އައިލެންޑް ސަޕޯޓް

ސޮލޮމޮން އައިލަންޑް ގެ ރައްޔިތެއް ކަމަށްވާ އުމުރުން 35 އަހަރުގެ ބުންޔާމީނަށް (ނަން ބަދަލުކުރެވިފައި) އެ ޤައުމުގެ ސަރުކާރުން ގަސްގަހާގެހި އާލާކުރުމުގެ މަޝްރޫޢެއްގެ ދަށުން ދޫކުރާ ފައިސާ ލިބުމުން ވަރަށް އުފާކުރިއެވެ. އޭނާއަކީ ކުޑަކުޑަ އަވަށެއްގެ މާރުކޭޓް ސަރަޙައްދުގައި މަސައްކަތް ކުރަމުން އަންނަ މީހެއްކަމުން، ލިބޭ ކުޑަކުޑަ އާމްދަނީން ކިރިޔާ ދެކޮޅު ޖެއްސެނީއެވެ. ކަން މިހެން ހުރުމާއެކު އޭނާޔަށް މި ލިބުނު ފައިސާގެ ސަބަބުން އާމްދަނީ އިތުރުވެ އަދި އޭނާ ކުރާ މަސައްކަތުގެ ސަބަބުން އޭނާ އުޅެބޮޑުވި ސަރަޙައްދުގެ ތިމާވެށި ޙިމާޔަތް ކުރުމުގެ މަގު ތަނަވަސްވެގެން ދިޔައެވެ. ފައިސާ ދޫކުރާ އޮފީހުން ބުންޔާމީނަށް އެންގީ އެ ފައިސާ އޭނާއަށް ދޫކުރާނީ ޕްރޮވިންސުގެ ވެރިރަށުން ކަމަށެވެ. އެހެންކަމުން، އޭނާ މި ފައިސާހޯދުމަށް ފޮށިތަންމަތި ބަނދެ ދަތުރު ކުރުމަށް ބޭނުންވާ ޓިކެޓްވެސް ނެގިއެވެ. ނަމަވެސް އޭނާ އެރަށަށް ދިޔުމުން، ޤައުމުގެ ވެރިކަންކުރާ ރަށް ހޮނައިރާއަށް ދިޔުމަށް ކަމާ ޙަވާލުވެ ހުރި އޮފިސަރު އެންގިއެވެ.
ބުންޔާމީންގެ ރަށުން ވެރިކަންކުރާ ރަށް ހޮނައިރާއަށް ކުރަންޖެހޭ ދަތުރަކީ ދިގު ދަތުރަކަށް ވެފައި ވަރަށް އަގުބޮޑު ދަތުރެކެވެ. ދަތުރުގެ ޓިކެޓުގެ އަގަށް އެކަނިވެސް ހަމައެކަނި 500 ސޮލޮމޮން އައިލޭންޑާ ޑޮލަރު (68 ޔޫ.އެސް.ޑޮލަރު) ޚަރަދުކުރަން ޖެހެއެވެ. ހޮނައިރާގައި ހުރުމާއި ކެއުމަށް ޚަރަދުކުރާނެ ފައިސާ ބުންޔާމީނުގެ އަތުގައި ނެތުމުގެ ސަބަބުން، އޭނާއަށް ޖެހުނީ، ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ތިމާގެ މީހެއްގެ ގޭގައި މަޑުކުރާށެވެ. މިކަހަލަ ދިގު އުނދަގޫ ދަތުރަކަށް ފަހު، އުންމީދާއެކު، މަޝްރޫޢަށް ލިބެންޖެހޭ ފައިސާ ބަލާ ދިއުމުން އަދި ފައިސާ ލިބިފައި ނެތްކަމަށާއި ދެ ހަފްތާ ފަހުން އަލުން އައުމަށް ބުންޔާމީނަށް އެންގިއެވެ. ދެ ހަފްތާ ފަހުން އަނެއްކާވެސް، ފައިސާ ބަލާ ބުންޔާމީން ދިއުމުންވެސް، އޭނާއަށް ލިބުނީ ހަމަ މި ޖަވާބެވެ. ތިންމަސް ފާއިތުވެގެން ދިޔައިރުވެސް ބުންޔާމީނަށް ފައިސާ ލިބުމުގެ ކޮޅުމައްޗެއް ނުފެނުނެވެ.
ބުންޔާމީނަށް ލިބެންޖެހޭ ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވުމުން، ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އޭނާ ދިޔައީ “ފޮރެސްޓްރީ” އާ ބެހޭ މިނިސްޓްރީއަށެވެ. މިނިސްޓްރީއިން ލިބުނީ އޭނާ އުއްމީދު ނުކުރާ ފަދަ ޖަވާބެކެވެ. މިނިސްޓްރީގެ އޮފިޝަލް ބުނިގޮތުގައި ތިން މަސް ކުރީން އޭނާގެ ރަށުގައި ހުރި ކަމާ ބެހޭ އޮފީހުގެ އޮފިސަރު ވަނީ އެފައިސާ ބެހުމަށްޓަކައި ގެންގޮސްފައެވެ. މި މައްސަލައާ ގުޅިގެން މިނިސްޓްރީއިން ލަފާދިނީ ސޮލޮމޮން އައިލެންޑްގައި ހުންނަ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ޤާނޫނީ ލަފާދޭ މަރުކަޒުގެ އެހީ ހޯދުމަށެވެ. ޤާނޫނީ ލަފާދޭ މަރުކަޒުން އޭނާގެ ރަށުގައި ހުރި ކަމާ ބެހޭ އޮފީހުގެ އޮފިސަރާ ގުޅައި ވާހަކަ ދެއްކިއެވެ.
“މިފަދަ މައްސަލަތަކަކީ މިތަނުގައި ޢާއްމުކޮށްވެސް ދިމާވާ މައްސަލަތައް. ނަމަވެސް އޮފިސަރުންނާމެދު ޢާއްމުން ޖެހިލުންވުމާއި އަދި މައްސަލަ ބެލުމަށް ހޭދަވާ ޚަރަދު ބޮޑުވުމުގެ ސަބަބުން މައްސަލަ ރިޕޯޓްކުރާ މީހުން ވަރަށް މަދު” ބުންޔާމީންގެ ފަރާތުން ޤާނޫނީ ލަފާދޭ މަރުކަޒުން ގުޅި ޝެފަރޑް ލަޕޯ ބުންޏެވެ.
“އަޅުގަނޑުމެން ގުޅައި، ބުންޔާމީނުގެ ރަށުގައި ހުރި ކަމާ ބެހޭ އޮފީހުގެ އޮފިސަރަށް ދެންނެވިން މިފަދަ ފަންޑުތައް ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ކޮރަޕްޝަންގެ ޢަމަލެކޭ! އަދި އޭގެ ސަބަބުން ކޮރަޕްޝަންގެ ދަޢުވާ އޭނާގެ މައްޗަށް އުފުލިދާނެއޭ! އޭނާ އެފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާކަމަށް ވަގުތުން އިންކާރުކުރި. އަދި އެ ފައިސާބެހުމުގެ މަސައްކަތުގައި އަވަދިނެތި އުޅޭ ކަމަށްވެސް ބުނި.” ޝެފަރޑް ބުންޏެވެ. ” އަޅުގަނޑުމެން ގުޅިތާ 15 މިނެޓްވެސް ނުވަނީސް ބުންޔާމީނަށް ގުޅައި ފައިސާ ބަލައި އައުމަށް އެދިއްޖެ! އަދި އޭގެ ދެތިން ދުވަސް ތެރޭ ބާކީ ތިބި މީހުންނަށްވެސް ފައިސާ ލިބގެން ދިޔަ” ޝެފަރޑް އިތުރަށް ފާހަގަ ކުރިއެވެ!
ސޮލޮމޮން އައިލެންޑްގެ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ޤާނޫނީ ލަފާދޭ މަރުކަޒުން މިހާރުދަނީ ސަރުކާރާ ގުޅިގެން ޑިވެލޮޕްމަންޓް އޮފިސަރުން ނަޒާހަތްތެރިކަމާ އަމާނާތްތެރިކަމާއެކީ މަސައްކަތްކުރާ ބަޔަކަށް ހެދުމަށް ތަމްރީންތަށް ހިންގުމަށް ރާވަމުންނެވެ. އަދި ހަމައެއާއެކީ އެ މަރުކަޒުންދަނީ އެކިއެކި އަވަށްތަކަށް ގޮސް މަސައްކަތުބައްދަލުވުންތައް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެއީ ގާތްގަނޑަކަށް 80 އިންސައްތަ އާބާދީ ދިރިއުޅެނީ މިފަދަ ހިސާބުތަކުގައި ކަމަށް ވާތީއެވެ. މި ހާދިސާއަށް ފަހު، ބުންޔާމީންފަދަ މީހުން ޤާނޫނީ ލަފާދޭ މަރުކަޒަށް ޝުކުރު އަދާ ކުރުމަށް ވަރަށް ގިނައިން އައިސްފައިވެއެވެ. ޝެފަރޑް ބުނިގޮތުގައި “އޭނާޔަށް ލިބެންޖެހޭ ފައިސާތަށް ލިބުމުން އޭނާ ހުންނަނީ ވަރަށް އުފާވެފަ. އަދި އޭނާ ދަނީ އޭނާގެ އަވަށުގެ ރައްޔިތުންނަށް ސޮލޮމޮން އައިލެންޑްގެ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ޤާނޫނީ ލަފާދޭ މަރުކަޒުން އެހީވެވޭނެ ގޮތާއި ބެހޭ ގޮތުން މީހުންނަށް މަޢުލޫމާތު ދެމުން”

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “އައިލެންޑް ސަޕޯޓް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
http://www.transparency.org/news/story/island_support