ބޮން ނައްތާލުން

ބޮސްނިއާ އާއި ހެރެޒޮގޮވީނާގައި ޞުލްޙަ ޤާއިމުވިތާ އެތައް އަހަރެއް ފާއިތުވެ ދިޔައިރުވެސް، އަދިވެސް އެ ޤައުމުގެ އެކި ސަރަޙައްދުތައް ވަނީ، 1992 އާއި 1995 އާ ދެމެދު ކުރެވުނު ހަނގުރާމާގައި ބޭނުންކުރި ފުރާނައަށް ނުރައްކާވާފަދަ މައިންތަކުން ފުރާލާފައެވެ. މި ތަކެތި ހުރިނެތް ތަންތަން ބަލާ މިތަކެތި ނައްތާލުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ މުއައްސަސާއަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ “ބޮސްނިއާ އެންޑް ހެރެޒޮގޮވީނާ މައިން އެކްޝަން ސެންޓަރ” އެވެ.

ބޮސްނިއާއާއި ހެރެޒޮގޮވީނާގައި ހުންނަ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލަށް، މައިން ނައްތާލުމާ ބެހޭ މަރުކަޒާ މެދު  ފުރަތަމަ ޝައްކުތަކެއް ކުރެވެން ދިމާވީ، އެ މަރުކަޒުން ވަޒީފާއަކަށް ކުރި އިޢުލާނެއްގައި ވަރަށް އާދަޔާޚިލާފު ޝަރުޠެއް ކަނޑައަޅާފައިވުމުންނެވެ. އެއީ މިއުޒިކުގެ ދާއިރާއިން ޑިގްރީއެއް ޙާޞިލްކޮށްފައިވުމެވެ. މިކަމާ ގުޅިގެން، އެ މަރުކަޒުގެ ވަޒީފާއަށް މީހުން ނަގާ މިންގަނޑާއި އިޢުލާންކުރެވުނު ވަޒީފާގެ ތަފްޞީލު ހޯދުމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން އެދުނެވެ. ނަމަވެސް އެ މުއައްސަސާގެ ޑިރެކްޓަރގެ ޖަވާބުގައި އެފަދަ ޝަރުޠެއް އެ މަޤާމަށް ބޭނުންވާ ސަބަބެއް ހާމަކޮށެއް ނުދެވުނެވެ. އަދި އެޢިއުލާނު ބާތިލުކުރުމަށްވެސް އޭނާ އިންކާރުކުރިއެވެ.

ބޮން ނައްތާލާ މަރުކަޒާ ގުޅައިގެން ކުރިއެރުމެއް ނުލިބުމުން، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ އެގޮފިން ދެން ނިންމީ މިހާދިސާ އާއްމުންނަށް އެނގޭނެހެން ފަތުރާލާށެވެ. މި ކަން ވެގެންދިޔައީ ވަރަށް ގިނަ މަދަނީ ޖަމާޢަތްތަކާއި މީޑިއާތަކުން ބަލައިގަތް އަދި ރޭޑިއޯއާއި އިންޓަރނެޓް ކަވަރޭޖް ލިބުނު ޚަބަރަކަށެވެ. ޖެހިގެން އައި ދުވަހު އެމަރުކަޒުންވަނީ އެވަޒީފާއަށް މީހަކު ނެގުމުގެ މަސައްކަތް ހުއްޓާލާފައިވާކަމަށާއި އެ މަރުކަޒުގެ ވަޒީފާއަށް މީހުން ނެގުމުގެ މިންގަނޑާ ބެހޭ މަޢުލޫމާތު ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލާ ޙިއްޞާކޮށް، ކުރިޔަށް އޮތް ތާނގައި އެމީހުންނާ އެއްކޮށް މަސައްކަތްކުރުމަށް ވަޢުދުވެފައެވެ.

ވަޒީފާއާބެހޭ ކަންކަމުގައި ދެފުށްފެންނަ ގޮތަށް މަސައްކަތްކުރުން އިތުރުކުރުމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ބޮސްނިއާ އާއި ހެރެޒޮގޮވީނާ ގޮފިން ގެންދަނީ އެޤައުމުގެ އެކިއެކި މުއައްސަސާތަކާއި، ވަކިވަކި ފަރުދުންނާ ގުޅިގެން ގާތުން މަސައްކަތްކުރަމުންނެވެ.

* ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ބޮމް ޑިސްޕޯސަލް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.