އިންޞާފު، މަޑެއް ނުކުރާނެއެވެ

Flickr_wblj_court_JusticeCantWait_300

ނިވެން*ގެ ވަޒީފާއިން އޭނާ ވަކިކުރުމުން، އެވަޒީފާއިން ވަކިކޮށްފައިވަނީ ބޭއިންސާފުން ކަމަށް ބުނެ ހުށަހެޅި މައްސަލައަށް އަވަސް އަދި އިންޞާފުވެރި ޙައްލެއް ލިބޭނެކަމަށް އޭނާ ހީކުރިއެވެ. ނަމަވެސް، ކޯޓުގެ އިޖުރާޢާތުތައް ދިގުދެމިގެން ލަސްވަމުންގޮސް އެއްވެސް ޙައްލެއް ނުލިބި 11 އަހަރު ފާއިތުވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން ނިވެންއަށް ކުރިމަތިލާންޖެހުނީ ނަފްސާނީ އަދި މާލީ ބޮޑެތި ގޮންޖެހުންތަކަކާއެވެ.
މައްސަލައަށް އެއްވެސް ޙައްލެއް ނުލިބުމުން، ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްގެ ކްރޮއޭޝިއާ ގޮފީގެ ފަރާތުން ނިވެން އެހީތެރިކަމަށް އެދުނެވެ. ނިވެން އަތުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދާނޭ ފަދަ ނެތްއިރު ކްރޮއޭޝިއާގެ ޤާނޫނުން ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށްވެސް ނިވެން ޝަރުޠު ހަމައެއް ނުވިއެވެ. އޭނާއަށް ވަޒީފާދީގެން ކުރިން އުޅުނު ފަރާތަށް ކޯޓުތެރޭގައި މައްސަލަ ދިގުދެންމުމުގެ ފުރުޞަތު ލިބެން މެދުވެރިވި އެއް ސަބަބަކީ ނިވެންގެ ކިބައިގައި އޭނާގެ ނަފްސު ކޯޓުގައި ރަނގަޅަށް ތަމްސީލުކުރުމަށް ބޭނުންވާ ޤާނޫނީ ޤާބިލްކަން ނެތުމެވެ.
ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްގެ ކްރޮއޭޝިއާ ގޮފިން ނިވެންއަށް ބޭނުންވި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނެވެ. އަދި އެކަށީގެންނުވާ ސަބަބުތަކަށްޓަކައި ކޯޓުގައި މައްސަލަ ދިގުދެމިގެން ދާކަމުގެ މައްޗަށް ބިނާކޮށް މައްސަލަ އަވަސްކޮށްދިނުން އެދި އިސްތިއުނާފުކުރުމަށް އޭނާއަށް އެހީތެރިވެދިނެވެ. މާ ގިނަދުވަހެއް ނުވެ، މައްސަލަ އަވަސް ނިޔާގެ މައްސަލައަކަށް އަލުން ގިންތިކުރެވުނުކަމަށް ކޯޓުން ނިވެންއަށް އަންގައިފިއެވެ. މަހެއްހާ ދުވަސްތެރޭ އިސްތިއުނާފުގެ މަޖިލީހުގެ އަޑުއެހުމެއް ބޭއްވުނެވެ. އަދި، ޝަރީޢަތުން ނިވެންއަށް ވަޒީފާދީގެން ކުރިން އުޅުނު ފަރާތުގެ މައްޗަށް އޭނާއަށް ކާމިޔާބުވެގެން ދިޔައެވެ.
އަދި، ނިވެން އަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދެވުނެވެ. ހަމައެއާއެކު، ކްރޮއޭޝިއާގައި ޤާނޫނީ ވަކީލުންނަށް ދޭންޖެހޭ ފީ ބޮޑުވުމާއި، ދައުލަތުން ފޯރުކޮށްދޭ ޤާނޫނީ އެހީތެރިކަމަށް ޝަރުޠުހަމަވުމަށް އުނދަގޫކަމުން ކުދިކުދި މައްސަލަތައްވެސް ކޯޓުތެރޭގައި އެތަކެއް ޒަމާނަކަށް ލަސްވަމުންދާ ދިއުމާމެދު އާންމުންގެ މެދުގައި ބޮޑު ބަހުސެއް މިދުވަސްވަރު ފެށިގެންދިއައެވެ. ނިވެން އަށް މި ދިމާވި ހާދިސާއިން ފާހަގަވެގެން ދިޔަކަމަކީ އެ ޤައުމުގެ ޝަރުޢީ ނިޒާމަށް ބޮޑެތި ހެޔޮ ބަދަލުތަކެއްގެ ބޭނުން ޖެހިފައިވި މިންވަރެވެ.
*އަޞްލު ނަމެއް ނޫން
…………………………………………………………………………………………………………………………………………..
ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ފައިންޑިންގ ދަ ވޭ ހޯމް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ.
މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” އާއެކު ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

http://www.transparency.org/news/story/justice_cant_wait