އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފި

އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން 23 މޭ 2016 ގައި ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރައްވައިފިއެވެ. މިއަދު އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތުގައ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާއި ނައިބު މިނިސްޓަރުންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ އާއި ނައިބްރައީސާއި ކޮމިޝަނުގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ ވާހަކަފުޅުދައްކެވިއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ދައުލަތުގެ މުވައްޒަފުން ނަޒާހަތްތެރިކަން އިސްކުރަން ޖެހެނީ ޙަލާލުގޮތުގުގައި ފައިސާ ހޯދުމަށާއި މުސާރައަކީ ތިމާއަށް ޙައްޤު އެއްޗެއްކަމުގައި ހެދުމަށް ކަމުގައި ވިދާޅުވިއެވެ. ކޮމިޝަނުގެ ރައީސް ވިދާޅުވީ ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރުމުގެ ޕްރޮގްރާމް ހިންގަނީ ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތުގެ ތެރެއިން ރަނގަޅު ނިޒާމެއް ބިނާކުރުމުގެ ނިޔަތުގައި ކަމަށެވެ.


ނޭޝަނަލް އިންޓެގްރިޓީ ޕްލޭން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއާ ޙިއްޞާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާ ބެހޭގޮތުން މަޝްވަރާ ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 18 މޭ 2016 ވީ އަންގާރަ ދުވަހު ހެނދުނު 11:00 ގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގައެވެ.
މި ބައްދަލުވުމުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ އަދި ކޮމިޝަން މެމްބަރ އާމިނަތު މިންނާގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ އިސް ވެރިން ބައިވެރިވެލެއްވިއެވެ.
މި ބައްދަލުވުމުގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައި ވެއެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އަށް އަދާކުރެވިދާނެ ދައުރާބެހޭގޮތުންނާއި، ޕްލޭން ތަންފީޒު ކުރުމުގައި އެފަރާތުގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލެއްވުން ލިބޭނެކަމުގެ ޔަޤީންކަން އެ ސަރވިސްގެ އިސްވެރިންގެ ފަރާތުން އޭސީސީއަށް ވަނީ އަރުވާފައެވެ.
މި ޕްލޭންގެ ހަތަރުވަނަ ދެލިކޮޕީ ފައިނަލްކޮށް، ދައުލަތުގެ އިދާރާތަކުން އެންޑޯޒުކޮށް، ރަސްމީކޮށް ލޯންޗުކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ މަސައްކަތްތައް އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިހާރުދަނީ ކުރަމުންނެވެ.


އުއްމީދީ ވަޒީފާ

ޒިމްބާބުވޭގެ އިޤްތިޞާދީ ޙާލަތު ދަށަށްގޮސް ގިނަ ރައްޔިތުން ދަނީ އެމީހުންގެ ޢާއިލާތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި އެހެން ޤައުމުތަކަށް މަސައްކަތް ހޯދުމަށް ހިޖުރަކުރަމުންނެވެ. ނަމަވެސް ނިކަމެތި ރައްޔިތުން މިދެކޭ ހުވަފެންތައް ޙަޤީޤަތަކަށްނުވެދަނީ މަދެއްކޮށެއްނޫނެވެ. ކޮރަޕްޝަންގެ ބަނަ ވިލާގެ ސަބަބުން، އެތައް ބައެއްގެ ހަޔާތަށް އަނދިރިކަން ވެރިވެގެންދަނީ މަދުފަހަރަކު ނޫނެވެ. ލީރޯއީއަށް ދިމާވި ޙާދިސާއަކީވެސް ހަމަ މިފަދަ ކަމެކެވެ!

ވަޒީފާއެއް ހޯދުމަށްޓަކައި ލީރޯއީ ދިޔައީ ކޮންމެދުވަހަކުވެސް އެތަކެއް މަސައްކަތެއް ކުރަމުންނެވެ. މީގެތެރެއިން އެއްދުވަހަކު، ވަޒީފާއެއް ލިބޭތޯ އެކިތަންތަން ބަލަމުން ދަނިކޮށް، މަގެއްގެ މަތީގައި ހުރި އިޝްތިހާރެއް ލީރޯއީއަށް ފެނުނެވެ. އޭގައި ވަނީ ކަރަންޓު، ނަރުދަމާ އަދި ވަޑާމުގެ މަސައްކަތުގައި ފުންނާބު އުސް ފަރާތްތަކަށް އެންގޯލާގައި މަސައްކަތް ކުރުމުގެ ފުރުޞަތު އޮތް ވާހަކައެވެ. އެއާއެކު އެވަޒީފާ ހޯދުމަށް އެންގޯލާއަށް ދިޔުމަށް އޭނާ ނިންމިއެވެ. އޭނާ ބުނިގޮތުގައި ރެކްރޫޓްމަންޓް ކުންފުންޏަކުން ވިސާ ޕްރޮސެސް ކުރުމަށް އޭނާޔާ އޭނާގެ ފަސް ރަޙްމަތްތެރީން އެހީވިއެވެ. އަދި މިކުންފުނީގެ އެހީގައި ލީރޯއީ އެންގޯލާއަށް އެތެރެވިއެވެ.

އެންގޯލާގައި މަސައްކަތް ކުރާތާ މަހެއްހާ ދުވަސް ފަހުން، ލީރޯއީ އާއި އޭނާގެ އެކުވެރީންނަށް އެމީހުންނަށް ދޫކޮށްފައިވާ ވިސާއަކީ ހިއުމެނިޓޭރިއަން ވިސާކަން އެނގިއްޖެއެވެ. އެމީހުންނަށް ވިސާ ހަމަޖައްސައި ދިނުމަށް އުޅުނު ރެކްރޫޓްމަންޓް ކުންފުނިން ބުނެފައިވަނީ ޒިމްބާބުވޭގެ ރައްޔިތުންނަކީ ވަރަށް ނިކަމެތި ފަޤީރު ބައެއް ކަމުން ފައިސާގެ ބަދަލުގައި މަދު ކާއެތިކޮޅަކަށް އެމީހުން މަސައްކަތް ކުރާނެކަމަށެވެ.

އުފަން ޤައުމާއި ދުރުގައި އާމްދަނީ ހޯދާނެ ގޮތެއް ނެތުމުން އެތައް ބަޔަކަށް މިކަމުގެ ތެރޭގައި ތާށިވެ އުޅެން ޖެހުމަށް މަޖުބޫރުވެފައިވެއެވެ. އެއީ އެގޮތަށް އުޅެން ދެކޮޅު ހަދައިފިނަމަ ވަޒީފާ ގެއްލި އުޅޭނެ ތަނެއްނެތި މަގުމަތިވެދާނެތީއެވެ. ލީރޯއީ އާއި އޭނާގެ އެކުވެރީންނަށް ޒިމްބާބުވޭއަށް އަނބުރާ އާދެވުނީ އެންގޯލާގައި ހުންނަ ޒިމްބާބުވޭގެ އެމްބަސީ މެދުވެރިވެގެންނެވެ.
ޒިމްބާބުވޭއަށް އެނބުރި އާދެވުމާއެކީ ލީރޯއީ ދިޔައީ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ޒިމްބާބުވޭގައި ހުންނަ ޤާނޫނީ ލަފާދޭ މަރުކަޒަށެވެ. އަދި އެމީހުންނަށް ދިމާވި ޙާދިސާ ކިޔައިދީ އެ ރެކްރޫޓްމަންޓް ކުންފުޏާ ބެހޭގޮތުން ޝަކުވާ ހުށަހަޅާނެ ގޮތްތައްވެސް އޮޅުންފިލުވިއެވެ.

މިމަރުކަޒުން ލީރޯއީއާއި އޭނާގެ އެކުވެރީންނަށް ޗީފް އިމިގްރޭޝަން އޮފިސަރ ގެ އޮފީހަށް ރެކްރޫޓްމަންޓް ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހެޅިއެވެ. ލީރޯއީމެން އެދުނީ ރެކްރޫޓްމަންޓް ކުންފުންޏަށް އެއްވެސް ވެރިފިކޭޝަން ޕްރޮސެސްއަކާ ނުލާ ވިސާ ދޫކުރުމަށް އޮޕްރޭޓް ކުރެވުނީ ކިހިނެއްކަން ބަލައި ދިނުމަށެވެ.

މިހާރު ކުންފުނީގެ އެންމެ އިސްކޮށް އުޅޭ ފަރާތް ތަޙުޤީޤަށް ހާޒިރުކޮށް މައްސަލަ ބަލައި، ކޯޓަށް މައްސަލަ ހުށަހަޅައި، މައްސަލަ ވަނީ ކޯޓު މަރުޙަލާގައެވެ. ލީރޯއީއާއި އޭނާގެ އެކުވެރީން މިމައްސަލަ ކޯޓާ ހަމަޔަށް ގެންގޮސްފައިވާތީ ނުހަނު އުފާކުރެއެވެ. އަދި އެމީހުން ބޭނުންވަނީ ކޯޓުން މައްސަލަ ނިންމާ ކުންފުނިން އިޙްމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އެޅިގެން ދިޔުމެވެ.
ލީރޯއީ އާއި އޭނާގެ އެކުވެރީންނަށް އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން އިން އަމިއްލަ ވިޔަފާރިއެއް ފަށައިގަތުމަށް ފައިސާގެ އެހީ ލިބިގެންދިޔައެވެ. މިއަދު އޭނާއަކީ އާމްދަނީ ލިބޭ ފުދިގެން ދިރިއުޅޭ މީހެކެވެ. ލީރޯއީއަކީ ވަރަށް ނަސީބުގަދަ މީހެކެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ތާށިވާ އެހެންމީހުންގެ ނަސީބު އެހާ ރަނގަޅެއް ނޫނެވެ!

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ޑްރީމް ޖޮބް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
http://www.transparency.org/news/story/dream_job


ކާރިޘާއިން ސަލާމަތްވުން

2011 ވަނަ އަހަރު ޕާކިސްތާނުގައި ހިނގި ފެންބޮޑުވުމުގެ ކާރިޘާގައި 400 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވެއެވެ. އަދި ދެލައްކައެއްހާ މީހުންގެ ގެދޮރު ނެތިގެންގޮސް ހާލުގައި ޖެހިފައިވެއެވެ. އެހެން ކާރިޘާތަކެކޭވެސް އެއްފަދައިން މިކަމުގެ އެންމެ ބޮޑު އަސަރެއްކުރީ ފަޤީރު ނިކަމެތީންނަށެވެ. ދެމިގެންދިޔަ ފެންގަނޑު ތެރޭ އެމީހުންގެ ގެތައް އުފުލި، ބިމާ ހަމަވެގެން ދިޔުމުގެ ސަބަބުން އެމީހުން އުޅެމުން އައީ ވަރަށް ހާލުގައެވެ. ބޯހިޔާވަހިކަމެއް ނެތި، ފާޚާނާ ކުރާނެ ގޮތެއް ނެތި، ތޮއްޖެހިފައިވާ ރެފިއުޖީ ކޭމްޕުތަކުގައެވެ. ހާލުގައި ޖެހިފައިވާ މި މީހުންނަށް އަސާސީ ބޭނުންތައް ފުއްދުމަށް އެހީ ހަމަޖެއްސެނު ނަމަވެސް އަހަރެއް ފާއިތުވެ ދިޔައިރުވެސް ގިނަ ބަޔަކު ދިރިއުޅެމުން ދިޔައީ ވަރަށްވެސް ފަޤީރު ޙާލަތުގައެވެ. ކަރީމް އަޙުމަދު (އަސްލު ނަމެއްނޫން) ވެސް އުޅެމުން އައީ މިފަދަ ޙާލެއްގައެވެ.

ކަރީމަކީ ވެސް ފެންބޮޑުވުމުގެ ކާރިޘާގައި އޭނާގެ ގެދޮރު ގެއްލިފައިވާ ނިކަމެތި ފަޤީރެކެވެ. އޭނާގެ އަތުގައި އެއްވެސް ކަހަލަ ބިމެއް ނުވަތަ މުދަލެއް ނެތުމުން އޭނާޔަށް ސަރުކާރުގެ ޚާއްސަ ސްކީމެއްގެ ދަށުން 10000 ރުޕީސް (100 ޔޫ.އެސް ޑޮލަރު) ލިބުމަށް ހަމަޖެހިފައިވެއެވެ. މި ފައިސާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ޚާއްސަ ޑެބިޓް ކާޑެއް މެދުވެރިކޮށްގެންނެވެ. ނަމަވެސް ކަރީމް، އޭނާޔަށް ހަމަޖެހިފައިވާ ކާޑް ބަލައި ދިޔުމުން އޭނާޔަށް އޮފީހުން އެންގީ އޭނާގެ ކާޑް އެހެންމީހަކު ގެންގޮސްފައިވާ ކަމެވެ. ޢާއިލާގެ ބޭނުންތައް ފުއްދައި ދިރިއުޅުން އަލުން އާރާސްތުކުރުމަށް އޭނާޔަށް އެފައިސާ ލިބުން ވަރަށް މުހިއްމެވެ. އޭނާ ގޮތް ހުސްވެ މާޔޫސްވެފައި ވަނިކޮށް ޕާކިސްތާނުގައި ހުންނަ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ އެންޓި-ކޮރަޕްޝަން އަދި ޤާނޫނީ ލަފާދޭ މަރުކަޒުގެ ޚަބަރު އޭނާޔަށް ލިބިގެން ދިޔައެވެ.

“މިހާ ގިނަ ފައިސާ މީހުންނަށް ފޯރުކޮށްދެމުން ދާއިރު ކޮރަޕްޝަން އޭގެ ތެރެއަށް ވަދެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް މަގު ފަހިވެގެން ދިޔުމަކީ ހަމަ ފަހަރުގައި ވެދާނެ ކަމެއް” މަރުކަޒުގައި މަސައްކަތް ކުރަމުން އަންނަ އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ އަޝްފާޤް ބުންޏެވެ. “އަހަރުމެން މަސައްކަތް ކުރަނީ މީހުންނަށް ލިބެންޖެހޭ ހައްޤުތަކަކީ ކޮބައިކަން ބުނެދިނުމަށާއި، ނިޒާމް ފެއިލްވެ ލިބެންޖެހޭ ޙައްޤުތައް ނުލިބުމުން އެފަދަ ކަންކަމާއި ބެހޭގޮތުން ވާހަކަ ދައްކާ ޝުޢޫރު ފާޅުކޮށް އަޑު އުފުލުމަށް އެހީތެރިވެ ދިނުމަށެވެ.”

ޤާނޫނީ ލަފާދޭ މަރުކަޒާ ހަމަޔަށް މިފަދަ މައްސަލަތައް ގެނެސްފައިވަނީ ހަމައެކަނި ކަރީމްއެއް ނޫނެވެ. ގާތްގަނޑަކަށް 50 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅިގެން ދިޔައެވެ. ކަރީމްއެކޭ އެއްފަދައިން އެހެން މީހަކަށް ކާޑް ދޫކޮށްގެން ޝަކުވާ ހުށަހެޅުނު އިރު ބައެއް މީހުންގެ ޝަކުވާއަކީ ލިބެންޖެހޭ ފައިސާގެ ދެބައި ކުޅަ އެއްބައިވެސް ލިބިފައިނުވުމެވެ. ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ބަޔާން ނެގި ޑޮކިއުމެންޓް ތައްޔާރު ކުރެވި ޑިޒާސްޓަރ މެނޭޖްމަންޓާ ބެހޭ ޑިޕަރޓްމަންޓަށް ފޮނުވުނެވެ.

ނަމަވެސް އެ ޑިޕަރޓްމަންޓުން ފުރަތަމަ ދިނީ ބީރު ކަންފަތެކެވެ. އެހެންކަމުން މަރުކަޒުން ޑިޕަރޓްމަންޓަށް ދެވަނަފަހަރަށް މައްސަލަ ފޮނުވިއެވެ. ދެވަނަ ސިޓީ އާއެކީ ސަރުކާރުން ޑިޒާސްޓަރ މެނޭޖްމަންޓް ޑިޕަރޓްމަންޓަށް ޝަކުވާތަކާ ބެހޭގޮތުން ފިޔަވަޅު އެޅުމަށް އެންގިއެވެ. އަދި އެމައްސަލަތަކާ ގުޅޭ ތަފްޞީލް ރިޕޯޓެއް ފޮނުވުމަށް އެންގިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑިޕަރޓްމަންޓުން ޤާނޫނީ ލަފާދޭ މަރުކަޒަށް ގުޅިއެވެ. އަދި މައްސަލަތައް މުރާޖަޢާކޮށް، ކާޑުތައް ތައްޔާރުކުރެވިފައިވާ ކަމަށްވެސް އެ ފަރާތުން މަރުކަޒަށް މަޢުލޫމާތު ދިނެވެ.

ކަރީމަށް އޭނާގެ މައްސަލައަށް ޙައްލެއް ލިބިގެން ދިޔައީއެވެ. ނަމަވެސް އަދިވެސް އެތައް މައްސަލައެއް ނުނިމި ހުރުމުން މަރުކަޒުން މަސައްކަތް ކުރަމުން ދަނީ ކޮރަޕްޝަނާއި، ރިޝްވަތާއި ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށެވެ. “މިއީ ވަރަށްވެސް ބޮޑު މަސައްކަތެއް” ޓީ.އައި ޕާކިސްތާނުގެ އެގްޒެކެޓިވް ޑިރެކްޓަރ ސާދް ރަޝީދު ވިދާޅުވިއެވެ. “ނަމަވެސް މި ފައިސާ އަކީ ރައްޔިތުންގެ ދިރިއުޅުން އަލުން އާރާސްތުކުރުމަށް ވަރަށް މުހިއްމު އެއްޗެއް. އަޅުގަނޑުމެންގެ މަސައްކަތް މިކުރަނީ މިފައިސާ ލިބެންޖެހޭ ފަރާތްތަކަށް ލިބެމުންދާކަން ކަށަވަރު ކުރުމަށް.”

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ސަވައިވިންގ ދި ފްލަޑްސް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

http://www.transparency.org/news/story/surviving_the_floods


ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ފުވައްމުލަކުގެ އިދާރާތަކުގެ އިސްވެރީންނާ ޙިއްޞާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، މިހާރު ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާ ބެހޭގޮތުން ފުވައްމުލަކުގެ އިދާރާތަކުގެ އިސްވެރީންނަށް ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 24 އެޕްރީލް 2016 ވީ އާދީއްތަ ދުވަހުގެ މެންދުރު 13:30 ގައި ކުރުނދުމާ މާލަމްގައެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައި ވެއެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ފުވައްމުލަކުގެ އިދާރާތަކަށް އަދާކުރެވިދާނެ ދައުރާބެހޭގޮތުންނާއި، ޕްލޭން ތަންފީޒު ކުރުމުގައި ފުރިހަމަ އެހީތެރިކަމާ އެއްބާރުލެއްވުން ލިބޭނެކަމުގެ ޔަޤީންކަން ފުވައްމުލަކުގެ އިދާރާތަކުގެ ފަރާތުން އޭސީސީއަށް ވަނީ އަރުވާފައެވެ.
މި ޕްލޭންގެ ހަތަރުވަނަ ދެލިކޮޕީ ފައިނަލްކޮށް، ދައުލަތުގެ އިދާރާތަކުން އެންޑޯޒުކޮށް، ރަސްމީކޮށް ލޯންޗުކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ މަސައްކަތްތައް އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިހާރުދަނީ ކުރަމުންނެވެ.