އުއްމީދީ ވަޒީފާ

iStock_electrician_dreamjob_300

ޒިމްބާބުވޭގެ އިޤްތިޞާދީ ޙާލަތު ދަށަށްގޮސް ގިނަ ރައްޔިތުން ދަނީ އެމީހުންގެ ޢާއިލާތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި އެހެން ޤައުމުތަކަށް މަސައްކަތް ހޯދުމަށް ހިޖުރަކުރަމުންނެވެ. ނަމަވެސް ނިކަމެތި ރައްޔިތުން މިދެކޭ ހުވަފެންތައް ޙަޤީޤަތަކަށްނުވެދަނީ މަދެއްކޮށެއްނޫނެވެ. ކޮރަޕްޝަންގެ ބަނަ ވިލާގެ ސަބަބުން، އެތައް ބައެއްގެ ހަޔާތަށް އަނދިރިކަން ވެރިވެގެންދަނީ މަދުފަހަރަކު ނޫނެވެ. ލީރޯއީއަށް ދިމާވި ޙާދިސާއަކީވެސް ހަމަ މިފަދަ ކަމެކެވެ!

ވަޒީފާއެއް ހޯދުމަށްޓަކައި ލީރޯއީ ދިޔައީ ކޮންމެދުވަހަކުވެސް އެތަކެއް މަސައްކަތެއް ކުރަމުންނެވެ. މީގެތެރެއިން އެއްދުވަހަކު، ވަޒީފާއެއް ލިބޭތޯ އެކިތަންތަން ބަލަމުން ދަނިކޮށް، މަގެއްގެ މަތީގައި ހުރި އިޝްތިހާރެއް ލީރޯއީއަށް ފެނުނެވެ. އޭގައި ވަނީ ކަރަންޓު، ނަރުދަމާ އަދި ވަޑާމުގެ މަސައްކަތުގައި ފުންނާބު އުސް ފަރާތްތަކަށް އެންގޯލާގައި މަސައްކަތް ކުރުމުގެ ފުރުޞަތު އޮތް ވާހަކައެވެ. އެއާއެކު އެވަޒީފާ ހޯދުމަށް އެންގޯލާއަށް ދިޔުމަށް އޭނާ ނިންމިއެވެ. އޭނާ ބުނިގޮތުގައި ރެކްރޫޓްމަންޓް ކުންފުންޏަކުން ވިސާ ޕްރޮސެސް ކުރުމަށް އޭނާޔާ އޭނާގެ ފަސް ރަޙްމަތްތެރީން އެހީވިއެވެ. އަދި މިކުންފުނީގެ އެހީގައި ލީރޯއީ އެންގޯލާއަށް އެތެރެވިއެވެ.

އެންގޯލާގައި މަސައްކަތް ކުރާތާ މަހެއްހާ ދުވަސް ފަހުން، ލީރޯއީ އާއި އޭނާގެ އެކުވެރީންނަށް އެމީހުންނަށް ދޫކޮށްފައިވާ ވިސާއަކީ ހިއުމެނިޓޭރިއަން ވިސާކަން އެނގިއްޖެއެވެ. އެމީހުންނަށް ވިސާ ހަމަޖައްސައި ދިނުމަށް އުޅުނު ރެކްރޫޓްމަންޓް ކުންފުނިން ބުނެފައިވަނީ ޒިމްބާބުވޭގެ ރައްޔިތުންނަކީ ވަރަށް ނިކަމެތި ފަޤީރު ބައެއް ކަމުން ފައިސާގެ ބަދަލުގައި މަދު ކާއެތިކޮޅަކަށް އެމީހުން މަސައްކަތް ކުރާނެކަމަށެވެ.

އުފަން ޤައުމާއި ދުރުގައި އާމްދަނީ ހޯދާނެ ގޮތެއް ނެތުމުން އެތައް ބަޔަކަށް މިކަމުގެ ތެރޭގައި ތާށިވެ އުޅެން ޖެހުމަށް މަޖުބޫރުވެފައިވެއެވެ. އެއީ އެގޮތަށް އުޅެން ދެކޮޅު ހަދައިފިނަމަ ވަޒީފާ ގެއްލި އުޅޭނެ ތަނެއްނެތި މަގުމަތިވެދާނެތީއެވެ. ލީރޯއީ އާއި އޭނާގެ އެކުވެރީންނަށް ޒިމްބާބުވޭއަށް އަނބުރާ އާދެވުނީ އެންގޯލާގައި ހުންނަ ޒިމްބާބުވޭގެ އެމްބަސީ މެދުވެރިވެގެންނެވެ.
ޒިމްބާބުވޭއަށް އެނބުރި އާދެވުމާއެކީ ލީރޯއީ ދިޔައީ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ޒިމްބާބުވޭގައި ހުންނަ ޤާނޫނީ ލަފާދޭ މަރުކަޒަށެވެ. އަދި އެމީހުންނަށް ދިމާވި ޙާދިސާ ކިޔައިދީ އެ ރެކްރޫޓްމަންޓް ކުންފުޏާ ބެހޭގޮތުން ޝަކުވާ ހުށަހަޅާނެ ގޮތްތައްވެސް އޮޅުންފިލުވިއެވެ.

މިމަރުކަޒުން ލީރޯއީއާއި އޭނާގެ އެކުވެރީންނަށް ޗީފް އިމިގްރޭޝަން އޮފިސަރ ގެ އޮފީހަށް ރެކްރޫޓްމަންޓް ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހެޅިއެވެ. ލީރޯއީމެން އެދުނީ ރެކްރޫޓްމަންޓް ކުންފުންޏަށް އެއްވެސް ވެރިފިކޭޝަން ޕްރޮސެސްއަކާ ނުލާ ވިސާ ދޫކުރުމަށް އޮޕްރޭޓް ކުރެވުނީ ކިހިނެއްކަން ބަލައި ދިނުމަށެވެ.

މިހާރު ކުންފުނީގެ އެންމެ އިސްކޮށް އުޅޭ ފަރާތް ތަޙުޤީޤަށް ހާޒިރުކޮށް މައްސަލަ ބަލައި، ކޯޓަށް މައްސަލަ ހުށަހަޅައި، މައްސަލަ ވަނީ ކޯޓު މަރުޙަލާގައެވެ. ލީރޯއީއާއި އޭނާގެ އެކުވެރީން މިމައްސަލަ ކޯޓާ ހަމަޔަށް ގެންގޮސްފައިވާތީ ނުހަނު އުފާކުރެއެވެ. އަދި އެމީހުން ބޭނުންވަނީ ކޯޓުން މައްސަލަ ނިންމާ ކުންފުނިން އިޙްމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އެޅިގެން ދިޔުމެވެ.
ލީރޯއީ އާއި އޭނާގެ އެކުވެރީންނަށް އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން އިން އަމިއްލަ ވިޔަފާރިއެއް ފަށައިގަތުމަށް ފައިސާގެ އެހީ ލިބިގެންދިޔައެވެ. މިއަދު އޭނާއަކީ އާމްދަނީ ލިބޭ ފުދިގެން ދިރިއުޅޭ މީހެކެވެ. ލީރޯއީއަކީ ވަރަށް ނަސީބުގަދަ މީހެކެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ތާށިވާ އެހެންމީހުންގެ ނަސީބު އެހާ ރަނގަޅެއް ނޫނެވެ!

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ޑްރީމް ޖޮބް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
http://www.transparency.org/news/story/dream_job