މާބަނޑު އަންހެނުންގެ ޙައްޤުތައް

ނޭޕާލުގެ ފަރުބަދަމަތީގެ އެކަހެރި ސަރަޙައްދުތަކުގައި އުޅޭ މީހުންނަށް ވިހެއުމަކީ  ވަރަށް ނުރައްކާތެރި ކަމަކަށް ބައެއްފަހަރު ވެއެވެ. އަދި ޒަމާނުއްސުރެ އޮންނަ އާދަކާދައާ އެއްގޮތަށް ގިނަ މާބަނޑު އަންހެނުން ވިހަނީ އެއްވެސް ޞިއްޙީ ވަޞީލަތެއް ނުވަތަ ޑޮކްޓަރީ އެއްވެސް އެހީތެރިކަމަކާ ނުލައި ގޭގައެވެ. އަދި ވިހެއުމުގައި އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެނަމަ އެމައިންނަށް ބޭސްކުރަނީ އެކަމުގެ އެއްވެސް ފަންނީ ތަމްރީނެއް ލިބިފައިނުވާ ނުވަތަ ވަރަށް ކުޑަކޮށް ތަމްރީނު ވެފައިވާ ފޫޅުމައިންނެވެ. ނަތީޖާއެއްގެ ގޮތުން ނޭޕާލުގައި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 6 އަންހެނުން ވިހެއުމުގެ  ތެރޭގައި މަރުވެއެވެ. މިގޮތުން މަރުވާ ގިނަ މައިންނަކީ ފުރާވަރު ކުދިންނެވެ.

މިޙާލަތު ރަނގަޅު ކުރުމަށްޓަކައި ނޭޕާލުގެ ސަރުކާރުންވަނީ ހަސްފަތާލުގައި ވިހާ އަންހެނުން އިތުރުކުރުމުގެ ގޮތުން އެމީހުންނަށް ފައިސާގެ ކުޑަ އެލަވަންސްއެއް ދިނުމުގެ ޕްރޮގްރާމެއް ފަށާފައެވެ. މިކަމަކީ، ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިތިބި ކަމެކެވެ.

މިކަމަށް ލާރިދޫކުރަން ފެށި އެއް އަވަށުގެ އޮފިޝަލުން މިޕްރޮގްރާމް ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ބެލީ އަމިއްލަ ފައިދާ ހޯދޭތޯއެވެ! މާބަނޑު މީހުންގެ ޞައްޙަނޫން ލިސްޓެއް ހަދައި ސަރުކާރުންދޭ ލާރި އެމީހުން ނަގަން ފެށިއެވެ. ކާކުކަން ނޭނގޭ ގޮތަށް ވިސްލްބްލޯކުރި ފަރާތަކުން ޓްރާންސްޕޭރެންސީ އިންޓްނޭޝަނަލަށް ގުޅައި މިކަން ރިޕޯޓުކުރުމުން މިވާހަކަ މީޑިއާއާ ހިއްސާކުރުމަށް އެމީހުން އޭނާއަށް އެހީތެރިވެދިނެވެ. އަދި ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި މިވާހަކަ ހިމެނިގެންދިއުންވީ މާބަނޑު އަންހެނުންގެ ޙައްޤުތަކުގެ ވާހަކަ އާއްމުންނާ ހަމައަށް ވާސިލްވުމަށް އެހީތެރިވެދިން ކަމަކަށެވެ. މިކަންތައްތައް ފަޅާއެރުމުން އެއޮފިޝަލުން އެކަމަށް އެއްބަސްވެ އެމީހުން ނެގި ފައިސާ އޭގެ ޙައްޤުވެރިންކަމަށްވާ މާބަނޑު އަންހެނުންނަށް ލިބޭނެހެން އަނބުރާ ސަރުކާރާ ހަވާލުކުރިއެވެ.

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ބާތު ރައިޓްސް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

https://www.transparency.org/news/story/birth_rights


ރައްކާތެރިކަމަށް މަގެއް

މިވާހަކައަށް އަންނަނީ އުފާވެރި ނިމުމެއް ނަމަވެސް، ފެށިފައިވަނީ ހިތާމައާއި ހިތްދަތިކަމާއި ކަންބޮޑުވުންތަކާއެކުއެވެ. ޗެކް ރިޕަބްލިކްގެ މަގެއްގައި ބަހައްޓާފައިހުރި  އިޝްތިހާރުބޯޑުތަކެއްގެ ސަބަބުން، ދުއްވާމީހުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލި ފުރާނައަށް ނުރައްކާވަމުންދާކަމަށް ބުނެ ޗެކް ރިޕަބްލިކުގެ މަގުތަކުގެ ސަލާމަތާ ބެހޭ ގޮތުން މަސައްކަތްކުރާ ފަރާތެއްކަމަށްވާ ޑުރައިވަރުންގެ ޖަމްޢިއްޔާ (ޑްރައިވަރސް އެސޯސިއޭޝަން) އިން ގެންދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފާއިތުވެގެންދިޔަ ބާރަވަރަކަށް މަސްދުވަސް ތެރޭގައި އެއް މަގެއްގައި އެކަނިވެސް 10 މީހުންގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފައެވެ.

މިބޮޑު މައްސަލަ، ޑުރައިވަރުންގެ ޖަމްޢިއްޔާއިން ވަނީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް (ޓީއައި)ގެ ޗެކް ރިޕަބްލިކް ގޮފީގެ ސަމާލުކަމަށް ގެނެސްފައެވެ. ޖަމްޢިއްޔާއިން ބުނަމުން ގެންދިޔައީ އެ އިޝްތިހާރު ބިލްބޯޑު ބެހެއްޓިފައި ހުރީ މަގުމަތީގައި ބަހައްޓާ އެފަދަ ތަކެތި ބަހައްޓަންޖެހޭ ސަލާމަތީ މިންގަނޑާ ޚިލާފަށް މަގާ މާ ކައިރީގައި އެއްވެސް ‘ކްރޭޝް ބެރިއަރ’ (މަގުމަތީ ދުއްވާ އުޅަނދު މަގުގެ އަރި މަތީގައި ހުންނަ އެކިކަހަލަ އެއްޗެހީގައި ޖެހުނަނުދީ ސީދާ މަގުން ދުއްވަން ބާރުއެޅޭނެހެން ޖަހާފައި ހުންނަ ފެންސްތަކެއް) އެއް ނެތިއެވެ. މިފަދަ އެތައް އިޝްތިހާރު ބޯޑެއް ކަމާގުޅޭ އިދާރާތަކުގެ ހުއްދައާއެކު ޗެކް ރިޕަބްލިކްގެ އެކި ހިސާބުތަކުގައި ވަނީ ބެހެއްޓިފައެވެ.

މިކަން މިހެން ހިނގަނީ އެކަންކަން ބެލެހެއްޓުމާ ޙަވާލުވެ ތިބޭ ފަރާތްތަކުން މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެންކަމަށް ތުހުމަތުކުރެވެއެވެ. އަދި، ސިޔާސީ ބައެއް ފަރާތްތަކުން އެމީހުންގެ އިންތިހާބީ ކެމްޕޭނުގެ ތެރޭގައި އަގުދަށްކޮށް މީޑިއާ ކަވަރޭޖް ގެނެސްދޭ ގޮތަށް އެކަމުގެ ބަދަލުގައި އޮންނަ އުޞޫލުތަކުގެ ބޭރުން އިޝްތިހާރު ބޯޑުތައް ބެހެއްޓުމަށް ބައެއް ހުއްދަތަކުގައި ސޮއިކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަމުގެ ރިޕޯޓުތަކާ ގުޅިގެން ޓީއައި ޗެކް ރިޕަބްލިކުން މަގުތައް ބަލަހައްޓާ މޮޓޯވޭ އިދާރާއަށް ގުޅައި އެފަރާތާއި އިޝްތިހާރުކުރާ ކުންފުނިތަކާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ކޮޕީ ހޯދުމަށް އެދުނެވެ. އެހެން ނަމަވެސް ފުރިހަމަ އެއްބަސްވުންތަކުގެ ބަދަލުގައި އެފަރާތަށް ލިބުނީ އެއްބަސްވުންތަކުގެ ޚުލާޞާއެވެ.

ޓީއައި ޗެކްއިން މަޢުލޫމާތު ހޯދުމަށްޓަކައި ކެނޑިނޭޅި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މަޢުލޫމާތު ހާމަކުރުމުގެ ރިކުއެސްޓެއް އިދާރީ އެންމެ މަތީ ކޯޓާ (ސުޕްރީމް އެޑްމިނިސްޓްރޭޓިވް ކޯޓް) ހަމައަށް ދިޔައެވެ. އަދި ކޯޓުން ނިންމީ ސަރުކާރުގެ ކޮންޓްރެކްޓްތައް ބަލާ މުރާޖާކުރުމުގެ ފުރުސަތު އާންމުންނަށް ދޭންޖެހޭނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ޓީއައި ޗެކްރިޕަބްލިކާއި ޑުރައިވަރުންގެ ޖަމްޢިއްޔާއިން އެ މައްސަލައާ ގުޅޭ އެހެން ފަރާތްތަކަށް އެއިޝްތިހާރު ބޯޑުތަކާ ގުޅޭ އެއްބަސްވުންތައް ބެލުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

ލިބުނު އެއްބަސްވުންތައް ބެލިބެލުމުގައި ކަންބޮޑުވާންޖެހޭ ގިނަ ކަންކަން ހުރިކަން ފާހަގަކުރެވުނެވެ. އަދި އެފަރާތްތަކުން ޓްރާންސްޕޯޓް މިނިސްޓްރީއާއި މަގުތަކާއި މޮޓޯވޭ ޑައިރެކްޓަރޭޓްއާއެކު ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވިއެވެ. މިކަމާ ގުޅިގެން އެ އިދާރާތަކުން އެ އެއްބަސްވުންތައް ބާޠިލްކޮށް ކުރިއަށް އޮތްތާނގައި މަގުތަކުގެ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް އިޝްތިހާރުބޯޑުތައް ހަރުކުރެވޭކަން ޔަޤީންކުރުމުގެ މަސައްކަތް ފެށިއެވެ.

 

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ  “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ ‘ދި ރޯޑް ޓު ސޭފްޓީ” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ފުރިހަމަ ކުރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.


ނިގާރަން ނުލައި

2008 ވަނަ އަހަރު ގުއަޓަމަލާގައި ޕެޓްރޯލްގެ އަގު އަތްނުފޯރާހާ މައްޗަށް ގޮސް، އޭގެ އަސަރު އާބާދީގެ ބޮޑުބަޔަކަށް ކޮށް، އާއްމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ، ނަތީޖާއެއްގެ ގޮތުން ކަޅުބާޒާރުގައި ޕެޓްރޯލް ވިއްކަންފެށުނެވެ.

އަދި ހަމައެއާއެކު، މެކްސިކޯ ބޯޑަރު ހުރަސްކޮށް ގުއަޓަމަލާއަށް ވަންނަ ޓްރަކް ދުއްވާ ފަރާތްތަކުން ޕެޓްރޯލް ވަގަށް އެތެރެކޮށް އަގުހެޔޮކޮށް ވިއްކާކަމަށް ޝައްކުކުރެވިގެން މެކްސިކޯ ބޯޑަރު ސަރަޙައްދުގައި ދިރިއުޅޭ މީހުން އެޤައުމުގެ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް (ޓީ.އައި) ގޮތްޕަށް އެމައްސަލަ ހުށަހެޅިއެވެ. މިކަމާ ގުޅޭގޮތުން ތަފާތު އެކި ފަހަރުމަތިން ޓީ.އައި އަށް ފަންސަވީހަކަށް ފޯނުކޯލް ލިބިފައިވެއެވެ. އެމީހުން ބުނި ގޮތުގައި ތެޔޮ އެތެރެކުރާ ފަރާތްތަކުން އެކަންކުރަނީ ކަސްޓަމްސް ޑިއުޓީ ދެއްކުމުގެ ބަދަލުގައި އެސަރަޙައްދުގެ ބޯޑަރު ބަލަހައްޓާ އޮފިޝަލުންނަށް ރިޝްވަތު ދީގެންނެވެ. އަދި އެދުވަސްވަރުގެ މީޑިއާ ރިޕޯޓުތަކުންވެސް  އެނގުނު ގޮތުގައި ގުއަޓަމަލާގެ ބައެއް ސަހަރުތަކުގެ ބޭރުގައި ޤާނޫނާ ޚިލާފަށް ޕެޓްރޯލް ވިއްކާ ތަންތަން ހުޅުވައި އެތަންތަނުން ދިޔައީ ވަގަށް އަގުހެޔޮކޮށް ޕެޓްރޯލް ވިއްކަމުންނެވެ. މިކަމާ ގުޅިގެން، ރަޖިސްޓަރީކޮށްގެން ޤާނޫނާ އެއްގޮތަށް ޕެޓްރޯލް ވިއްކަމުން ގެންދިޔަ ފަރާތްތަކުން ބުނަމުން ގެންދިޔައީ، އެފަރާތްތަކުގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތައް ވަމުން ދިޔަކަމަށެވެ.

ޓީ.އައިގެ ގުއަޓަމަލާ ގޮފިން މިކަންތައް ގުއަޓަމަލާގެ ޤައުމީ ކަސްޓަމްސް އޮފީހަށް އެންގުމުން އެއޮފީހުން މިޖަރީމާ ތަޙުޤީޤުކުރުމަށްޓަކައި ވަކި ބަޔަކު އެކަމަށް އައްޔަންކުރިއެވެ. ނަތީޖާއެއްގެ ގޮތުން ގުއަޓަމަލާއާއި މެކްސިކޯގެ ކަމާބެހޭ އިދާރާތަކުން ބޯޑަރު ހުރަސްކުރާ ތެޔޮ އުފުލާ ޒާތުގެ ވެހިކަލްތައް މޮނިޓަރކުރުމަށް ހަރުކަށި ކަސްޓަމްސް ޤަވާއިދުތަކެއް އެކުލަވާލައި ޢަމަލުކުރަން ފެށިއެވެ. އަދި ހަމައެއާއެކު، ގުއަޓަމަލާގެ ޓެކްސް އިދާރާއިންވެސް މި ތުހުމަތުތައް ތަޙުޤީޤުކުރަން ފެށިއެވެ. ޓީ.އައި އިން ބުނިގޮތުގައި، އޭގެ ފަހުން ފަހުން މިފަދަ އެއްވެސް ޝަކުވާއެއް އެފަރާތަށް ލިބިފައެއް ނުވެއެވެ.

 

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ރަނިން އޮން އެމްޓީ” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.