރައްޔިތުން ބަލައިގަތުމުންނެވެ. މިހެންކަމުން، ސަރުކާރުގެ އަމާޒަކަށް އަދި މަގްސަދަކަށް ވާންވާނީ، ރައްޔިތުންނަށް ހުށަހަޅާފައިވާ ވައުދުތައް ފުއްދައިދިނުމަށް މަސައްކަތްކުރުމެވެ. މިގޮތުން، އެ ވަޢުދުތަށް ހަޤީޤަތަކަށް ހެދުމަށްޓަކައި، އެ ސިޔާސަތުތަކުގެ ތަފްސީލް ޕްރޮގްރާމްތަކަކާއި އަމާޒުތަކެއް ކަނޑައަޅައި، އެ އަމާޒުތަކަށް ހާސިލްވުމަށް ބަޖެޓާއި އުސޫލުތަކެއް ކަނޑައަޅަންޖެހެއެވެ.
އެފަދަ އުސޫލުތަކެއް ކަނޑައެޅުމުގެ ބޭނުމަކީ، ހަރުދަނާ ގޮތެއްގައި، އެންމެނަށް އެނގެން އޮންނާނެފަދަ މިންގަނޑުތަކެއްގެ މައްޗަށް ސިޔާސަތުތައް ބިނާކޮށް، ވަކި ފަރާތެއްގެ ނުފޫޒުން އެ ސިޔާސަތުތަށް އެއްކިބާކޮށް، އިތުބާރު ޤާއިމްކުރުމެވެ. މިފަދަ ސިޔާސަތުތަކެއް އަދި އުސޫލުތަކެއް ނެތިއްޖެނަމަ، ހަމަހަމަކަން ގެއްލޭ ގޮތް މެދުވެރިވެއެވެ. އަދި، ޚިދުމަތް ދިނުމުގައި އިސްކަންދިނުމުގައި އުސޫލެއް ނެތުމުން، ވަކި ފަރާތްތަކެއްގެ ނާޖާއިޒު ފައިދާއަށް އަދި ކޮރަޕްޝަނަށް މަގުފަހިވެއެވެ.
އުސޫލެއްނެތި މިފަދަ ސިޔާސަތުތައް ތަންފީޒުކޮށް، މަޝްރޫޢުތައް ހިންގުމުގައި ވަކި އަމާޒެއްނެތި، އެކި ފަހަރު އެކިގޮތަށް ކަންތައްކުރެވި، ބޮޑެތި ބަދަލުތައް ގެންނަންޖެހޭގޮތް މެދުވެރިވެއެވެ. މީގެ ސަބަބުން ޚަރަދުބޮޑުވެ، ބޭކާރު ޚަރަދު ހިނގާގޮތް މެދުވެރިވެއެވެ.

 

ލިޔެވިފައިވާ އުސޫލުތަކެއް ނެތުމުން ދިމާވާ މައްސަލަ

ސަރުކާރުން ހިންގާ ކޮންމެ މަޝްރޫޢެއްގައި ވިޔަސް، އަދި އިދާރީ ހިންގުމުގައިވެސް، އެންމެ މުހިންމު ކަމަކީ، އަދި މިޒަމާނުގެ ހިންގުމުގެ ތަޖުރިބާކާރުން ލަފާދޭ ގޮތަކީ، ލިޔެވިފައިވާ އުސޫލުތަކެއް ނުވަތަ އިޖުރާއަތުތަކެއް ބެހެއްޓުމެވެ. މިގޮތުން ކޮންމެ ކަމަކަށްވެސް ސްޓޭންޑަރޓް އޮޕަރޭޓިންގ ޕްރޮސީޖަރސް (އެސް.އޯ.ޕީ) އެކުލަވާމުން، މަސައްކަތުގެ ފެންވަރު ރަނގަޅުވެ، ވަކި ފަރާތެއްގެ ނުފޫޒުން އެއްކިބާވުމުގެ ފުރުސަތު ބޮޑުވެ، ކޮރަޕްޝަނަށް އޮންނަ ފުރުސަތު ކުޑަވެގެން ދެއެވެ.
ލިޔެވިފައިވާ އެސް.އޯ.ޕީއެއް ނެތްނަމަ، އެއިރަކު ވެރިޔަކު ބުނާގޮތަކަށް އިދާރީ މުވައްޒަފުން ކަންތައްކުރާގޮތް މެދުވެރިވެއެވެ. އަދި ބައެއް ޙާލަތްތަކުގައި އިދާރީ މުވައްޒަފުގެ އަމިއްލަ ވިސްނުމަށް އަމަލުކުރަން ފުރުސަތުލިބުމުން، އެއް ބާވަތެއްގެ ކަންކަމުގައި އެކި ގޮތަށް ނިންމުންތައް ނިންމޭގޮތް މެދުވެރިވެއެވެ. ހަމަ މިއާއެކު، ލިޔެވިފައިވާ އެސް.އޯ.ޕީއެއް ނެތުމުން، ކަންކަމުގައި ޢަމަލުކުރާނެ ގޮތަކާމެދު ގޮތް ނުނިންމިގެން، ރައްޔިތުންނަށް ފޯރުކޮއްދޭންޖެހޭ ޚިދުމަތްތައް ނުދެވި ދިގުލައިގެން ދާގޮތް މެދުވެރިވެއެވެ. އަދި، ކަނޑައެޅިފައިވާ އުސޫލެއްނެތި، އަދި ލިޔެވިފައިވާ އެސް.އޯ.ޕީއެއް ނެތުމުން، ވަކިވަކި ފަރާތްތަކަށް އަދި ގާތްތިމާގެ މީހުންނަށް ނުވަތަ ރައްޓެހިންނަށް އިސްކަންދެވޭގޮތް ކުރިމަތިވެއެވެ.
ތަކެއްޗާއި ޚިދުމަތް ހޯދާ ލިބިގަތުމާއި ޚިދުމަތް ފޯރުކޮއްދިނުމުގައި އިންސާފުގެ މުހިންމުކަން
ސަރުކާރު ހިންގަނީ ރައްޔިތުންގެ ފައިސާއިންކަމުގައިވާއިރު، ސަރުކާރަށް ވީހާވެސް ޚަރަދުކުޑަވާނެގޮތަށް ތަކެތި ގަތުމާއި ޚިދުމަތް ހޯދުމާއި، ދެފުށްފެންނަ ނިޒާމަކުން ޕްރޮކިޔޮރމަންޓްގެ މަސައްކަތްތައް ގެންދިޔުމަކީ އިތުބާރު ހިފެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ހަމަ މިފަދައިން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮއްދޭ ޚިދުމަތުގައިވެސް އިންސާފުވެރިކަން އޮންނަންޖެހެއެވެ. މިސާލަކަށް، ގެދޮރު ނެތް ފަރާތްތަކުގެ ބަދަލުގައި ގެދޮރު ހުންނަ ފަރާތްތަކަށް ފްލެޓް ލިބޭގޮތް މެދުވެރިވާނަމަ، ޚިދުމަތާމެދު އަދި ސިޔާސަތާމެދު އިތުބާރު ގެއްލޭގޮތް މެދުވެރިއެވެ.
ޞިއްޙީ ދާއިރާއަށް ބަލާލާއިރު، ސްޕެޝަލިސްޓުންނަށް ދެއްކުމާއި ސިއްހީ ޚިދުމަތްތައް ހޯދުމުގައި އެޕޮއިންޓްމަންޓް ހެއްދުމުގައި ހިނގާ ކަމަށް ކުރިން ބުނާ ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން، ޞިއްޙީ ޚިދުމަތާމެދު .ރައްޔިތުންގެ އިތުބާރު ގެއްލެން މެދުވެރިވެއެވެ

 

ވަޒީފާއާ ގުޅޭގޮތުން ހިނގާ ނޭދެވޭ ކަންކަން

ސަރުކާރުން ސިޔާސީ މަޤާމުތަކަށް ޢައްޔަންކުރާ ފަރާތްތަކަކީ، ސަރުކާރާ ރައްޔިތުންނާ ގުޅުވައިދޭ ފާލަމެއްކަމުގައިވާއިރު، އެ ފަރާތްތަކަކީ، ރައްޔިތުންގެ އިތުބާރު އޮތް ފަރާތްތަކަކަށް ވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިގޮތުން، ކޮރަޕްޝަނުގެ ދައުވާ އުފުލިފައިވާ، އަދި ބޮޑެތި ކުށް ސާބިތުވެފައިވާ ފަރާތްތަށް މަޤާމުތަކަށް ޢައްޔަންކުރުމުން ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ގެއްލިގެން ދިއުމަށް މެދުވެރިވެއެވެ. ‘ސިވިލް ސަރވިސް މުވައްޒަފުން ކޮރަޕްޝަނާމެދު ދެކޭގޮތުގެ ދިރާސާ’ ގެ ބައިވެރިންގެ 42 ޕަސެންޓް ސިޔާސީ މަޤާމުތަކުގައި ކޮރަޕްޝަން އޮތްކަމަށް ޤަބޫލުކުރާއިރު، 31 ޕަސެންޓް ބައިވެރިން ޤަބޫލުކުރާގޮތުގައި މިނިވަން މުއައްސަސާތަކުގެ ވެރިންގެ ތެރޭގައި ކޮރަޕްޝަން އެބަ އޮތެވެ. ސިވިލް ސާވިސްގެ އިސް ވެރިންގެ ފެންވަރުގައި ކޮރަޕްޝަން އޮތްކަމަށް ބައިވެރިންގެ 20 ޕަސެންޓް ޤަބޫލުކުރެއެވެ.

 

ޖަވާބުދާރީކުރުން/ސިއްރު ނުހިފެހެއްޓުން

ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ހިފަހައްޓަންޖެހޭ ސިއްރު މަޢުލޫމާތު ނުހިފެހެއްޓި، އެ މަޢުލޫމާތަކީ، މީޑިއާއާއި، ޢާންމުންގެ ތެރެއަށް ލީކުވެގެންދާ މަޢުލޫމާތަކަށް ވެއްޖެނަމަ، ނިޒާމާއިމެދު ޢާންމުންގެ އިތުބާރު ގެއްލިގެން ދިއުމަށް މެދުވެރިވެއެވެ. މިގޮތުން، ބޮޑެތި ކުށްވެރިންނާއިގުޅޭގޮތުން ހެކިބަސްދޭ ފަރާތުގެ ރައްކާތެރިކަމަށްޓަކައި އެ ފަރާތުގެ މަޢުލޫމާތަކީ ބައެއް ޙާލަތްތަކުގައި ސިއްރު މަޢުލޫމާތުގެ ގޮތުގައި ހިފަހައްޓަންޖެހޭ އެއްޗެއްކަމުގައިވިޔަސް، މުއައްސަސާތަކުގެ ތެރެއިން އެ މަޢުލޫމާތު މީޑިއާގައާއި ސޯޝަލް މީޑިއާގައި ދައުރުވުމަކީ އާންމުކަމެކެވެ. މިހެން ދިމާވުމުން، މިފަދަ ބޮޑެތި ކުށްވެރިންނާ ދެކޮޅަށް ހެކި ދިނުމަށް ޢާންމުން ޖެހިލުންވެ، އަމަންއަމާންކަން ޤާއިމްކުރުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލެއެވެ.

 

ރައްޔިތުންގެ އިތުބާރު ހޯދުމަށް މުއައްސަސާތަކުގެ ދައުރު

ދައުލަތުގެ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ، ސިއްރިޔާތުގައި ކަންކަން ނިންމުމާއި، ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާގޮތަށް، އަދި ވަކި ފަރާތެއްގެ ނުވަތަ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް މަސައްކަތްކުރުމެވެ.
މިކަމަށް ޙައްލު ހޯދުމަށްޓަކައި އެންމެ މުހިންމު ކަމަކީ، މުއައްސަސާތަކުގެ ޓްރާންސްޕޭރެންސީ ވަރުގަދަކުރުމެވެ. މިގޮތުން، މައުލޫމާތު ފޯރުކޮއްދިނުމުގެ ނިޒާމު ހަރުދަނާކޮށް، ފަސޭހައިން މައުލޫމާތު ލިބޭނެ ގޮތްތަށް މަގުފަހިކުރުން މުހިންމެވެ. ހަމަ މިއާއެކު، އެކި މުއައްސަސާތަކުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އާންމުން ހޭލުންތެރިކުރުމުން، އުސޫލުން ބޭރުން ކަންކަން ކުރުމަށް ހުރަސްއެޅެއެވެ.
‘ސިވިލް ސަރވިސް މުވައްޒަފުން ކޮރަޕްޝަނާމެދު ދެކޭގޮތުގެ ދިރާސާ’ ގެ ބައިވެރިންގެ 46 ޕަސެންޓް ޤަބޫލުކުރާގޮތުގައި، ސަރުކާރު ހިންގުމަށް ކުރެވޭ މަސައްކަތުގައި ޖަވާބުދާރީކުރުމާއި ދެފުށްފެންނަގޮތަށް ޢަމަލުކުރާ މިންވަރު ހުރީ މެދުމިންވަރަކަށެވެ. އަދި ސަރުކާރު ނޫން އެހެން މުއައްސަސާތަކުގައި ޖަވާބުދާރީވުމާއި ދެފުށްފެންނަގޮތަށް ޢަމަލުކުރާ މިންވަރު ހުރީ ވަރަށްދަށުގައިކަމަށް ފާހަގަކުރެއެވެ. ސާރވޭގެ 55 ޕަސެންޓް ބައިވެރިން ދެކޭގޮތުގައި ކޮރަޕްޝަން ނައްތާލުމުގައި ސިޔާސީގޮތުން އެއްބާރުލުމުގައި ޖަވާބުދާރީވުމާއި ދެފުށްފެންނަގޮތަށް ޢަމަލުކުރާ މިންވަރު ހުރީ ވަރަށް ދަށުގައެވެ.
ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި، ޖަވާބުދާރީކުރުމުގެ ނިޒާމު ހަރުދަނާކުރަންޖެހެއެވެ. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސަރުކާރު ޖަވާބުދާރީކުރުމުގެ ޒިންމާ އަދާކުރަންޖެހެއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޒިންމާދާރުކުރުވުމާއި ގުޅިފައިވާ ކޮމެޓީތަކުން އެ ފަރާތްތަކުގެ ޒިންމާ އަދާކުރަންޖެހެއެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ނޭޝަނަލް އިންޓެގްރިޓީ ސިސްޓަމް އެސެސްމަންޓް 2014 ބުނާގޮތުން، ދައުލަތުގެ ޒިންމާދާރުކުރުވުމުގެ ބާރުތައްކަމުގައިވާ، ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަމާއި، ޖަވާބުދާރީކުރުމުގެ ޤާބިލްކަމާމެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވެއެވެ. ހަމަ މިއާއެކު، ޢަދުލު އިންސާފުގެ ބާރާއި، ޖަވާބުދާރީ ކުރުމުގެ އެހެން އިދާރާތައް ސިޔާސީވެފައިވާ މިންވަރުން، ސަރުކާރު ޖަވާބުދާރީކޮށް ކޮރަޕްޝަން ނައްތާލުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވެއެވެ.
ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށްޓައި އެންމެ މުހިންމު ކަންތައްތަކުގެ ގޮތުގައި ‘ސިވިލް ސަރވިސް މުވައްޒަފުން ކޮރަޕްޝަނާމެދު ދެކޭގޮތުގެ ދިރާސާ’ގެ ބައިވެރިން ފާހަގަކޮއްފައިވާ ކަންކަމުގެ ތެރޭގައި އިންޓާނަލް އޮޑިޓިން ހަރުދަނާކުރުން، މޮނިޓަރިންގ އަދި އެންފޯސްމަންޓް މެކޭނިޒަމް ހަރުދަނާކުރުން، މައުލޫމާތު ފެތުރުން ހަރުދަނާކުރުން އަދި ކޮރަޕްޝަނާމެދު ދުރާލާ ރައްކާތެރިވުން ފާހަގަކޮއްފައިވެއެވެ.
ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމުގައި އެންމެ މުހިންމުކަމަކީ، ސިޔާސަތުތަކާއި، ސްޓޭންޑަރޑްތައް އަދި އެސްއޯޕީތައް ތައްޔާރުކޮށް، އާންމުކުރުމެވެ. އަދި، ސަރުކާރުގެ ބިއުރޯކްރަސީ ކުޑަކޮށް، ޚިދުމަތް އަވަސްކުރުމުގެ ގޮތުން، ޚިދުމަތްދިނުމުގެ ފަށަލަތަށް މަދުކޮށް، އެކި ޙާލަތްތަކުގައި ކަން ކުރަންވީގޮތް ޢާންމުކޮށް އެނގެން ހުންނާނެހެން ހުރުމެވެ. ‘ސިވިލް ސަރވިސް މުވައްޒަފުން ކޮރަޕްޝަނާމެދު ދެކޭގޮތުގެ ދިރާސާ’ އާއި ނޭޝަނަލް އިންޓެގްރިޓީ ސިސްޓަމް އެސެސްމަންޓް ބުނާގޮތުން، ސަރުކާރުގެ އިދާރާތަކުގައި ކޮރަޕްޝަނަށް މަގުފަހިވުމުގެ އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އިޖުރާތުތަކާއި އުސޫލުތައް ނެތުމެވެ