ކޮރަޕްޝަން – ޤައުމުގެ އަމަން އަމާންކަމަށް ހުރި ނުރައްކަލެއް

medium_50206

ކޮރަޕްޝަނުގެ ސަބަބުން މިނިވަން ވިޔަފާރިއާއި ވާދަވެރިކަމަށް ހުރަސްއަޅައި، ސަރުކާރުގެ ހިންގުމާއި ޤާބިލްކަމަށް ގޮންޖެހުންތައް ކުރިމަތިކުރުވައި، ތަރައްޤީއާއި ކުރިއެރުމަށް ހުރަސްއަޅައެވެ. ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުގެ މަޤްބޫލްކަމާއި ހައިސިއްޔަތު ގެއްލެއެވެ. ކޮރަޕްޝަނުގެ ސަބަބުން، ޤައުމީ ސަލާމަތާއި، މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް އަސަރުފޯރައެވެ. ކޮރަޕްޝަނާއި ފަސާދަ އާންމުވެފައިވާ މުޖުތަމައެއް، ނުވަތަ ޤައުމަކީ، ބޮޑެތި ޖަރީމާ ހިންގާ ދުނިޔޭގެ އެކި ޖަމާއަތްތަކުގެ ހާއްޔަކަށް ބަދަލުވެގެންދެއެވެ. މަސްތުވާތަކެއްޗާއި، ހަތިޔާރު އަދި އިންސާނީ ވަގުފާރި ކުރާ ފަރާތްތަކުން، ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ކޮރަޕްޝަނުގެ ފަސާދައިގައި ޝާމިލްކޮށް، އެފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް މަގުތައް ހޯދައެވެ.

ކޮރަޕްޝަނުގެ ސަބަބުން މިނިވަންކަމާ އަމަންއާންމު ގެއްލެނީ ކިހިނެއް؟
ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އަދި މުޖުތަމަޢުގެ އާންމު މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި ޤާއިމްކުރެވިފައިވާ މުހިންމު މުއައްސަސާތަކަށް ކޮރަޕްޝަނުގެ ވަބާ ވަދެއްޖެނަމަ، އެއީ، ޤައުމީ ސަލާމަތަށްހުރި ނުރައްކަލަކަށް ވެގެންހިނގައިދާނެއެވެ. މިގޮތުން ޤައުމީ ސަލާމަތާ ގުޅުންހުރި މުއައްސަސާތަކާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކަކީ، މުޅި ޤައުމުގެ ދިފާޢާއި ރައްޔިތުންނަށް، އެތެރެ އާއި ބޭރުން އަންނަ ނުރައްކާތަކުން ސަލާމަތް ކޮށްދިނުންކަމުގައިވާ އިރު، ކޮރަޕްޝަނުގެ ވަބާގެ ސަބަބުން، މުއައްސަސާތަކުން މި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ހުރަސްއަޅައެވެ.

ސިފައިންގެ ޤާނޫނުގައިވާގޮތުން، ސިފައިންގެ މަސްއޫލިއްޔަތުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި، ދިވެހި ދައުލަތް، ޙިމާޔަތްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލް އަދި ސިޔާދަތު ޙިމާޔަތްކޮށް ދިފާޢުކުރުމާއި، ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ޙިމާޔަތްކުރުމާއި، ރާއްޖެއަށް ދިމާވާ ކުއްލި ޙާލަތްތަކުގައި ކުއްލި އަދި އަވަސް ޚިދުމަތް ފޯރުކޮއްދިނުން ހިމެނެއެވެ. މިފަދަ މުހިންމު މަސްއޫލިއްޔަތުތަކެއް ޙަވާލުވެފައިވާ ބައެއްގެ ތެރެއަށް ކޮރަޕްޝަނުގެ ކިތަންމެ ކުޑަ މިންވަރެއް ވަދެއްޖެ ނަމަވެސް، އެއީ މުޅި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުފޯރައިފާނެ ކަމަކަށް ވެދެއެވެ. މިގޮތުން، ސިފައިންގެ ތެރޭގައި ކޮރަޕްޝަނުގެ ވަބާ ފެތުރިއްޖެނަމަ، ޤައުމީސަލާމަތާ ގުޅުންހުރި ބޮޑެތި ސިއްރުތައް އަމިއްލަ ފައިދާއަށްޓަކައި އެހެން ފަރާތްތަކަށް ހާމަކުރެވޭފަހަރު އާދެއެވެ. އަދި، މިގޮތުން އެހެން ފަރާތްތަކަށް ފޯރުކޮއްދެވޭ މަޢުލޫމާތުގެ ތެރޭގައި، އަމިއްލަ ފައިދާއަކަށްޓަކައި، ތިމާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށް، ޤައުމުގެ ދިފާޢާ ގުޅިފައިވާ އެންމެ ބޮޑެތި ސިއްރުތަކާއި އުކުޅުތައް ހާމަކޮށް، މުޅި ޤައުމު ނުރައްކަލުގެތެރެއަށް ހުށަހެޅޭފަދަ، ޓެރަރިޒަމާއި މިނޫންވެސް ބޮޑެތި ޖަރީމާތަކަށް މަގުފަހިވާގޮތް މެދުވެރިވެއެވެ. ހަމަ މިއާއެކު، ޤައުމުގެ ސަލާމަތް ރައްކާތެރިކުރުމުގައި ޤައުމުގެ ސަރަޙައްދީ ރޮނގު، ނުވަތަ ބޯޑަރު ބެލެހެއްޓުމުގައި އިހުމާލުވެ، އެކި ޤައުމުތަކުގެ މީހުން ކުށްކުރާ ހާއްޔަކަށް ޤައުމު ބަދަލުވެގެންދިއުމުގެ ފުރުޞަތު ބޮޑެވެ.

ފުލުހުންގެ ޤާނޫނުގައިވާގޮތުން، ފުލުހުންގެ މަސްއޫލިއްޔަތުގެތެރޭގައި، މުޖުތަމަޢުގެ އާންމުމަސްލަޙަތާއި އަމަންއާންމު ދެމެހެއްޓުމާއި، ފަރުދުންގެ ފުރާނައާއި މުދަލާއި ގޯތިގެދޮރު ރައްކާތެރިކޮށް ޙިމާޔަތްކުރުމުގައި އެހީތެރިވުމާއި، ޖިނާއީ ކުށުގެ ޢަމަލުތައް ހުއްޓުވައި އެޢަމަލުތަކާ ދެކޮޅަށް ޙަރަކާތްތެރިވުމާއި، ޖިނާއީ ކުށުގެ ޢަމަލުތައް ހޯދައި ދެނެގަނެ ތަޙްޤީޤުކުރުން ހިމެނެއެވެ.

ފުލުހުންގެ ތެރޭގައި ކޮރަޕްޝަނުގެ ވަބާ އަށަގަތުމުގެ ނަތީޖާއަކަށްވަނީ، ބޮޑެތި ކުށްވެރިން ހިންގާ ޖަރީމާތަކުގައި ފުލުހުން ބައިވެރިވުމާއި، އެފަދަ ކުށްތަކުގެ ހެކި ނައްތާލުންފަދަ ކަންކަމެވެ. މަސްތުވާތަކެއްޗާގުޅުންހުރި މައްސަލަ ތަކުގައި ކުޑަކަމުދާތަކެތީގެ ޓެސްޓުކުރުމާއި މަސްތުވާތަކެއްޗާ ގުޅުންހުރި އެހެނިހެން ޓެސްޓުތަކުގެ ތެދުވެރިކަމާއި މިނިވަންކަން ގެއްލުމެވެ. ފުލުހުންގެ ތެރޭގައި ބޮޑެތި ޖަރީމާތަށް ހިންގުމުގައި ބައިވެރިވާ ގޭންގުތަކާއި ގުޅުން އޮންނަ ފަރާތްތައް ތިބޭނަމަ، ނުވަތަ އެފަދަ ގޭންގުތަކުން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތައް ތިބޭނަމަ، ބޮޑެތި މާރާމާރީއާއި، މީހުންމެރުމާއި، ވައްކަމާއި މަސްތުވާތަކެތީގެ ވިޔަފާރިފަދަ ކުށްތައް ހުއްޓުވުމުގައި ފުލުހުންގެ ޤާބިލްކަމާއި މިނިވަންކަމާމެދު ސުވާލުއުފެދޭގޮތް މެދުވެރިވެއެވެ. މީގެ ނަތީޖާއަކަށްވަނީ، މުޖުތަމައުގެ އަމާންކަމާ ރައްކާތެރިކަން ނެތިގެން ދިއުމެވެ. ރައްޔިތުންގެ ކުރިމަތީގާ މުއައްސަސާގެ އިތުބާރު ގެއްލުމެވެ. މިގޮތުން، މަސްތުވާތަކެތި ވިއްކާ ފަރާތްތަކާއި ފުލުހުންނާ ނުވަތަ ފުލުހުންގެ ބަޔަކާ ގުޅުން އޮންނަ ކަމުގައި ވާނަމަ، މިފަދަ ޖަރީމާތައް ހުއްޓުވައި މުޖުތަމައު ރައްކާތެރިތަނަކަށް ވުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. ދުނިޔޭގެ ޤައުމުތަކަށް ބަލާއިރު، މެކްސިކޯއާއި އެމެރިކާއާ ދެމެދުގެ ސަރަހައްދީ ރޮނގުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވެގެން ދިއުމުގައި، ސަރަޙައްދުގައި ހަރަކާތްތެރިވާ ދެޤައުމުގެ ފުލުހުންގެ ވަރަށްބޮޑު ދައުރެއް ވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ދިވެހި ރައްޔިތުން ރާއްޖޭން ބޭރަށް ފުރުމާއި، އެނބުރި ރާއްޖެ އައުމާއި، ބިދޭސީން ރާއްޖެ އައުމާއި، އެމީހުން ރާއްޖެއިން ފުރުމާއި ފޮނުވާލުމާ ގުޅޭ މަސްއޫލިއްޔަތު ހަވާލުވެފައިވާ އިދާރާ، އިމިގްރޭޝަން އަކީވެސް ޤައުމީ ސަލާމަތާ ގުޅުންހުރި މުހިންމު އިދާރާއެކެވެ. މިގޮތުން، އިމިގްރޭޝަންގެ މަސައްކަތުގެ ތެރެއަށް ކޮރަޕްޝަނުގެ ވަބާ ވަދެއްޖެނަމަ، އެއީ ޤައުމީ ސަލާމަތަށް ބޮޑެތި ނުރައްކާ މެދުވެރި ކޮށްފާނެ ކަމެކެވެ. މިގޮތުން، ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަނެތި ރާއްޖެއަށް ބިދޭސީން އެތެރެވުމާއި، އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިންގ އަށް މަގުފަހިވެގެންދެއެވެ. ގަދަކަމުން މަސައްކަތްކުރުވުމާއި، ޖިންސީ އަޅުންގެ ގޮތުގައި މަސައްކަތްކުރާ މީހުންނާއި ކުޑަކުދިން ރާއްޖެ އެތެރެކުރުމާއި، ހަށިވިއްކުމުގެ ވިޔަފާރިފަދަ ކަންކަން މެދުވެރިވެރިވާނަމަ، އޭގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް، އަދި ބޭރު ދުނިޔޭގައި ރާއްޖޭގެ ތަސައްވަރަށް އޭގެ ނުބައި އަސަރުކުރެއެވެ.

ޤާނޫނާ ގަވާއިދާ ޚިލާފު ތަކެތި އެތެރެވުމާއި ބޭރުވުން ހުއްޓުވުމަށްޓަކައި، ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރާއި ރާއްޖެއިން ފުރާ އުޅަނދުފަހަރު ބަލައި ފާސްކުރުމާއި ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ މީހުން ބަލައި ފާސްކުރުން ފަދަ މުހިއްމު މަސްއޫލިއްޔަތުތައް ހަވާލުވެފައިވަނީ ކަސްޓަމްސްގެ މުއައްސަސާއާއިކަމުގައިވާއިރު، މި މުއައްސަސާއަށް ކޮރަޕްޝަނުގެ އަސަރު ފޯރައިފިނަމަ، ޤައުމީ ސަލާމަތް ބޮޑެތި ނުރައްކާތަކަށް ހުށަހެޅެއެވެ. މިގޮތުން، މަސްތުވާތަކެއްޗާއި ގޮވާތަކެތި އަދި ހަތިޔާރުފަދަ ރާއްޖެއެތެރެކުރުން މަނާތަކެތި އެތެރެކުރުމުގައި ކަސްޓަމްސް އޮފިސަރުންގެ އެހީތެރިކަން ހޯދައި، ބޮޑެތި ޖަރީމާއަށް މަގުފަހިވެއެވެ. ރާއްޖޭގެ މައިގޭޓަކީ ކަސްޓަމްސްކަމުގައިވާއިރު، ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަމާއި، މުޅި ޤައުމުގެ ރައްކާތެރިކަމުގައިވެސް ކަސްޓަމްސްގެ އޮފިސަރުންނަކީ ތެދުވެރި ކޮރަޕްޝަނުން އެއްކިބާވެފައިވާ ނަޒާޙަތްތެރި ބަޔަކަށްވުން ލާޒިމެވެ.

ޤައުމުގެ ސަލާމަތާއި ދިފާޢު އެންމެ ފުރިހަމަ ގޮތުގައި ބަލަހައްޓައި، ރައްޔިތުންނަށް އަމާން މުޖުތަމައެއް ޤާއިމް ކުރެވޭނީ، މި މުއައްސަސާތަކުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތެއްގައި އަދާކުރެވިގެންނެވެ. ފުލުސް އޮފިސަރުންނާއި ކަސްޓަމްސް އޮފިސަރުންނާއި އަދި އިމިގްރޭޝަން އޮފިސަރުން އަދި ސިފައިންނަކީ، ޤައުމަށް ތެދުވެރި، ރައްޔިތުންނަށް ވަފާތެރި، ކޮރަޕްޝަނުން އެއްކިބާވެފައިވާ ބަޔަކަށް ވެގެންނެވެ. ނޫނީ، ޤައުމުގެ ސަލާމަތާމެދު އެއްވެސް ޔަޤީންކަމެއް ނޯންނާނެއެވެ. މަތީގައި ބުނެވިދިޔަފަދަ ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިންގާނަމަ އެކަމެއް ހުއްޓުވުމަކީ އެ މުއައްސަސާގެ ޒިންމާއެކެވެ. މިފަދަކަމެއް ރައްޔިތުންނަށް އެނގޭނަމަ އެކަމާދެކޮޅަށް އަޑުއުފުލާ ކަށިގަނޑު ފުމެލުކަމީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެވެ. ދިވެހިން ދިވެހިންގެ ގޮތުގައި، މިނިވަންކަންމަތީ އަބަދަށް ދެމިތިބެވޭނީ އޭރުންނެވެ.