މައިންބަފައިންގެ ކެކުޅުން

1261482273_a26ae97efb_z

ނިޔާށާ ރޭޕްކުރި އިރު އޭނާއަކީ ޒިމްބާބުވޭގެ މަދަރުސާއެއްގައި ތަޢުލީމު ޙާޞިލު ކުރަމުންދިޔަ ޢުމުރުން ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ.
…………………………………………………………………………………ދުވަސްކޮޅެއް ކުރި ……………….
ގަޑިޖެހިގެން ކިލާހަށް ގޮސްފިނަމަ މުދައްރިސް ރުޅި އަންނާނެތީ އެކަން އެހެން ވިޔަ ނުދިނުމަށް ނިޔާށާއަށް ކުރެވެން އޮތީ އެންމެ ކަމެކެވެ. އެއީ، ގަޑިޔަށް އިސްކޫލަށް ދިއުމަށް ޢާއިލީ ރައްޓެއްސެއްގެ އެހީ ހޯދުމެވެ. ފިހާރައެއްގައި މަސައްކަތްކުރާ ނިޔާށާގެ މައިންބަފައިންގެ ރައްޓެހި މަސައްކަތު މީހެއްގެ ގާތަށް ގޮސް މަދަރުސާއަށް ގެންގޮސްދިނުމަށް އެދުނެވެ. މަސައްކަތު މީހާ ނިޔާށާ މަދަރުސާއަށް ގެންގޮސްދިނުމަށް އެއްބަސްވިއެވެ. އަދި ނިޔާށާދެކެ މުދައްރިސް ރުޅިއައިސްގެން އެއްވެސް އަދަބެއް ނުދޭނެހެން މުދައްރިސާ ވާހަކަ ދައްކާނެކަންވެސް ޔަޤީންކޮށްދިނެވެ. އަދި ފައިވާން ނަގައިގެން އަންނަންދެން އޭނާ މަސައްކަތްކުރާ ފިހާރައަށް ވަނުމަށް އެދުނެވެ. ނިޔާށާ އެތެރެއަށް ވަނުމާއެކީ މަސައްކަތު މީހާ ގަދަކަމުން ނިޔާށާގެ ޢިއްފަތްތެރިކަން ފޭރިގަތެވެ.
މި މަސައްކަތު މީހާއަކީ އެޗް.އައި.ވީ ވައިރަސް އޭނާގެ ހަށިގަނޑުގައި ހުރި މީހެކެވެ. ނަތީޖާއަކަށްވީ މީނާގެ ގައިން ނިޔާށާގެ ގަޔަށް މި ވައިރަސް އެރުމެވެ. ހިތާމަވެރިކަމުގެ ކޮޅެއް ނެތް ވަރުގެ ހިތާމަވެރި އަދި ހިނގައިގެން ނުވާނެފަދަ ހާދިސާއެކެވެ.
ނިޔާށާގެ މައިންބަފައިން ފުލުހުންނަށް މައްސަލަ ރިޕޯޓުކުރުމުން މަސައްކަތު މީހާ ހައްޔަރުކުރެވުނެވެ. ނަމަވެސް! ދެތިން ގަޑިއިރުވެސް ނުވާނެއެވެ! މަސައްކަތު މީހާ ފުލުހުންގެ ބަންދުން ވީއްލައިފިއެވެ! މަސައްކަތު މީހާ ދޫކޮށްލީއެވެ! މިކަމާ ކަންބޮޑުވުން ފާޅުކޮށް އިސް ފުލުސް އޮފިސަރުންނަށް ޢާއިލާއިން އަނެއްކާވެސް މައްސަލަ ހުށަހެޅިއެވެ. އަނެއްކާވެސް މަސައްކަތު މީހާ ހައްޔަރުކުރެވި ކޯޓު މެދުވެރިކޮށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރެވުނެވެ. ނަމަވެސް އަނެއްކާވެސް ވީނުވީއެއް ނޭނގި އޭނާ ގެއްލުނީއެވެ.
ހިތާމަޔާ ކެކުޅުން ތަޙައްމަލު ކުރަމުންދިޔަ ޢާއިލާއަކަށް އޭނާ ފިލައިގެން ދިޔަ ތަނެއް އަދި އޭނާއަށްވީ ކިހިނެއްކަމެއް ބުނެދެވޭނެ އެއްވެސް ފަރާތެއް ނެތެވެ. ޕްރޮސިކިއުޓާއާއި ފުލުހުން އޭނާ ހައްޔަރުކުރާނެ ކަމުގެ ޔަޤީންކަން ޢާއިލާއަށް ދިންނަމަވެސް ހަ މަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް މަސައްކަތު މީހާއާ ގުޅުންހުރި އެއްވެސް ޚަބަރެއް ނުލިބެއެވެ.
މިގޮތަށް މީހުން ގެއްލުމަކީ ޒިމްބާބުވޭގައި ގިނަ ރައްޔިތުން އަޖައިބުވާ ކަމެއް ނޫނެވެ. “މިޤައުމުގެ އަމަންއަމާންކަން ހިފެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ފުލުހުންގެ ތެރޭގައި ރަނގަޅު އަގެއް ކިޔައިފިނަމަ، ކިތަންމެ ބޮޑު ކުށެއް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް އެކަމުން ސަލާމަތްވުމަށް އެހީތެރިވެދޭ ބައެއް އުޅޭނެ” ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ޒިމްބާބުވޭ ގޮފީގެ ފަރާތުން ޢާއިލާއާ ވާހަކަދެއްކި މުވައްޒަފަކު ބުންޏެވެ.
ނިޔާށާއާއި އޭނާގެ ޢާއިލާއަށް އިންޞާފު ހޯދައިދިނުމަށް ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ޒިމްބާބުވޭ ގޮފިން އެހީތެރިވެދިނެވެ. އެމީހުންގެ ވާހަކަތައް އަޑުއެހުމަށް ފަހު ފުލުހުންގެ އިންޓަރނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާ މައްސަލަ ޙިއްސާކުރިއެވެ. އަދި މި ޑިޕަރޓްމަންޓުން ހިންގި ތަޙުޤީޤަށް ފާހަގަކުރެވުނު ގޮތުގައި މަސައްކަތު މީހާވަނީ ފުލުހުންނާއި، ޕްރޮސިކިއުޓާގެ އިތުރުން މައްސަލަ ބަލަމުން ގެންދިޔަ ފަނޑިޔާރަށްވެސް، އޭނާ ސިއްރުވެރި ގޮތަކަށް ދޫކޮށްލުމަށް ޝަރުޠުކޮށް ރިޝްވަތުދީފައެވެ.
ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ޒިމްބާބުވޭ ގޮފިން އެ ޤައުމުގެ މިނިސްޓްރީ އޮފް ޖަސްޓިސް، ލީގަލް އެންޑް ޕާލެމެންޓަރީ އެފެއާޒަށް ވަގުތުން ވަގުތަށް މަސައްކަތު މީހާ ހޯދައި ހައްޔަރުކޮށް ފިޔަވަޅުއެޅުމަށް އެދުނެވެ. ގިނަގުނަ މަސައްކަތްތަކާއެކީ އެންމެފަހުން އޭނާ ހައްޔަރުކުރެވުނެވެ. އަދި އޭނާގެ މައްޗަށް ޝަރީޢަތް ކުރަމުން އައި ފަނޑިޔާރަށް އޭނާ އަނެއްކާވެސް ރިޝްވަތުގެ ފައިސާ ހުށަހެޅިއެވެ. ނަމަވެސް މިފަހަރު ރިޝްވަތުގައި ހިފުމަށް ފަނޑިޔާރު އިންކާރުކުރިއެވެ. އަދި އޭނާގެ މައްޗަށް ޙުކުމް ކުރިއިރު ރިޝްވަތު ދިނުމަށް މަސައްކަތް ކުރުމުގެ ކުށުގައި ފަސް އަހަރު ޙުކުމަށް އިތުރުވެގެން ދިޔައެވެ. މިހާރު އޭނާ ދަނީ 21 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންނެވެ.
ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ޕޭރެންޓްސް ނައިޓްމެއާ” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ.
މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” އާއެކު ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

https://www.transparency.org/news/story/parents_nightmare