ސިއްޙީ މައްސަލަ

Health-Problem_image_istock_ognianm_300

އުމުރުން 6 އަހަރުގެ އަޔާން ވަނީ އެ އުމުރުގެ އެހެން ކުދީންނާ ޚިލާފަށް ކުޅުމާއި މަޖާކުރުމާއި ކިޔެވުމުން މަޙްރޫމްވެފައެވެ. އޭނާގެ އެއްލޯ އަނދިރިވެފައިވާ އިރު އަނެއް ލޮލަކަށް ރަނގަޅަށް ނުފެނެއެވެ. އަޔާންގެ ލޮލަށް ބޭސްފަރުވާ ކުރެވެން އޮތީ އެކަމަށްޓަކައި އޮޕަރޭޝަންތަކެއް ކުރެވިގެންނެވެ. ނަމަވެސް އެ އޮޕަރޭޝަންތައް ކުރެވެން އަންނަނީ ހޮސްޕިޓަލުން ގަވާއިދާ ޚިލާފަށް އިތުރަށް ޑިމާންޑުކުރާ 1200 އެމެރިކާ ޑޮލަރު ހޮސްޕިޓަލަށް ދައްކައިގެންނެވެ. މިކަން މިގޮތަށް ނުކުރާހާ ހިނދަކު އެ ހޮސްޕިޓަލުން އޭނާގެ ދަރިފުޅަށް ލިބެންޖެހޭ ފަރުވާއެއް ނުލިބޭނެކަމަށެވެ. އެންމެ ފަހުން، ޤާނޫނާ ގަވާއިދާ ޚިލާފަށް ނެގެމުންދާ މި ފީ އަށް ޙައްލެއް ހޯދައިދިނުމަށް އެދި، އާދޭސްކުރަމުން އެޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ އެހީ ހޯދުމަށް އަޔާންގެ މަންމަ ދެއެވެ. ނަމަވެސް އަޔާންގެ މަންމަގެ މިޝަކުވާތަކާއި ކެކުޅުންތަކަށް މިނިސްޓްރީން ދެމުން ދިޔައީ ބީރު ކަންފަތެކެވެ.
“މިއީ އާޒަރުބައިޖާނުގައި ޢާންމުކޮށް ދިމާވާ މައްސަލައެއް” ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ އާޒަރުބައިޖާންގެ ސެންޓަރުގައި މަސައްކަތް ކުރާ ކަނާން ބުންޏެވެ. “އިދާރާތަކުން އެމީހަކީ ދެރަ ނިކަމެތި ފަޤީރެއް ނުވަތަ ބާރުވެރި މީހުންނާއި ގުޅިފައިވާ މީހަކަށް ނުވާނަމަ އެފަދަ މީހުންނަށް އެހީވުމަށް ދެކޮޅު ހަދާ” ކަނާން އިތުރަށް ސާފުކޮށްދިނެވެ.
އަޔާންގެ މަންމަ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ އާޒަރުބައިޖާން މަރުކަޒަށް ދިޔައީ އޭނާގެ އަވަށްޓެރިއެއްގެ ފަރާތުން އެތަނާ ބެހޭގޮތުން މަޢުލޫމާތު ލިބިގެންނެވެ. އަދި އޭނާ އެމީހުންގެ އެހީއަށް އެދި ހުށަހެޅިއެވެ.
ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ އާޒަރުބައިޖާން ސެންޓަރުން އަޔާންގެ މަންމަޔަށް އެހީވުމުގެ ގޮތުން ޞިއްޙަތާ ބެހޭ ވުޒާރާއަށް ސިޓީއެއް ލިޔުނެވެ. އަދި އޭނާގެ ނަމުގައި އެޕްލިކޭޝަން ފޯމުތައްވެސް ހުށަހެޅިއެވެ. އިސާހިތަކު މިނިސްޓްރީއިން އަޔާންގެ އޮޕަރޭޝަނަށް ތައްޔާރުވަމުން އަންނަކަން އޭނާގެ މަންމަޔަށް އެންގިއެވެ. މިހާ އަވަހަށް މިގޮތަށް އެމީހުން ކަންކަން ކުރަން ފެށީ އަޔާންގެ މަންމަޔާއެކީ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ އާޒަރުބައިޖާން ގޮފިން މަސައްކަތް ކުރާކަން އެނގުމުންނެވެ. ނަތީޖާއަކަށްވީ، އޭގެ އަހަރު ދުވަސް ފަހުން ދެވަނަ އޮޕަރޭޝަނެއްވެސް ކުރެވި އަޔާންގެ ދެލޮލުގެ ފެނުންވެސް ރަނގަޅު ކުރެވުނެވެ. މިއަދު އަޔާން އެދަނީ އެހެން ކުދީންނެކޭ އެއްގޮތަށް ކުޅެ މަޖާކޮށް އުފަލުގައި ވަގުތު ހޭދަކުރަމުންނެވެ.
“އަހަރުމެން ބޭނުންވަނީ ހުރިހާ ރައްޔިތުންނަށްވެސް، އެމީހުންގެ މާލީ ތަނަވަސްކަމަށް ބެލުމެއްނެތި އެމީހުންނަށް ލިބެންޖެހޭ ބޭސްފަރުވާ ހޯދައިދިނުން” ކަނާން ބުންޏެވެ. “އަހަރުމެން މި މަސައްކަތް ކުރަމުން ދަނީ ރިޝްވަތު ދިނުން ކުޑަ ކުރުމަށްޓަކައި ރަނގަޅު ބޭސްފަރުވާގެ ނިޒާމެއް ތަޢާރަފުކޮށް މީހުންނަށް ލިބެންޖެހޭ ޙައްޤުތަކާ ގުޅޭގޮތުން ހޭލުންތެރި ކުރުވައި ޙައްޤުތައް ޙިމާޔަތްކުރަމުން”.

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ހެލްތް ޕްރޮބްލަމް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ.
މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” އާއެކު ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

https://www.transparency.org/news/story/health_problem