ކޮރަޕްޝަނުން ޞިއްޙީ ޚިދުމަތަށް ކުރާ އަސަރު

medium_50206

ޞިއްޙީ ޚިދުމަތަކީ، ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ އެއް ޚިދުމަތެވެ. މިއީ ދިރިހުރުމާއި މަރާ ގުޅިފައިވާ މުހިއްމު ޚިދުމަތެއްކަމުގައިވާއިރު، ދައުލަތުގެ އެންމެ ބޮޑު ބަޖެޓެއް ހޭދަކުރެވޭ، އަދި އެންމެ ގިނަ މުވައްޒަފުން ޙަރަކާތްތެރިވާ އެއް ދާއިރާއެވެ. ޤައުމެއްގެ ރައްޔިތުންގެ ދުޅަހެޔޮކަން ބިނާވެފައިވަނީ ފުރިހަމަ ޞިއްޙީ ޚިދުމަތެއް ފޯރުކޮއްދިނުމުގެ މައްޗައްކަމުގައިވާއިރު، އެކަށީގެންވާ ޞިއްޙީ ޚިދުމަތެއް ފޯރުކޮއްނުދެވޭނަމަ، އެއީ މުޅި ޤައުމުގެ މުސްތަޤުބަލަށް އޭގެ ނޭދެވޭ އަސަރު ފޯރުވާނެ ކަމެކެވެ.
ފުރިހަމަ ޞިއްޙީ ޚިދުމަތެއް ފޯރުކޮއްދެވޭނީ، ޞިއްޙީ ޚިދުމަތުގެ ނިޒާމަކީ، އަދި އެނިޒާމުގައި ޙަރަކާތްތެރިވާ ފަރާތްތަކަކީ، ތެދުވެރި، އިޚްލާސްތެރި، މަސައްކަތަށް ކަމޭހިތާ، ކޮރަޕްޝަނުން އެއްކިބާވެފައިވާ ބަޔަކަށް ވެގެންނެވެ. ޞިއްޙީ ދާއިރާއަކީ، ކޮރަޕްޝަނަށް ގިނަ ދޮރުތަކެއް ހުޅުވިފައިވާ، އަދި ކޮރަޕްޝަނުގެ ނާޖާއިޒު ފައިދާއަށް އިންތިހާއަށް ފުރުޞަތު ބޮޑު ދާއިރާއެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ. މިގޮތުން، ޞިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލް، ޞިއްޙީ މަރުކަޒު ޢިމާރާތްކުރުމާއި، މަރާމާތާއި، އެކި އިކުއިޕްމަންޓާއި ބޭހާއި ދުވަހުން ދުވަހަށް ހޯދާ ކޮންސިއުމަބަލްސް ގަތުމުން ފެށިގެން، މުވައްޒަފުން ހޯދުމާއި، ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމާއި މިފަދަ ގިނަ ކަންކަމެއްގައި ކޮރަޕްޝަނަށް ދޮރު ހުޅުވިފައިވާ ދާއިރާއެއް ކަމަށް ބެލުމުގެ ޖާގަ ކުރިން އޮވެއެވެ. ދައުލަތުގެ ޚަރަދުން ބިލިއަނުން ޚަރަދުކުރެވޭ މި ދާއިރާއަކީ، ފައިސާގެ ބޮޑެތި ޢަދަދުތަކާއި ގުޅިފައިވާ ދާއިރާއެކެވެ. މިއިން ކޮންމެ ދާއިރާއަކީ ކޮރަޕްޝަނަށް ދޮރު ހުޅުވިފައިވާ ދާއިރާތަކެއް ކަމަށް ބެލުމުގެ ފުރުސަތު ލިބި އެއިން ކޮންމެ ދޮރަކީ، ދައުލަތުގެ މާލިއްޔާއިން ލީކުވާ ލޯވަޅުތަކަކަށް ވެއްޖެނަމަ، އެއިން މުޅި ޤައުމަށް އަންދާޒާ ނުކުރެވޭހާ ބޮޑު ގެއްލުމެއް ލިބިގެންދާނެއެވެ. ހަމަ މިއާއެކު، ކޮރަޕްޝަނުގެ ކޮންމެ ދޮރަކީ، ޚިދުމަތުގެ ފެންވަރު ދަށްވުމަށް މެދުވެރިވާ ސަބަބެކެވެ.
ޞިއްޙީ ދާއިރާއަށް ބޭނުންވާ ތަކެތި ގަތުމުގައި ހިމެނޭ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅޭގޮތުން، އޮޑިޓަރ ޖެނެރަލް ކުރިން ނެރުއްވާފައިވާ ރިޕޯޓެއްގައިވާގޮތުން، މުދާ ފޯރުކޮއްދިނުމާ ނުލައި އެއް ކުންފުންޏަކަށް 11.8 މިލިއަން ދޫކުރެވިފައިވެއެވެ. މިގޮތުން އެ ކުންފުންޏަކީ އެކަމަށް އެކަށީގެންވާ ކުންފުންޏެއް ނޫންކަމާއި، ކުންފުނި ހޮވުމުގައި ހާމަކަންބޮޑު އުސޫލަކުން އަމަލުކޮއްފައި ނުވާކަންވެސް އޮޑިޓަރޖެނެރަލް ފާހަގަކުރައްވާފައިވެއެވެ. ހަމަ މިއާއެކު، މެޑިކަލް ކޮންސިއުމަބްލްސް ގަތުމުގައި، ބޭނުންވާ ވަރަށްވުރެ އިތުރަށް ތަކެތި ގަތުމުގެ ސަބަބުން، މުއްދަތު ހަމަވުމާއި، އެތަކެތި ނައްތާލަންޖެހޭކަންވެސް ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ހޮސްޕިޓަލުގައި ބޭނުންކުރުމަށް 1.5 މިލިއަން ޚަރަދުކޮށްގެން ގަތް 2 މެޝިނެއްގެ މުޢާމަލާތު ހިންގާފައިވަނީ ބީލަންކުރުމުގެ އުޞޫލާ ޚިލާފަށްކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި ޞިއްޙީ ދާއިރާގެ ފައިސާ ބެލެހެއްޓުމާއި، ހިސާބާއި ލިޔެކިޔުން ބެލެހެއްޓުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެފައިވާކަން ފާހަގަކުރައްވާފައިވެއެވެ.
ޞިއްޙީ ދާއިރާގެ ބޭނުމަށް އިމާރާތް، ގުދަން ކުއްޔައްހިފުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ދައުލަތަށް މާލީ ގެއްލުން ލިބޭ ކަމަށާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ ބެލެހެއްޓުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއްކަމުގައިވެސް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވެއެވެ.
ފަންނީ މުވައްޒަފުންގެ ފަރުވާކުޑަވުން
ޞިއްޙީ ޚިދުމަތަކީ ދިރިހުރުމާއި މަރާ ގުޅިފައިވާ ޚިދުމަތަކަށްވާއިރު، މި ދާއިރާގައި ޙަރަކާތްތެރިވާ ކޮންމެ ފަރާތަކީވެސް، މަސައްކަތަށް ފަރުވާތެރި، ކަމަށް ކަމޭހިތާ، އިންސާނީ އަގު ވަޒަންކުރާ ބަޔަކަށް ވާންޖެހެއެވެ. ލިބޭ މާއްދީ ފައިދާއަށްވުރެބޮޑަށް، އިންސާނީ ޚިދުމަތެއްގެ ގޮތުގައި ޚިދުމަތް ފޯރުކޮއްދިނުމަށް ސަމާލުވާންޖެހެއެވެ. ތިމާއަށް ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާގެ އަލީގައި، ފަރުވާތެރިކަމާއެކު ޚިދުމަތްކުރަންޖެހެއެވެ. އެހެންނަމަވެސް، ޞިއްޙީ ދާއިރާގައި ލިބޭ އާމްދަނީ ކުޑަވުމާއި، މަސައްކަތް ބުރަވުންފަދަ، އެކަށީގެންވާ ތަމްރީން ނެތުން އަދި މިނޫންވެސް ސަބަބުތަކާހެދި، މުއައްޒަފުން މަސައްކަތަށް ފަރުވާކުޑަކުރުމަށް މެދުވެރިވެއެވެ. މިއީ މިދާއިރާގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކުން ވެސް އެކަމާމެދު ވިސްނައި އެކަށީގެންވާ ފިޔަވަޅު އަޅައި ޙައްލުކުރަންޖެހޭ މައްސަލައެކެވެ. ޚާއްސަކޮށް، ޑޮކްޓަރުންނާއި ނަރުހުން، އަދި ލެބޯޓަރީ ޓެކްނީޝަނުންފަދަ ފަންނީ މުވައްޒަފުންގެ ފަރުވާ ކުޑަވެގެން ހިނގާ ޙާދިސާތަކުން، ޚިޔާލަށް ނުގެނެވޭފަދަ، އަދި އިޢާދަނުކުރެވޭފަދަ ބޮޑެތި ގެއްލުން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
ޞިއްޙީ ޚިދުމަތާގުޅޭގޮތުން އުފުލޭ އެންމެ ބޮޑު އެއްޝަކުވާއަކީ، ބައެއް ފަހަރު ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ވެރިންގެ ގޮތުގައި ދާއިރާގެ ފަންނީ ތަޖުރިބާކާރުން ޢައްޔަންކުރުމުގެ ބަދަލުގައި، ސިޔާސީ ފަރާތްތައް ޢައްޔަންކުރެވޭކަމެވެ. މިގޮތުން، ޢައްޔަންކުރެވޭ ފަރާތްތަކަކީ، ޞިއްޙީދާއިރާގެ ތަޖުރިބާއެއްނެތް އަދި، ހިންގުމުގެ ފަންނު ނެތް ފަރާތްތަކަށް ވެއްޖެނަމަ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ހިޔަނިއެޅިގެންދާނެއެވެ. އަދި ޞިއްޙީދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ އަޚްލާގަށް އަސަރުކުރާނެއެވެ.

މުވައްޒަފުންގެ ފެންވަރު ދަށްވުން
ޞިއްޙީ ޚިދުމަތުގެ ފެންވަރު ބިނާވަނީ، މުވައްޒަފުންނަށް ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި ހުނަރު އަދި ޤާބިލްކަމުގެ މައްޗަށެވެ. މިގޮތުން ޤާބިލް މުވައްޒަފުން ހޯދައި، އެމުވައްޒަފުންގެ ޤާބިލްކަން އިތުރުކޮށް، އެ މުވައްޒަފުންނަކީ ހިތްހަމަޖެހިގެން، ހެޔޮނިޔަތާއެކު މަސައްކަތްކުރާ ބަޔަކަށް ހަދަންޖެހެއެވެ. މުވައްޒަފުން ހޯދުމުގައާއި، ވަޒީފާގެ ކުރިއެރުމާއި ތަމްރީނުގެ ފުރުޞަތުތައް ފޯރުކޮށްދިނުމުގައި އިންސާފުވެރި، ދެފުށްފެންނަ އަދި ކޮރަޕްޝަނުން އެއްކިބާވެފައިވާ އުޞޫލުތަކެއް ގެންގުޅެންޖެހެއެވެ. މުވައްޒަފުންނާ ގުޅޭ ކަންކަމުގައި ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުމަށް މަގުފަހިވެފައިވާނަމަ، ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ޤާބިލްކަމާއި، ފެންވަރާމެދު ސުވާލު އުފެދެއެވެ. އަދި އެ ފަރާތްތަކުން ދޭ ޚިދުމަތާމެދު ސުވާލު އުފެދެއެވެ. ފުރިހަމަ ޞިއްޙީ ޚިދުމަތަކަށް ހުރަސްއެޅެއެވެ. ޢާންމު ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ރާއްޖޭގައި މަސައްކަތްކުރާ ބައެއް ޑޮކްޓަރުންގެ ތެރޭގައި، ގޫގްލް ސާޗް ކޮއްގެން ބޭސް ސިޓީލިޔާ ޑޮކްޓަރުން އެބަތިއްބެވެ. ޑޮކްޓަރުންގެ ފެންވަރާމެދު ސުވާލު އުފެދިފައިވާއިރު، ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވެފައިވާގޮތަށް ނިޒާމުތައް ބައްޓަންކުރެވިފައިވާއިރު، ބޭރުން ޑޮކްޓަރުން ގެނައުމުގައި ޙަރަކާތްތެރިވާ އެޖެންޓުންނާއި، ސަރުކާރުގެ ބައެއް ވެރިންނާމެދު ކޮރަޕްޝަނުގެ ތުހުމަތު ކުރެވެއެވެ. މިގޮތުން، ޑޮކްޓަރުން ރާއްޖެ ގެނައުމުގެ ކުރިން އެމީހުންގެ ފެންވަރު އެކަށީގެންވާ ގޮތެއްގައި ވަޒަން ނުކުރެވޭކަމާއި، ރާއްޖެ އައުމަށްފަހު ވެސް، އަދި ރާއްޖޭގައި ކިތަންމެ ގިނަ ދުވަހަކު މަސައްކަތްކުރިކަމުގައިވިޔަސް، އެފަރާތްތަކުގެ ފެންވަރު ބެލޭނެ ނިޒާމެއް ގާއިމްވެފައިނުވާކަން ފާހަގަކުރެވެއެވެ.
ހަމަ މިއާއެކު، ރާއްޖެ އެތެރެކުރާ ބޭހުގެ ފެންވަރު ގަވާއިދުން ބަލައި މޮނިޓަރ ކުރެވެންޖެހެއެވެ. ރާއްޖެއަށް އެތެރެކުރާ ބޭހުގެ ފެންވަރާމެދު ސުވާލު އުފެދެމުންދާއިރު، މިހާރު ފިހާރަތަކުގައި ވިއްކަންހުންނަ ޕެނަޑޯލް ގުޅައަކުން ބޮލުގެ ރިހުން ނުކެނޑޭ ކަމުގެ ޝަކުވާ އިތުރުވެފައިވެއެވެ. މިފަދަ ޝަކުވާ އެހެން ބޭސްތަކާމެދުވެސް އިތުރުވަމުންދާއިރު، ބޭހުގެ ފެންވަރު ބަލާނެ ނިޒާމަކަށް ކޮންމެހެން ބޭނުންވެފައިވެއެވެ.

އެޕޮއިންޓްމަންޓް ހޯދަން ދަތިވުން
ޞިއްޙީ ދާއިރާއާ ގުޅޭގޮތުން ޢާންމުންގެ ޝަކުވާ އެންމެ ބޮޑު އެއް މައްސަލައަކީ، ޑޮކްޓަރުންގެ އެޕޮއިންޓްމަންޓް ހޯދުމުގައި، ޚާއްސަކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ އެޕޮއިންޓްމަންޓް ހޯދުމުގައި ދިމާވާ ދަތިތަކެވެ. މިގޮތުން، ހޮސްޕިޓަލުގައި މަސައްކަތްކުރާ ރައްޓެހިން މެދުވެރިކޮށް އެޕޮއިންޓްމަންޓް ހޯދުން ކުރިން ޢާންމުވެފައިވުމުގެ ސަބަބުން، އެފަދަ މަގުތައް ބޭނުންނުކުރާ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި އުނދަގުލާއި ކުރިމަތިލާންޖެހެއެވެ. އެޕޮއިންޓްމަންޓް ހެއްދުމާއި، ހޮސްޕިޓަލްގެ ޕްރައިވެޓް ރޫމް ދޫކުރުން ފަދަ ކަންކަމުގައިވެސް، ދެފުށް ފެންނަ، ކޮރަޕްޝަނާދުރު ގޮތްތައް ޚިޔާރުކުރަންޖެހެއެވެ. މުވައްޒަފުން މެދުވެރިކޮށް، ނާޖާއިޒު ފައިދާ ނުހޯދޭނެ ގޮތަކަށް ނިޒާމްތައް ރާވަންޖެހެއެވެ.

މެއިންޓަނަންސްގެ މައްސަލަ
ޞިއްޙީ ދާއިރާގައި ބޭނުންކުރެވޭ އިކުއިޕްމަންޓް ފަދަ ތަކެއްޗަކީ ގަވާއިދުން މެއިންޓެއިންކޮށް ބަލަހައްޓަންޖެހޭ ތަކެއްޗެވެ. ހަމަ މިއާއެކު، ޞިއްޙީ ޚިދުމަތާ ގުޅިފައިވާ ކޮންމެ ތަނަކީ އަބަދުވެސް ސާފުތާހިރުކަންމަތީ ހުންނަންޖެހޭ ތަންތަނެވެ. މިގޮތުން، މެއިންޓެއިންކުރުމާއި، ސާފުތާހިރުކުރުމުގެ ޚިދުމަތަކީ ބައެއް ޙާލަތްތަކުގައި ބޭރުގެ ފަރާތްތަކަށް އައުޓްސޯސްކޮއްގެން ފޯރުކޮއްދޭ ޚިދުމަތަށްވާއިރު، އެގޮތުން ޢައްޔަންކުރެވޭ ކޮންޓްރެކްޓަރުން ޢައްޔަންކުރުމުގައިވެސް ކޮރަޕްޝަނުގެ އަމަލުތައް ހިނގާނަމަ، ނޫނީ އެފަރާތްތަކުގެ މަސައްކަތް އެކަށީގެންވާގޮތެއްގައި މޮނިޓަރ ނުކުރެވޭނަމަ، ޞިއްޙީ ޚިދުމަތުގައި ބޭނުންކުރެވޭ އިކުއިޕްމަންޓް ހަލާކުވުމާއި، ހޮސްޕިޓަލްފަދަ ތަންތަނުގެ ސާފުތާހިރުކަން ގެއްލުމަށް މެދުވެރިވެއެވެ.
ފުރިހަމަ ޞިއްޙަތަކީ ހާސް ނިޢުމަތްކަމުގައި ބުނެވޭއިރު، މި ހާސް ނިޢުމަތް ބިނާވެގެންވަނީ، ޞިއްޙީ ދާއިރާ ކޮރަޕްޝަނުން އެއްކިބާވެފައިވުމުގެ މައްޗަށެވެ. މުވައްޒަފުން ހޯދުމުން ފެށިގެން އެޕޮއިންޓްމަންޓް ދިނުމާއި، ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގައިވެސް ދެފުށްފެންނަ ނިޒާމްތަކެއް ޤާއިމްކުރެވިގެންނެވެ. ނޫނީ، އެ ހާސް ނިޢުމަތުން އެތައް ހާސް ރައްޔިތުންނެއް މަޙުރޫމްވެގެން ހިނގައިދާނެއެވެ.