މާބަނޑު އަންހެނުންގެ ޙައްޤުތައް

xzzz

ނޭޕާލުގެ ފަރުބަދަމަތީގެ އެކަހެރި ސަރަޙައްދުތަކުގައި އުޅޭ މީހުންނަށް ވިހެއުމަކީ  ވަރަށް ނުރައްކާތެރި ކަމަކަށް ބައެއްފަހަރު ވެއެވެ. އަދި ޒަމާނުއްސުރެ އޮންނަ އާދަކާދައާ އެއްގޮތަށް ގިނަ މާބަނޑު އަންހެނުން ވިހަނީ އެއްވެސް ޞިއްޙީ ވަޞީލަތެއް ނުވަތަ ޑޮކްޓަރީ އެއްވެސް އެހީތެރިކަމަކާ ނުލައި ގޭގައެވެ. އަދި ވިހެއުމުގައި އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެނަމަ އެމައިންނަށް ބޭސްކުރަނީ އެކަމުގެ އެއްވެސް ފަންނީ ތަމްރީނެއް ލިބިފައިނުވާ ނުވަތަ ވަރަށް ކުޑަކޮށް ތަމްރީނު ވެފައިވާ ފޫޅުމައިންނެވެ. ނަތީޖާއެއްގެ ގޮތުން ނޭޕާލުގައި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 6 އަންހެނުން ވިހެއުމުގެ  ތެރޭގައި މަރުވެއެވެ. މިގޮތުން މަރުވާ ގިނަ މައިންނަކީ ފުރާވަރު ކުދިންނެވެ.

މިޙާލަތު ރަނގަޅު ކުރުމަށްޓަކައި ނޭޕާލުގެ ސަރުކާރުންވަނީ ހަސްފަތާލުގައި ވިހާ އަންހެނުން އިތުރުކުރުމުގެ ގޮތުން އެމީހުންނަށް ފައިސާގެ ކުޑަ އެލަވަންސްއެއް ދިނުމުގެ ޕްރޮގްރާމެއް ފަށާފައެވެ. މިކަމަކީ، ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިތިބި ކަމެކެވެ.

މިކަމަށް ލާރިދޫކުރަން ފެށި އެއް އަވަށުގެ އޮފިޝަލުން މިޕްރޮގްރާމް ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ބެލީ އަމިއްލަ ފައިދާ ހޯދޭތޯއެވެ! މާބަނޑު މީހުންގެ ޞައްޙަނޫން ލިސްޓެއް ހަދައި ސަރުކާރުންދޭ ލާރި އެމީހުން ނަގަން ފެށިއެވެ. ކާކުކަން ނޭނގޭ ގޮތަށް ވިސްލްބްލޯކުރި ފަރާތަކުން ޓްރާންސްޕޭރެންސީ އިންޓްނޭޝަނަލަށް ގުޅައި މިކަން ރިޕޯޓުކުރުމުން މިވާހަކަ މީޑިއާއާ ހިއްސާކުރުމަށް އެމީހުން އޭނާއަށް އެހީތެރިވެދިނެވެ. އަދި ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި މިވާހަކަ ހިމެނިގެންދިއުންވީ މާބަނޑު އަންހެނުންގެ ޙައްޤުތަކުގެ ވާހަކަ އާއްމުންނާ ހަމައަށް ވާސިލްވުމަށް އެހީތެރިވެދިން ކަމަކަށެވެ. މިކަންތައްތައް ފަޅާއެރުމުން އެއޮފިޝަލުން އެކަމަށް އެއްބަސްވެ އެމީހުން ނެގި ފައިސާ އޭގެ ޙައްޤުވެރިންކަމަށްވާ މާބަނޑު އަންހެނުންނަށް ލިބޭނެހެން އަނބުރާ ސަރުކާރާ ހަވާލުކުރިއެވެ.

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ބާތު ރައިޓްސް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

https://www.transparency.org/news/story/birth_rights