ޢާއިލީ ވެރިކަން

Family-Affairs-300

ގުއަޓެމާލާގެ ސަރުކާރު ތެރޭގައި އުފެދިފައިވާ، ޢާއިލީ ގުޅުން އޮންނަ ފަރާތްތަކަށް މަޤާމު ދިނުމުގައި އިސްކަންދިނުމުގެ ވަބާ ނައްތާލުމުގެ ބޭނުމުގައި 2002 ވަނަ އަހަރު އާ ޤާނޫނެއް އެކުލަވާލިއެވެ. މި ޤާނޫނުގައި، މޭޔަރުންނަށް އެ ފަރާތްތަކުގެ ތިމާގެ މީހުންނަށް ވަޒީފާ ދިނުމަކީ ޤާނޫނާ ޚިލާފު ކަމެއްކަމުގައި ކަނޑައެޅިއެވެ. ނަމަވެސް، ގުއަޓެމާލާގެ ރައްޔިތެއްކަމަށްވާ ހުއާން*އަށް، މޭޔަރުން މި ޤާނޫނަށް ޢަމަލް ނުކުރާކަން ފާހަގަ ކުރެވުނެވެ. އަދި އޭނާގެ އަވަށުގައި މޭޔަރުގެ ތިމާގެ މީހުންގެ ތެރެއިން ދިހަވަރަކަށް މީހުންނަށް ވަޒީފާދީފައިވާކަމަށް ޝައްކުކުރެވުނެވެ. މިމީހުންގެ ތެރޭގައި އޭނާގެ އަނބިމީހާއާއި ދަރީންވެސް ހިމެނެއެވެ.
ހުއާން އޭނާގެ ޝައްކުކުރުންތައް އަވަށުގެ ކޮންޓްރޯލަރ ޖެނެރަލްގެ އޮފީހަށް މައްސަލައެއްގެ ގޮތުގައި ހުށަހެޅިއެވެ. އެއޮފީހަކީ އަވަށު ފެންވަރުގައި، ދައުލަތުގެ އޮފިޝަލުންނާއި އޮފީސްތަކުން ދައުލަތުގެ މުދާ ބޭނުންކުރުމާއި އަދި ދައުލަތުގެ ޚަރަދުތައް ހިނގާ ނުހިނގާ ގޮތް ބެލުމުގެ ޒިންމާ މަތިކުރެވިފައިވާ އޮފީހެކެވެ. ހުއާން ކޮންޓްރޯލަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅުމުން އެކަމާމެދު ފިޔަވަޅެއް ނޭޅޭނެކަމަށް މީހުން ބުނަމުންދިޔައެވެ. އަދި އޭގެ ސަބަބުން ހުއާންއަށް ތަފާތު ނުރައްކާތަކާ ކުރިމަތިލާންޖެހޭނެކަމަށް ވެސް މީހުން ބުނަމުން ގެންދިޔައެވެ. ހުއާން މިމައްސަލަ ނޫސްވެރީންނާ ހަމަޔަށް ގެންދިޔުމުން، އެހީވުމުގެ ބަދަލުގައި އެމީހުންވެސް އެކަމަށް އިންކާރުކުރިއެވެ.
ގުއަޓެމާލާގައި ހުންނަ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ގޮތްޕާ ބެހޭގޮތުން ހުއާންއަށް އެނގުމުން އެމީހުންގެ އެހީ ހޯދުމަށް ހުއާން ޤަސްދުކުރިއެވެ. އަދި އެމީހުންގެ ލަފަޔާ އެއްގޮތަށް މޭޔަރުގެ އޮފީހަށް ވަޒީފާގެ އެއްބަސްވުންތަކުގެ ކޮޕީ ހޯދުމަށް އެދި ސިޓީ ހުށަހެޅިއެވެ. މޭޔަރުގެ އޮފީހުން ޖަވާބެއް ނުލިބި ގިނަ ދުވަސްތަކެއް ވުމުން ގުއަޓެމާލާގައި ހުންނަ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ގޮފިން އެއޮފީހާ ގުޅިއެވެ. އަދި ހުއާން ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގައި އެހީތެރިވެދިނެވެ.
ޢާއިލީ މީހުންނަށް ވަޒީފާދޭ ކަމުގެ ކިތާބީ ހެކީގެ ގޮތުގައި އެ އެއްބަސްވުންތައް ހިފައިގެން ހުއާން ކޮންޓްރޯލަރ ޖެނެރަލްގެ އޮފީހަށް ދިޔުމުން އެކަން ޤަބޫލުނުކޮށް ހުއާން ފޮނުވާލީއެވެ. އެ އޮފީހުން ބުނިގޮތުގައި މޭޔަރުގެ އޮފީހުގައި ތިމާގެ މީހަކު މަސައްކަތް ކުރާކަމުގެ ހެއްކެއް އެ އެއްބަސްވުންތަކަކުން ނުފެނެއެވެ.
މައްސަލަ ކުރިޔަށް ނުގޮސް މަޑުޖެހޭހެން ހީވުމުން ގުއަޓެމާލާގައި ހުންނަ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ގޮފިން އެޤައުމުގެ ވެރިރަށުގައި ހުންނަ ކޮންޓްރޯލަރ ޖެނެރަލްގެ އޮފީހަށް ދިޔައެވެ. އަދި އެމީހުން އަވަށު މޭޔަރުގެ އޮފީހާ ބެހޭގޮތުން އޮޑިޓެށް ކުރެވޭނެކަން ޔަޤީންވުމާހަމައަށް އެމައްސަލައާވެގެން އުޅުނެވެ.
މިއީ ހުއާންއަށް ލިބުނު ކުރިއެރުމެއްކަމުގައިވީ ނަމަވެސް އޭގެ ސަބަބުން ހުއާންގެ ފުރާނަޔަށް ނުރައްކާވާ ހިސާބަށް ކަންކަން ދިޔައެވެ. ކޮންޓްރޯލަރ ޖެނެރަލްގެ އޮފީހަށް ދިޔަ މަގުމަތީގައި އޭނާ ހަތިޔާރުއެޅި މީހުންތަކެއް އައިސް ބަހަކަށް އެރުވިއެވެ. އަދި ވަކި ހިސާބަކުން ކާރަކަށް އަރުވައި ވަލުތެރެއަށް ގެންގޮސް އޭނާގެ އަތުގައި ހުރި ތަކެތި ވަގަށްނަގައި ފޭރިގަނެ މައްސަލައާ މެދު އަޅާނުލުމަށް އިންޒާރުދިނެވެ. މީގެ އިތުރުންވެސް ބަޑި ހިފައިގެން ތިބި ބަޔަކު ހުއާންއާ ކުރިމަތިލައި މައްސަލައާ ވެގެން އުޅެފިނަމަ މަރާލާނެ ކަމުގެ އިންޒާރުދިނެވެ.
ނަމަވެސް، ފަސްޖެހުމެއްނެތި ހުއާން މައްސަލައާ ގުޅޭ ކަންތަކާ އުޅެމުންދިއައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ކޮންޓްރޯލާ ޖެނެރަލް އޮފީހުން ހިންގި ތަޙްޤީޤު ނިންމައި މޭޔަރުގެ އޮފީހުގައި ތިބި މޭޔަރުގެ ތިމާގެ ފަސް މީހުން ވަޒީފާއިން ވަކިކުރުމަށް ގޮވާލިއެވެ. މިކަމާ ގުޅިގެން ފިޔަވަޅު އަޅާނެކަން ޔަޤީން ކުރުމުގެ ގޮތުން ގުއަޓެމާލާގައި ހުންނަ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ގޮފިން މިވާހަކަތައް މީޑިއާގައި ފަތުރަންފެށިއެވެ. އެހާ ޙިސާބުން މޭޔަރުގެ އޮފީހުގައި މަސައްކަތް ކުރަމުން އައި އޭނާގެ ތިމާގެ މީހުން އިސްތިއުފާ ދިނެވެ.
*އަޞްލު ނަމެއް ނޫން
———————————————————————————————————-
ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ފެމިލީ އެފެއާޒް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ.
މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” އާއެކު ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

http://www.transparency.org/news/story/family_affairs