ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ މަޢުލޫމާތު ޖަމްޢިއްޔާ ޖަމާޢަތްތަކާ ޙިއްސާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ތައްޔާރު ކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމާއި ތަންފީޒުކުރުމާބެހޭ މަޢުލޫމާތު ބައްދަލުވުމެއް ޖަމްޢިއްޔާ ޖަމާޢަތްތަކާ އެކީ 21 ޖަނަވަރީ 2016 ވީ ބުރާސްފަތި ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ބާއްވައިފިއެވެ.
ތަފާތު އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިސްވެރީންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާ ޖަވާބަށް ޚާއްޞަ ވަގުތުކޮޅެއް ހިމަނާލެވުނެވެ. އަދި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންނާއި، ނަޒާހަތްތެރިކަން ކުރިއެރުވުމުގައި ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ކުރިއަށް ގެންދެވިދާނެ ޙަރަކާތްތަކާ ބެހޭގޮތުން މި ބައްދަލުވުމުގައިވަނީ މަޝްވަރާ ކުރެވިފައެވެ.

މި ބައްދަލުވުމުގައި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަންސް، ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން، ޖަރނީ،ހޯޕް ފޯ ވިމެން، ޔޫތް އިންޓެގްރިޓީ ނެޓްވަރކް،ދިވެހި ޔޫތު މޫވްމަންޓް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވަރކް، އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް، ޖަމްޢިއްޔަތުއް ސަލަފް، މަހަލްދީބް ފައުންޑޭޝަން، އަދި ޖުނިއާ ޗެމްބަރ އިންޓަރނޭޝަނަލް ކާފު ޗެޕްޓަރ އިން ބައިވެރިވެ ވަޑައިގެންނެވިއެވެ.


ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ މަޝްވަރާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، މިހާރު ތައްޔާރު ކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާ ބެހޭގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް(ޓީ.އެމް) އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ 20 ޖަނަވަރީ 2016 ވީ ބުދަ ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަނުގައެވެ.

ޓީ.އެމްގެ އިސްވެރީންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައި ވެއެވެ. އަދި ރާއްޖޭގެ ކޮރަޕްޝަންގެ ޙާލަތު ރަނގަޅުކުރުމަށް އޭސީސީން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ޓްރާންސްޕޭރަންސީ މޯލްޑިވްސްއާ މަޢުލޫމާތު ޙިއްސާކޮށް، އެފަރާތުން ފާހަގަކުރަން ބޭނުންވާ ކަންތައްތަކާ ބެހޭތުން އޭސީސީން މަޢުލޫމާތު ހޯދިއެވެ.

މިހާތަނަށް ދައުލަތުގެ 34 އިދާރާގެ އިސްވެރިންނާ މިޕްލޭނާބެހޭ މަޢުލޫމާތު ޙިއްސާކުރެވިފައިވާއިރު، ކުރިޔަށް އޮތް ތަނުގައި މިޕްލޭންގެ ހަތަރުވަނަ ދެލިކޮޕީ ފައިނަލްކޮށް ތަންފީޒުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުންދަނީ ތައްޔާރުވަމުންނެވެ.


ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ މަޢުލޫމާތު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާ ޙިއްސާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ތައްޔާރު ކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި އޭސީސީ އާއެކު މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން ގެންދާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއެކު 14 ޖަނަވަރީ 2016 ވީ ބުރާސްފަތި ދުވަހު ބާއްވައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރީންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާ ޖަވާބަށް ޚާއްޞަ ވަގުތުކޮޅެއް ހިމަނާލެވުނެވެ. އަދި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންނާއި، ނަޒާހަތްތެރިކަން ކުރިއެރުވުމުގައި ދެ މުއައްސަސާ ގުޅިގެން ކުރިއަށް ގެންދެވިދާނެ ޙަރަކާތްތަކާ ބެހޭގޮތުން ދެމުއައްސަސާގެ އިސްވެރިންގެ މެދުގައި މި ބައްދަލުވުމުގައިވަނީ މަޝްވަރާ ކުރެވިފައެވެ.

މިހާތަނަށް ދައުލަތުގެ 34 އިދާރާއެއްގައި މި ސެޝަން ބޭއްވިފައިވާއިރު، ކުރިޔަށް އޮތް ތަނުގައި މިޕްލޭންގެ ހަތަރުވަނަ ދެލިކޮޕީ ފައިނަލްކޮށް ތަންފީޒުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުންދަނީ ތައްޔާރުވަމުންނެވެ.


ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާބެހޭ މަޢުލޫމާތު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ޙިއްސާކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭން (އެންއައިޕީ) އެކުލަވާލުމުގެ މަސައްކަތުގައި އޭސީސީ އާއެކު މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން ގެންދާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި 13 ޖަނަވަރީ 2016 ވީ ބުދަ ދުވަހު ބާއްވައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، އެކިއެކި ކޯޓުތަކުގެ އިސްވެރީންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާ ޖަވާބަށް ޚާއްޞަ ވަގުތުކޮޅެއް ހިމަނާލެވުނެވެ. އަދި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންނާއި، ނަޒާހަތްތެރިކަން ކުރިއެރުވުމުގައި ގުޅިގެން ކުރިއަށް ގެންދެވިދާނެ ޙަރަކާތްތަކާ ބެހޭގޮތުން އިސްވެރިންގެ މެދުގައި މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.
މިހާތަނަށް ދައުލަތުގެ 33 އިދާރާއެއްގައި މި ސެޝަން ބޭއްވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި، މިފަދަ އިތުރު ސެޝަންތައް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެލައްވާ އިދާރާތަކުގެ އިސް ވެރިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.


ޚިޔާނާތްތެރި މޭޔަރު

ގުއެޓަމަލާގެ އަވަށެއްގެ މޭޔަރުކަމަށް ކުރިމަތިލި ސިޔާސީ ބޭފުޅަކު ކެމްޕޭން ދުވަސްވަރު ޢާއްމުންނާ މުޚާތަބުކޮށް ދެއްކެވި ވަރަށް ގިނަ ވާހަކަތަކުގެ ތެރޭގައި އަވަށުގެ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައި ދިނުމަށް ވަޢުދުވިއެވެ. އެގޮތުން ދައުލަތުގެ ތަފާތު އެކިއެކި ޕްރޮޖެކްޓްތަކުގައި އިންވެސްޓްކުރުމާއި، ވިރާނާވެފައިވާ އަވަށު މަދަރުސާ މަރާމާތުކޮށް އެތަނުގައި ތަޢުލީމު ޙާސިލުކުރަމުންދާ ހުރިހާ ދަރިވަރުންނަށް ރަނގަޅު ކާނާ ފޯރުކޮށްދިނުމަށް ވަޢުދުވެފައިވެއެވެ. މިވަޢުދުތައް ފުއްދާނެކަމުގެ ފޮނި އުއްމީދުގައި ޢާއްމުންގެ އެތަކެއް ބަޔަކު އިންތިޚާބު ބޭއްވި ދުވަހު ބޮޑެތި ކިއޫތައް ހަދައިގެން ވޯޓުލާން ނިކުމެތިއްބެވެ.
ކަންދިމާކުރިގޮތުން އަވަށުގެ މޭޔަރަކަށް ހޮވުނީ އެސިޔާސީ ބޭފުޅާއެވެ. ނަމަވެސް އޭނާ އަވަށުގެ ރައްޔިތުންނަށް ވީ ވަޢުދުތައް ހަނދާން ނައްތާލި ކަހަލައެވެ. މޭޔަރުގެ މަޤާމުގައި ހުރެ އެއް އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. އަވަށު މަދަރުސާ އަދިވެސް ހުރީ ވީރާނާވެފައެވެ. ހަށިގަނޑަށް ފައިދާހުރި ކާނާ ލިބުނު ދަރިވަރަކު މަދަރުސާއަކު ނެތެވެ. ޚަބަރު ފެތުރުނު ގޮތުގައި މަޝްރޫޢުތައް ހުއްޓުން އަރާފައިވަނީ އެމަޝްރޫޢުތަކަށް އެކަށީގެންވާ ވަރަށް ބަޖެޓުގައި ފައިސާ ނެތުމުންނެވެ. ނަމަވެސް މޭޔަރުގެ އޮފީހުގައި މަސައްކަތްކުރާ ފައިސާއާ ބެހޭ އޮފިސަރު ބުނިގޮތުގައި ރިޕޯޓުތަކުގައިވަނީ މި މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި މަޝްރޫޢުތަކަށް ފައިސާ ދައްކާ ނިމިފައިވާކަމަށް އެރިޕޯޓުތަކުގައި ބުނާކަމަށް އެފަރާތުން ހެކިވެއެވެ.
ކޮންމެއަކަސް އަވަށުގެ ރައްޔިތުން މިކަންކަމާމެދު ކަންބޮޑުވުން ފާޅުކޮށް އެކިއެކި ޕާކުތަކާއި ގެތަކުގައި ބައްދަލުވުންތައް ބާއްވަން ފެށިއެވެ. މިބައްދަލުވުމުގައި ބައިވެރިވާ މީހުން އިތުރުވަމުންގޮސް ގާތްގަނޑަކަށް 150 މީހުންގެ ޖަމާޢަތަކަށް ބަދަލުވިއެވެ. އަދި އެމީހުން ކަމާބެހޭ އޮފިޝަލުންނަށް ޕެޓިޝަން ހުށަހަޅައިގެން މަޝްރޫޢުތަކާބެހޭ ލިޔެކިޔުންތައް ލިބިގަތުމުގެ ހުއްދަ ދެވުނެވެ. ލިޔެކިޔުންތައް ބަލައި ދިރާސާ ކުރުމުން މަންޒަރު ވަރަށް ރަނގަޅަށް ސާފުވިއެވެ. 100 އަށް ވުރެ ގިނަ ޗެކަށް ފައިސާ ނަގަން ފޮނުވާފައިވަނީ މަސައްކަތް ނިމުނުކަން ދަލީލުކޮށްދޭ ލިޔެކިޔުމަކާނުލައެވެ. އަދި ހުރިހާ ފައިސާއެއް ނަގާފައިވަނީ މޭޔަރު ސޮއިކޮށް ހުއްދަދެވިގެންނެވެ.
ޢާއްމުންގެ އެތައް ބައެއްގެ ޝަކުވާގެ ސިޓީތަކާއި ފެޓިޝަންތަކާއެކުވެސް ކަމާބެހޭ ފަރާތްތަކުން އެއްވެސް ފިޔަވަޅެއް ނޭޅިއެވެ. އެހެންކަމުން އެއަވަށުގެ ރައްޔިތުން އެހީއަށް އެދި ދިޔައީ ގުއެޓަމާލާގެ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ޤާނޫނީ ލަފާދޭ މަރުކަޒަށެވެ. އަދި އެމަރުކަޒުން އަވަށުގެ ފައިސާއާބެހޭ އޮފިސަރާ ގުޅައި މޭޔަރު އޮފީހުގައި މަސައްކަތް ކުރި މުއްދަތުގެ އޮޑިޓް ރިޕޯޓެއް ހެދުމަށް އެދުނެވެ. އަދި ތަޙުޤީޤުތައް ފެށުމާ ހިސާބުންވެސް، އުސޫލުން ބޭރުން މޭޔަރު ފައިސާ ބޭނުންކޮށްފައިވާކަން ކަށަވަރު ވެގެންދިޔައެވެ.
ކަންކަން މިހެން ހިނގަމުން ދިޔަ ދުވަސްވަރަކީ އާ އިންތިޚާބުގެ ދުވަސްވަރަށް ވެފައި، މޭޔަރުވަނީ އަނެއްކާވެސް ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލާފައެވެ. ނަމަވެސް ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމުގެ ޝައްކުތައް އިތުރުވަމުންދިޔަ ވަރަކަށް އެބޭފުޅާގެ މަޤުބޫލުކަން ދިޔައީ ދަށްވަމުންނެވެ. ނަމަވެސް ވޯޓުން އަނެއްކާވެސް މޭޔަރުކަމުގެ މަޤާމަށް ހޮވުނީ ހަމަ އެބޭފުޅާއެވެ. ޢާއްމުން ބުނަމުން ދިޔައީ އޭނާ އިންތިޚާބު ކާމިޔާބުކުރީ ކައިރި އަވަށްތަކުގެ މީހުން ބަހުގައި ގެނެސް ވޯޓު ލައްވައިގެން ކަމަށެވެ. މީހުންގެ ރުޅިވެރިކަން އިތުރުވެ ކަންކަން ގޯހުންގޯހަށް ދާންފެށުމުން އިންތިޚާބު ބާޠިލްކޮށް އަލުން އިންތިޚާބެއް ބޭއްވުމަށް ހަމަޖެހުނެވެ. އަދި އާ އިންތިޚާބުގައި އަވަށުގެ މީހުންނޫން އެހެންމީހުން ވޯޓުނުލާކަން ޔަޤީންކުރުމަށްޓަކައި އަވަށަށް ބަހެއް އާދޭތޯ ބަލަން އަވަށުގެ ރައްޔިތުން ފާރަޔަށް ތިއްބެވެ. އެންމެފަހުން އިންތިޚާބުގައި މޭޔަރު ބަލިވެ އޭނާޔަށް ލިބިފައިވާ ރައްކާތެރިކަން ގެއްލިގެން ދިޔައެވެ.
ފައިސާގެ ކަންކަމާބެހޭ އޮފީހުން މޭޔަރު 250000 އެމެރިކާ ޑޮލަރު ނަހަމަ ގޮތުގައި ބޭނުން ކުރިކަމަށް ދަޢުވާކުރެވުނެވެ. މޭޔަރުވަނީ މިފައިސާ ވުޖޫދުގައި ނުވާ މަޝްރޫޢުތަކަށް ޚަރަދުކޮށްފައެވެ. އަދި މައްސަލަ ނިމުމާއެކު ފުރަތަމަވެސް 100000 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ދައްކަން ޖެހުނެވެ.
އަވަށުގައި އާ މޭޔަރެއް ހޮވިފައިވާއިރު ރައްޔިތުން ދިޔައީ ކަންކަން ހިނގަމުންދާގޮތް ކައިރިން ބަލަމުންނެވެ. “އަހަރުމެންނަށް އެއް މޭޔަރު އުސޫލުން ބޭރުން ކަންކަން ކޮށްފައިވާގޮތް ފެނިގެން ހިނގައްޖެ” އެތަނުން އެކަކު ބުންޏެވެ. “މިއަދު އަހަރުމެން މިތިބީ ހޭލާ!”

……………………………………………………………………………………………………………………………………….
ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ގޯސްޓް ޕޮލިޓިކްސް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ.
މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” އާއެކު ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
https://www.transparency.org/news/story/ghost_politics


މަދަރުސާތައް ކޮރަޕްޝަނުން ސަލާމަތްކުރުން

ތިބާ ކޮރަޕްޝަނާ ދެކޮޅަށް ބަސްބުނަން ފަށާނީ މުޖުތަމަޢުގައި ކޮރަޕްޝަން ކިހާ މިންވަރަކަށް އަށަގަތުމުންތޯއެވެ؟ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްގެ ސައުތު އެފްރިކާގެ މަރުކަޒުން، އާންމުންނަށް ކޮރަޕްޝަނުގެ ޢަމަލްތައް ރިޕޯޓު ކުރުމަށް ހުޅުވާލުމުން، ތަކުރާރުކޮށް ލިބެމުން ދިޔަ އެއް ޝަކުވާއަކީ މަދަރުސާތަކުގެ ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމުގެ ޝަކުވާއެވެ.

ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްގެ އެގްޒެކެޓިވް ޑިރެކްޓަރ، ޑޭވިޑް ލުވިސް ބުނިގޮތުގައި “ކޮރަޕްޝަނުގެ އެހެނިހެން ޢަމަލުތަކުގެ ވާހަކަ ދެއްކުމާއި ރިޕޯޓުކުރުމަށް ބެލެނިވެރިން ފަސްޖެހުނަސް އެމީހުންގެ ދަރީންނާ ގުޅޭ ކަމެއްގައި ކޮރަޕްޝަން ހިމެނޭނަމަ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އެމީހުން ވަރަށް ހިތްވަރުލައި! އެގޮތުން ލައިބްރަރީއެއް އެޅިޔަސް ނުވަތަ އިތުރު ކިލާސްރޫމްތަކެއް ހެދިޔަސް އަދި ކުޅިވަރު ކުޅުމަށް ދަނޑެއް ތަރައްޤީ ކުރިޔަސް ދައުލަތުގެ ފައިސާއިން ޚަރަދުވޭ! މިއީ އެހައި ބޮޑު ޚަރަދުތަކަކަށް ނުވިޔަސް މަދަރުސާއާއި މަދަރުސާގެ ދަރިވަރުންނާ ބެލެނިވެރީންނަށް މިއީ ވަރަށް ބޮޑު އަދަދުތަކެއް”

ލިބެމުންދިޔަ ޝަކުވާތަކުގެ ތެރޭގައި، ޖޮހެނެސްބަރގް ގެ ދެކުނަށް އޮންނަ ސޮވެޓޯ ސަރަޙައްދުން ހުށަހަޅާފައިވާ ޝަކުވާއެއް ހިމެނެއެވެ. އެ ޝަކުވާގައިވާ ގޮތުން، އެސަރަޙައްދުގައި ހުރި މަދަރުސާއެއްގެ އެންމެ އިސްކޮށް ޙަރަކާތްތެރިވާ ޕްރިންސިޕަލާއި މަދަރުސާގެ ހިންގުމާ ޙަވާލުވެ އޮންނަ ބޯޑުން ދިޔައީ މަދަރުސާގައި ވަޞީލަތްތައް ޤާއިމްކުރުމަށް ހޯދާފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ފޮރެންސިކް އެކްސްޕާޓުން ގެނެވި ހެދުނު ތަޙުލީލުތަކާއި ތަޙުޤީޤުތަކުން ރިޕޯޓުކުރެވިފައިވާ މައްސަލައިގެ ޙަޤީޤަތް ހާމަވެގެންދިޔައެވެ. ކުރެވުނު ތަޙްޤީޤުން 20000 އެމެރިކާ ޑޮލަރަށް އޭރުވެސް ޚިޔާނާތްތެރިވެފައިވާ ކަމުގެ ހެކިތައް ފެންމަތިވިއެވެ.

ހޯދި ހޯދުންތައް ތަޢުލީމާބެހޭ ޑިޕާޓްމަންޓާއި ޙިއްސާކުރެވުނެވެ. މަދަރުސާގެ ޕްރިންސިޕަލް ވަގުތުން ސަސްޕެންޑު ކުރެވި އިތުރު ތަޙުޤީޤުތަކެއް ފެށުނެވެ. ޕްރިންސިޕަލް އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އިސްތިއުފާ ދިނެވެ.

އޭގެ ފަހުން މި މައްސަލައިގެ ވާހަކަ މީޑިއާގައި ވަރަށް ބޮޑަށް ފެތުރުނެވެ. އަދި ތަޢުލީމާބެހޭ ޑިޕާޓްމަންޓުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްއާ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވިއެވެ. އަދި އެހެނިހެން މަދަރުސާތަކުގައި މިފަދަ ކަންކަން ހިނގާތޯ ބަލައި ފިޔަވަޅު އެޅުމަށް ގިނަ މަސައްކަތްތަކެއް ފެށުނެވެ. ޑޭވިޑް އިތުރަށް ބުނިގޮތުގައި “މިޙާދިޘާ ހިނގައި ދިޔުމަށް ފަހު ގިނަ ޢަދަދެއްގެ މައްސަލަތައް މިހާރު އަންނަނީ ފެންމަތިވަމުން. ނަމަވެސް މިއިން ކޮންމެ މައްސަލައެއް ތަޙުޤީޤު ކުރުމުގެ ޤާބިލްކަމެއް ލިބިފައެއްނެތް! އަދި އަހަރުމެން މިއަންނަނީ ލިބޭ މިފަދަ މަޢުލޫމާތު ބޭނުންކޮށްގެން ބެލެނިވެރީންނަށް ކުރެވިދާނެ ކަންކަމާއި އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ޙަރަކާތްތައް ހިންގައި ނަސޭޙަތްތެރިވަމުން”

ސޮވެޓޯގެ މަދަރުސާގައި މިހާރު އަންނަނީ އައު ގަވަރނިންގ ބޯޑެއް ހޮވުމުގެ މަސައްކަތް ކުރަމުންނެވެ. އުއްމީދުކުރެވެނީ މަދަރުސާއިން ވޯޓުލައިގެން ހޮވާނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ނަޒާހަތްތެރި ބެލެނިވެރީން ކަމަށެވެ. އަދި މިއީ އެހެނިހެން މަދަރުސާތަކަށް ނަމޫނާ މަދަރުސާއަކަށް ވުމަށެވެ. ޑޭވިޑް އިތުރަށް ބުނީ “އަހަރުމެން ބޭނުންވަނީ ވަކިވަކި ފަރުދުންގެ ސަބަބުން ލިބޭ ކުރިއެރުން ތާއަބަދަށް ދެމިގެންދިޔުން” ކަމަށެވެ.

 

………
ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “True stories ”ގެ ތެރެއިން ނަގާފައިވާ “keeping schools clean” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
https://www.transparency.org/news/story/keeping_schools_clean


ކޮރަޕްޝަން – ޤައުމުގެ އަމަން އަމާންކަމަށް ހުރި ނުރައްކަލެއް

ކޮރަޕްޝަނުގެ ސަބަބުން މިނިވަން ވިޔަފާރިއާއި ވާދަވެރިކަމަށް ހުރަސްއަޅައި، ސަރުކާރުގެ ހިންގުމާއި ޤާބިލްކަމަށް ގޮންޖެހުންތައް ކުރިމަތިކުރުވައި، ތަރައްޤީއާއި ކުރިއެރުމަށް ހުރަސްއަޅައެވެ. ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުގެ މަޤްބޫލްކަމާއި ހައިސިއްޔަތު ގެއްލެއެވެ. ކޮރަޕްޝަނުގެ ސަބަބުން، ޤައުމީ ސަލާމަތާއި، މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް އަސަރުފޯރައެވެ. ކޮރަޕްޝަނާއި ފަސާދަ އާންމުވެފައިވާ މުޖުތަމައެއް، ނުވަތަ ޤައުމަކީ، ބޮޑެތި ޖަރީމާ ހިންގާ ދުނިޔޭގެ އެކި ޖަމާއަތްތަކުގެ ހާއްޔަކަށް ބަދަލުވެގެންދެއެވެ. މަސްތުވާތަކެއްޗާއި، ހަތިޔާރު އަދި އިންސާނީ ވަގުފާރި ކުރާ ފަރާތްތަކުން، ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ކޮރަޕްޝަނުގެ ފަސާދައިގައި ޝާމިލްކޮށް، އެފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް މަގުތައް ހޯދައެވެ.

ކޮރަޕްޝަނުގެ ސަބަބުން މިނިވަންކަމާ އަމަންއާންމު ގެއްލެނީ ކިހިނެއް؟
ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އަދި މުޖުތަމަޢުގެ އާންމު މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި ޤާއިމްކުރެވިފައިވާ މުހިންމު މުއައްސަސާތަކަށް ކޮރަޕްޝަނުގެ ވަބާ ވަދެއްޖެނަމަ، އެއީ، ޤައުމީ ސަލާމަތަށްހުރި ނުރައްކަލަކަށް ވެގެންހިނގައިދާނެއެވެ. މިގޮތުން ޤައުމީ ސަލާމަތާ ގުޅުންހުރި މުއައްސަސާތަކާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކަކީ، މުޅި ޤައުމުގެ ދިފާޢާއި ރައްޔިތުންނަށް، އެތެރެ އާއި ބޭރުން އަންނަ ނުރައްކާތަކުން ސަލާމަތް ކޮށްދިނުންކަމުގައިވާ އިރު، ކޮރަޕްޝަނުގެ ވަބާގެ ސަބަބުން، މުއައްސަސާތަކުން މި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ހުރަސްއަޅައެވެ.

ސިފައިންގެ ޤާނޫނުގައިވާގޮތުން، ސިފައިންގެ މަސްއޫލިއްޔަތުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި، ދިވެހި ދައުލަތް، ޙިމާޔަތްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލް އަދި ސިޔާދަތު ޙިމާޔަތްކޮށް ދިފާޢުކުރުމާއި، ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ޙިމާޔަތްކުރުމާއި، ރާއްޖެއަށް ދިމާވާ ކުއްލި ޙާލަތްތަކުގައި ކުއްލި އަދި އަވަސް ޚިދުމަތް ފޯރުކޮއްދިނުން ހިމެނެއެވެ. މިފަދަ މުހިންމު މަސްއޫލިއްޔަތުތަކެއް ޙަވާލުވެފައިވާ ބައެއްގެ ތެރެއަށް ކޮރަޕްޝަނުގެ ކިތަންމެ ކުޑަ މިންވަރެއް ވަދެއްޖެ ނަމަވެސް، އެއީ މުޅި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުފޯރައިފާނެ ކަމަކަށް ވެދެއެވެ. މިގޮތުން، ސިފައިންގެ ތެރޭގައި ކޮރަޕްޝަނުގެ ވަބާ ފެތުރިއްޖެނަމަ، ޤައުމީސަލާމަތާ ގުޅުންހުރި ބޮޑެތި ސިއްރުތައް އަމިއްލަ ފައިދާއަށްޓަކައި އެހެން ފަރާތްތަކަށް ހާމަކުރެވޭފަހަރު އާދެއެވެ. އަދި، މިގޮތުން އެހެން ފަރާތްތަކަށް ފޯރުކޮއްދެވޭ މަޢުލޫމާތުގެ ތެރޭގައި، އަމިއްލަ ފައިދާއަކަށްޓަކައި، ތިމާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށް، ޤައުމުގެ ދިފާޢާ ގުޅިފައިވާ އެންމެ ބޮޑެތި ސިއްރުތަކާއި އުކުޅުތައް ހާމަކޮށް، މުޅި ޤައުމު ނުރައްކަލުގެތެރެއަށް ހުށަހެޅޭފަދަ، ޓެރަރިޒަމާއި މިނޫންވެސް ބޮޑެތި ޖަރީމާތަކަށް މަގުފަހިވާގޮތް މެދުވެރިވެއެވެ. ހަމަ މިއާއެކު، ޤައުމުގެ ސަލާމަތް ރައްކާތެރިކުރުމުގައި ޤައުމުގެ ސަރަޙައްދީ ރޮނގު، ނުވަތަ ބޯޑަރު ބެލެހެއްޓުމުގައި އިހުމާލުވެ، އެކި ޤައުމުތަކުގެ މީހުން ކުށްކުރާ ހާއްޔަކަށް ޤައުމު ބަދަލުވެގެންދިއުމުގެ ފުރުޞަތު ބޮޑެވެ.

ފުލުހުންގެ ޤާނޫނުގައިވާގޮތުން، ފުލުހުންގެ މަސްއޫލިއްޔަތުގެތެރޭގައި، މުޖުތަމަޢުގެ އާންމުމަސްލަޙަތާއި އަމަންއާންމު ދެމެހެއްޓުމާއި، ފަރުދުންގެ ފުރާނައާއި މުދަލާއި ގޯތިގެދޮރު ރައްކާތެރިކޮށް ޙިމާޔަތްކުރުމުގައި އެހީތެރިވުމާއި، ޖިނާއީ ކުށުގެ ޢަމަލުތައް ހުއްޓުވައި އެޢަމަލުތަކާ ދެކޮޅަށް ޙަރަކާތްތެރިވުމާއި، ޖިނާއީ ކުށުގެ ޢަމަލުތައް ހޯދައި ދެނެގަނެ ތަޙްޤީޤުކުރުން ހިމެނެއެވެ.

ފުލުހުންގެ ތެރޭގައި ކޮރަޕްޝަނުގެ ވަބާ އަށަގަތުމުގެ ނަތީޖާއަކަށްވަނީ، ބޮޑެތި ކުށްވެރިން ހިންގާ ޖަރީމާތަކުގައި ފުލުހުން ބައިވެރިވުމާއި، އެފަދަ ކުށްތަކުގެ ހެކި ނައްތާލުންފަދަ ކަންކަމެވެ. މަސްތުވާތަކެއްޗާގުޅުންހުރި މައްސަލަ ތަކުގައި ކުޑަކަމުދާތަކެތީގެ ޓެސްޓުކުރުމާއި މަސްތުވާތަކެއްޗާ ގުޅުންހުރި އެހެނިހެން ޓެސްޓުތަކުގެ ތެދުވެރިކަމާއި މިނިވަންކަން ގެއްލުމެވެ. ފުލުހުންގެ ތެރޭގައި ބޮޑެތި ޖަރީމާތަށް ހިންގުމުގައި ބައިވެރިވާ ގޭންގުތަކާއި ގުޅުން އޮންނަ ފަރާތްތައް ތިބޭނަމަ، ނުވަތަ އެފަދަ ގޭންގުތަކުން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތައް ތިބޭނަމަ، ބޮޑެތި މާރާމާރީއާއި، މީހުންމެރުމާއި، ވައްކަމާއި މަސްތުވާތަކެތީގެ ވިޔަފާރިފަދަ ކުށްތައް ހުއްޓުވުމުގައި ފުލުހުންގެ ޤާބިލްކަމާއި މިނިވަންކަމާމެދު ސުވާލުއުފެދޭގޮތް މެދުވެރިވެއެވެ. މީގެ ނަތީޖާއަކަށްވަނީ، މުޖުތަމައުގެ އަމާންކަމާ ރައްކާތެރިކަން ނެތިގެން ދިއުމެވެ. ރައްޔިތުންގެ ކުރިމަތީގާ މުއައްސަސާގެ އިތުބާރު ގެއްލުމެވެ. މިގޮތުން، މަސްތުވާތަކެތި ވިއްކާ ފަރާތްތަކާއި ފުލުހުންނާ ނުވަތަ ފުލުހުންގެ ބަޔަކާ ގުޅުން އޮންނަ ކަމުގައި ވާނަމަ، މިފަދަ ޖަރީމާތައް ހުއްޓުވައި މުޖުތަމައު ރައްކާތެރިތަނަކަށް ވުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. ދުނިޔޭގެ ޤައުމުތަކަށް ބަލާއިރު، މެކްސިކޯއާއި އެމެރިކާއާ ދެމެދުގެ ސަރަހައްދީ ރޮނގުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވެގެން ދިއުމުގައި، ސަރަޙައްދުގައި ހަރަކާތްތެރިވާ ދެޤައުމުގެ ފުލުހުންގެ ވަރަށްބޮޑު ދައުރެއް ވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ދިވެހި ރައްޔިތުން ރާއްޖޭން ބޭރަށް ފުރުމާއި، އެނބުރި ރާއްޖެ އައުމާއި، ބިދޭސީން ރާއްޖެ އައުމާއި، އެމީހުން ރާއްޖެއިން ފުރުމާއި ފޮނުވާލުމާ ގުޅޭ މަސްއޫލިއްޔަތު ހަވާލުވެފައިވާ އިދާރާ، އިމިގްރޭޝަން އަކީވެސް ޤައުމީ ސަލާމަތާ ގުޅުންހުރި މުހިންމު އިދާރާއެކެވެ. މިގޮތުން، އިމިގްރޭޝަންގެ މަސައްކަތުގެ ތެރެއަށް ކޮރަޕްޝަނުގެ ވަބާ ވަދެއްޖެނަމަ، އެއީ ޤައުމީ ސަލާމަތަށް ބޮޑެތި ނުރައްކާ މެދުވެރި ކޮށްފާނެ ކަމެކެވެ. މިގޮތުން، ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަނެތި ރާއްޖެއަށް ބިދޭސީން އެތެރެވުމާއި، އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިންގ އަށް މަގުފަހިވެގެންދެއެވެ. ގަދަކަމުން މަސައްކަތްކުރުވުމާއި، ޖިންސީ އަޅުންގެ ގޮތުގައި މަސައްކަތްކުރާ މީހުންނާއި ކުޑަކުދިން ރާއްޖެ އެތެރެކުރުމާއި، ހަށިވިއްކުމުގެ ވިޔަފާރިފަދަ ކަންކަން މެދުވެރިވެރިވާނަމަ، އޭގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް، އަދި ބޭރު ދުނިޔޭގައި ރާއްޖޭގެ ތަސައްވަރަށް އޭގެ ނުބައި އަސަރުކުރެއެވެ.

ޤާނޫނާ ގަވާއިދާ ޚިލާފު ތަކެތި އެތެރެވުމާއި ބޭރުވުން ހުއްޓުވުމަށްޓަކައި، ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރާއި ރާއްޖެއިން ފުރާ އުޅަނދުފަހަރު ބަލައި ފާސްކުރުމާއި ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ މީހުން ބަލައި ފާސްކުރުން ފަދަ މުހިއްމު މަސްއޫލިއްޔަތުތައް ހަވާލުވެފައިވަނީ ކަސްޓަމްސްގެ މުއައްސަސާއާއިކަމުގައިވާއިރު، މި މުއައްސަސާއަށް ކޮރަޕްޝަނުގެ އަސަރު ފޯރައިފިނަމަ، ޤައުމީ ސަލާމަތް ބޮޑެތި ނުރައްކާތަކަށް ހުށަހެޅެއެވެ. މިގޮތުން، މަސްތުވާތަކެއްޗާއި ގޮވާތަކެތި އަދި ހަތިޔާރުފަދަ ރާއްޖެއެތެރެކުރުން މަނާތަކެތި އެތެރެކުރުމުގައި ކަސްޓަމްސް އޮފިސަރުންގެ އެހީތެރިކަން ހޯދައި، ބޮޑެތި ޖަރީމާއަށް މަގުފަހިވެއެވެ. ރާއްޖޭގެ މައިގޭޓަކީ ކަސްޓަމްސްކަމުގައިވާއިރު، ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަމާއި، މުޅި ޤައުމުގެ ރައްކާތެރިކަމުގައިވެސް ކަސްޓަމްސްގެ އޮފިސަރުންނަކީ ތެދުވެރި ކޮރަޕްޝަނުން އެއްކިބާވެފައިވާ ނަޒާޙަތްތެރި ބަޔަކަށްވުން ލާޒިމެވެ.

ޤައުމުގެ ސަލާމަތާއި ދިފާޢު އެންމެ ފުރިހަމަ ގޮތުގައި ބަލަހައްޓައި، ރައްޔިތުންނަށް އަމާން މުޖުތަމައެއް ޤާއިމް ކުރެވޭނީ، މި މުއައްސަސާތަކުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތެއްގައި އަދާކުރެވިގެންނެވެ. ފުލުސް އޮފިސަރުންނާއި ކަސްޓަމްސް އޮފިސަރުންނާއި އަދި އިމިގްރޭޝަން އޮފިސަރުން އަދި ސިފައިންނަކީ، ޤައުމަށް ތެދުވެރި، ރައްޔިތުންނަށް ވަފާތެރި، ކޮރަޕްޝަނުން އެއްކިބާވެފައިވާ ބަޔަކަށް ވެގެންނެވެ. ނޫނީ، ޤައުމުގެ ސަލާމަތާމެދު އެއްވެސް ޔަޤީންކަމެއް ނޯންނާނެއެވެ. މަތީގައި ބުނެވިދިޔަފަދަ ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިންގާނަމަ އެކަމެއް ހުއްޓުވުމަކީ އެ މުއައްސަސާގެ ޒިންމާއެކެވެ. މިފަދަކަމެއް ރައްޔިތުންނަށް އެނގޭނަމަ އެކަމާދެކޮޅަށް އަޑުއުފުލާ ކަށިގަނޑު ފުމެލުކަމީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެވެ. ދިވެހިން ދިވެހިންގެ ގޮތުގައި، މިނިވަންކަންމަތީ އަބަދަށް ދެމިތިބެވޭނީ އޭރުންނެވެ.


ކޮރަޕްޝަނުން އިތުބާރު ގެއްލުވާލައެވެ.

ޤައުމެއްގެ ސަރުކާރާއި ރައްޔިތުންނާ އޮންނަ ގުޅުމަކީ އިޖުތިމާޢީ ޢަޤުދެއް ނުވަތަ ސޯޝަލް ކޮންޓްރެކްޓެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. ވެރިކަމުގެ ޙައިސިއްޔަތު ބިނާވަނީ މި ގުޅުމުގެ މައްޗަށްކަމުގައިވާއިރު، މި ގުޅުމަކީ ދެމެހެއްޓެނިވި ގުޅުމަކަށް ހެދުމަށް އެންމެ މުހިންމު ބަހާއަކީ ރައްޔިތުންނާ ދައުލަތުގެ ދެމެދުގައި އޮންނަ އިތުބާރެވެ.
2014 ވަނަ އަހަރު ކުރެވުނު ‘ސިވިލް ސަރވިސް މުވައްޒަފުން ކޮރަޕްޝަނާމެދު ދެކޭގޮތުގެ ދިރާސާ’ ބުނާގޮތުން، ސާރވޭގެ ބައިވެރިންގެ 30 ޕަސެންޓާއި 45 ޕަސެންޓާ ދެމެދުގެ އަދަދެއް ޤަބޫލުކުރާގޮތުގައި ކޮރަޕްޝަނުގެ ޢަމަލުތަކުގައި ސިވިލްސާވިސްގެ ގިނަ މުވައްޒަފުން ބައިވެރިވެއެވެ. މިގޮތުން، ރިޝްވަތު ނުވަތަ ނުޙައްޤު ހަދިޔާ ހޯދާކަމަށް 37 ޕަސެންޓް، މަކަރާއި ހީލަތް އަދި ދައުލަތުގެ ފައިސާއަށް ޚިޔާނަތްތެރިވާކަމަށް 30 ޕަސެންޓް، ނާޖާއިޒު ފައިދާ ހޯދުމަށްޓަކައި ލިޔެކިއުމަށް ބަދަލުގެންނަ ކަމަށް 31 ޕަސެންޓް، ވަޒީފާ ދިނުމުގައި ވަކި ފަރާތްތަކަށް ޚާއްސަ އަހަންމިއްޔަތެއް ދޭކަމަށް 45 ޕަސެންޓް އަދި ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރާކަމަށް 35 ޕަސެންޓް ބައިވެރިން ޤަބޫލުކުރެއެވެ. މި ސާވޭގެ ނަތީޖާއަށް ބަލާއިރު، ރާއްޖޭގައި ކޮރަޕްޝަން މަތީ މިންވަރެއްގައި އޮތްކަމަށް ޤަބޫލުކުރެވޭނެ ޖާގަ އެބައޮތެވެ.

 

ހިންގުން-ގަވަރނަންސް އަދި ނިޒާމީ މައްސަލަތައް

ސަރުކާރެއް އަންނަނީ، ރައްޔިތުންނަށް ވަޢުދުތަކެއް ނުވަތަ ސިޔާސަތުތަކެއް ހުށަހަޅައި، އެ ސިޔާސަތުތައް ރައްޔިތުން ބަލައިގަތުމުންނެވެ. މިހެންކަމުން، ސަރުކާރުގެ އަމާޒަކަށް އަދި މަގްސަދަކަށް ވާންވާނީ، ރައްޔިތުންނަށް ހުށަހަޅާފައިވާ ވައުދުތައް ފުއްދައިދިނުމަށް މަސައްކަތްކުރުމެވެ. މިގޮތުން، އެ ވަޢުދުތަށް ހަޤީޤަތަކަށް ހެދުމަށްޓަކައި، އެ ސިޔާސަތުތަކުގެ ތަފްސީލް ޕްރޮގްރާމްތަކަކާއި އަމާޒުތަކެއް ކަނޑައަޅައި، އެ އަމާޒުތަކަށް ހާސިލްވުމަށް ބަޖެޓާއި އުސޫލުތަކެއް ކަނޑައަޅަންޖެހެއެވެ.
އެފަދަ އުސޫލުތަކެއް ކަނޑައެޅުމުގެ ބޭނުމަކީ، ހަރުދަނާ ގޮތެއްގައި، އެންމެނަށް އެނގެން އޮންނާނެފަދަ މިންގަނޑުތަކެއްގެ މައްޗަށް ސިޔާސަތުތައް ބިނާކޮށް، ވަކި ފަރާތެއްގެ ނުފޫޒުން އެ ސިޔާސަތުތަށް އެއްކިބާކޮށް، އިތުބާރު ޤާއިމްކުރުމެވެ. މިފަދަ ސިޔާސަތުތަކެއް އަދި އުސޫލުތަކެއް ނެތިއްޖެނަމަ، ހަމަހަމަކަން ގެއްލޭ ގޮތް މެދުވެރިވެއެވެ. އަދި، ޚިދުމަތް ދިނުމުގައި އިސްކަންދިނުމުގައި އުސޫލެއް ނެތުމުން، ވަކި ފަރާތްތަކެއްގެ ނާޖާއިޒު ފައިދާއަށް އަދި ކޮރަޕްޝަނަށް މަގުފަހިވެއެވެ.
އުސޫލެއްނެތި މިފަދަ ސިޔާސަތުތައް ތަންފީޒުކޮށް، މަޝްރޫޢުތައް ހިންގުމުގައި ވަކި އަމާޒެއްނެތި، އެކި ފަހަރު އެކިގޮތަށް ކަންތައްކުރެވި، ބޮޑެތި ބަދަލުތައް ގެންނަންޖެހޭގޮތް މެދުވެރިވެއެވެ. މީގެ ސަބަބުން ޚަރަދުބޮޑުވެ، ބޭކާރު ޚަރަދު ހިނގާގޮތް މެދުވެރިވެއެވެ.

 

ލިޔެވިފައިވާ އުސޫލުތަކެއް ނެތުމުން ދިމާވާ މައްސަލަ

ސަރުކާރުން ހިންގާ ކޮންމެ މަޝްރޫޢެއްގައި ވިޔަސް، އަދި އިދާރީ ހިންގުމުގައިވެސް، އެންމެ މުހިންމު ކަމަކީ، އަދި މިޒަމާނުގެ ހިންގުމުގެ ތަޖުރިބާކާރުން ލަފާދޭ ގޮތަކީ، ލިޔެވިފައިވާ އުސޫލުތަކެއް ނުވަތަ އިޖުރާއަތުތަކެއް ބެހެއްޓުމެވެ. މިގޮތުން ކޮންމެ ކަމަކަށްވެސް ސްޓޭންޑަރޓް އޮޕަރޭޓިންގ ޕްރޮސީޖަރސް (އެސް.އޯ.ޕީ) އެކުލަވާމުން، މަސައްކަތުގެ ފެންވަރު ރަނގަޅުވެ، ވަކި ފަރާތެއްގެ ނުފޫޒުން އެއްކިބާވުމުގެ ފުރުސަތު ބޮޑުވެ، ކޮރަޕްޝަނަށް އޮންނަ ފުރުސަތު ކުޑަވެގެން ދެއެވެ.
ލިޔެވިފައިވާ އެސް.އޯ.ޕީއެއް ނެތްނަމަ، އެއިރަކު ވެރިޔަކު ބުނާގޮތަކަށް އިދާރީ މުވައްޒަފުން ކަންތައްކުރާގޮތް މެދުވެރިވެއެވެ. އަދި ބައެއް ޙާލަތްތަކުގައި އިދާރީ މުވައްޒަފުގެ އަމިއްލަ ވިސްނުމަށް އަމަލުކުރަން ފުރުސަތުލިބުމުން، އެއް ބާވަތެއްގެ ކަންކަމުގައި އެކި ގޮތަށް ނިންމުންތައް ނިންމޭގޮތް މެދުވެރިވެއެވެ. ހަމަ މިއާއެކު، ލިޔެވިފައިވާ އެސް.އޯ.ޕީއެއް ނެތުމުން، ކަންކަމުގައި ޢަމަލުކުރާނެ ގޮތަކާމެދު ގޮތް ނުނިންމިގެން، ރައްޔިތުންނަށް ފޯރުކޮއްދޭންޖެހޭ ޚިދުމަތްތައް ނުދެވި ދިގުލައިގެން ދާގޮތް މެދުވެރިވެއެވެ. އަދި، ކަނޑައެޅިފައިވާ އުސޫލެއްނެތި، އަދި ލިޔެވިފައިވާ އެސް.އޯ.ޕީއެއް ނެތުމުން، ވަކިވަކި ފަރާތްތަކަށް އަދި ގާތްތިމާގެ މީހުންނަށް ނުވަތަ ރައްޓެހިންނަށް އިސްކަންދެވޭގޮތް ކުރިމަތިވެއެވެ.
ތަކެއްޗާއި ޚިދުމަތް ހޯދާ ލިބިގަތުމާއި ޚިދުމަތް ފޯރުކޮއްދިނުމުގައި އިންސާފުގެ މުހިންމުކަން
ސަރުކާރު ހިންގަނީ ރައްޔިތުންގެ ފައިސާއިންކަމުގައިވާއިރު، ސަރުކާރަށް ވީހާވެސް ޚަރަދުކުޑަވާނެގޮތަށް ތަކެތި ގަތުމާއި ޚިދުމަތް ހޯދުމާއި، ދެފުށްފެންނަ ނިޒާމަކުން ޕްރޮކިޔޮރމަންޓްގެ މަސައްކަތްތައް ގެންދިޔުމަކީ އިތުބާރު ހިފެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ހަމަ މިފަދައިން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮއްދޭ ޚިދުމަތުގައިވެސް އިންސާފުވެރިކަން އޮންނަންޖެހެއެވެ. މިސާލަކަށް، ގެދޮރު ނެތް ފަރާތްތަކުގެ ބަދަލުގައި ގެދޮރު ހުންނަ ފަރާތްތަކަށް ފްލެޓް ލިބޭގޮތް މެދުވެރިވާނަމަ، ޚިދުމަތާމެދު އަދި ސިޔާސަތާމެދު އިތުބާރު ގެއްލޭގޮތް މެދުވެރިއެވެ.
ޞިއްޙީ ދާއިރާއަށް ބަލާލާއިރު، ސްޕެޝަލިސްޓުންނަށް ދެއްކުމާއި ސިއްހީ ޚިދުމަތްތައް ހޯދުމުގައި އެޕޮއިންޓްމަންޓް ހެއްދުމުގައި ހިނގާ ކަމަށް ކުރިން ބުނާ ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން، ޞިއްޙީ ޚިދުމަތާމެދު .ރައްޔިތުންގެ އިތުބާރު ގެއްލެން މެދުވެރިވެއެވެ

 

ވަޒީފާއާ ގުޅޭގޮތުން ހިނގާ ނޭދެވޭ ކަންކަން

ސަރުކާރުން ސިޔާސީ މަޤާމުތަކަށް ޢައްޔަންކުރާ ފަރާތްތަކަކީ، ސަރުކާރާ ރައްޔިތުންނާ ގުޅުވައިދޭ ފާލަމެއްކަމުގައިވާއިރު، އެ ފަރާތްތަކަކީ، ރައްޔިތުންގެ އިތުބާރު އޮތް ފަރާތްތަކަކަށް ވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިގޮތުން، ކޮރަޕްޝަނުގެ ދައުވާ އުފުލިފައިވާ، އަދި ބޮޑެތި ކުށް ސާބިތުވެފައިވާ ފަރާތްތަށް މަޤާމުތަކަށް ޢައްޔަންކުރުމުން ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ގެއްލިގެން ދިއުމަށް މެދުވެރިވެއެވެ. ‘ސިވިލް ސަރވިސް މުވައްޒަފުން ކޮރަޕްޝަނާމެދު ދެކޭގޮތުގެ ދިރާސާ’ ގެ ބައިވެރިންގެ 42 ޕަސެންޓް ސިޔާސީ މަޤާމުތަކުގައި ކޮރަޕްޝަން އޮތްކަމަށް ޤަބޫލުކުރާއިރު، 31 ޕަސެންޓް ބައިވެރިން ޤަބޫލުކުރާގޮތުގައި މިނިވަން މުއައްސަސާތަކުގެ ވެރިންގެ ތެރޭގައި ކޮރަޕްޝަން އެބަ އޮތެވެ. ސިވިލް ސާވިސްގެ އިސް ވެރިންގެ ފެންވަރުގައި ކޮރަޕްޝަން އޮތްކަމަށް ބައިވެރިންގެ 20 ޕަސެންޓް ޤަބޫލުކުރެއެވެ.

 

ޖަވާބުދާރީކުރުން/ސިއްރު ނުހިފެހެއްޓުން

ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ހިފަހައްޓަންޖެހޭ ސިއްރު މަޢުލޫމާތު ނުހިފެހެއްޓި، އެ މަޢުލޫމާތަކީ، މީޑިއާއާއި، ޢާންމުންގެ ތެރެއަށް ލީކުވެގެންދާ މަޢުލޫމާތަކަށް ވެއްޖެނަމަ، ނިޒާމާއިމެދު ޢާންމުންގެ އިތުބާރު ގެއްލިގެން ދިއުމަށް މެދުވެރިވެއެވެ. މިގޮތުން، ބޮޑެތި ކުށްވެރިންނާއިގުޅޭގޮތުން ހެކިބަސްދޭ ފަރާތުގެ ރައްކާތެރިކަމަށްޓަކައި އެ ފަރާތުގެ މަޢުލޫމާތަކީ ބައެއް ޙާލަތްތަކުގައި ސިއްރު މަޢުލޫމާތުގެ ގޮތުގައި ހިފަހައްޓަންޖެހޭ އެއްޗެއްކަމުގައިވިޔަސް، މުއައްސަސާތަކުގެ ތެރެއިން އެ މަޢުލޫމާތު މީޑިއާގައާއި ސޯޝަލް މީޑިއާގައި ދައުރުވުމަކީ އާންމުކަމެކެވެ. މިހެން ދިމާވުމުން، މިފަދަ ބޮޑެތި ކުށްވެރިންނާ ދެކޮޅަށް ހެކި ދިނުމަށް ޢާންމުން ޖެހިލުންވެ، އަމަންއަމާންކަން ޤާއިމްކުރުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލެއެވެ.

 

ރައްޔިތުންގެ އިތުބާރު ހޯދުމަށް މުއައްސަސާތަކުގެ ދައުރު

ދައުލަތުގެ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ، ސިއްރިޔާތުގައި ކަންކަން ނިންމުމާއި، ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާގޮތަށް، އަދި ވަކި ފަރާތެއްގެ ނުވަތަ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް މަސައްކަތްކުރުމެވެ.
މިކަމަށް ޙައްލު ހޯދުމަށްޓަކައި އެންމެ މުހިންމު ކަމަކީ، މުއައްސަސާތަކުގެ ޓްރާންސްޕޭރެންސީ ވަރުގަދަކުރުމެވެ. މިގޮތުން، މައުލޫމާތު ފޯރުކޮއްދިނުމުގެ ނިޒާމު ހަރުދަނާކޮށް، ފަސޭހައިން މައުލޫމާތު ލިބޭނެ ގޮތްތަށް މަގުފަހިކުރުން މުހިންމެވެ. ހަމަ މިއާއެކު، އެކި މުއައްސަސާތަކުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އާންމުން ހޭލުންތެރިކުރުމުން، އުސޫލުން ބޭރުން ކަންކަން ކުރުމަށް ހުރަސްއެޅެއެވެ.
‘ސިވިލް ސަރވިސް މުވައްޒަފުން ކޮރަޕްޝަނާމެދު ދެކޭގޮތުގެ ދިރާސާ’ ގެ ބައިވެރިންގެ 46 ޕަސެންޓް ޤަބޫލުކުރާގޮތުގައި، ސަރުކާރު ހިންގުމަށް ކުރެވޭ މަސައްކަތުގައި ޖަވާބުދާރީކުރުމާއި ދެފުށްފެންނަގޮތަށް ޢަމަލުކުރާ މިންވަރު ހުރީ މެދުމިންވަރަކަށެވެ. އަދި ސަރުކާރު ނޫން އެހެން މުއައްސަސާތަކުގައި ޖަވާބުދާރީވުމާއި ދެފުށްފެންނަގޮތަށް ޢަމަލުކުރާ މިންވަރު ހުރީ ވަރަށްދަށުގައިކަމަށް ފާހަގަކުރެއެވެ. ސާރވޭގެ 55 ޕަސެންޓް ބައިވެރިން ދެކޭގޮތުގައި ކޮރަޕްޝަން ނައްތާލުމުގައި ސިޔާސީގޮތުން އެއްބާރުލުމުގައި ޖަވާބުދާރީވުމާއި ދެފުށްފެންނަގޮތަށް ޢަމަލުކުރާ މިންވަރު ހުރީ ވަރަށް ދަށުގައެވެ.
ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި، ޖަވާބުދާރީކުރުމުގެ ނިޒާމު ހަރުދަނާކުރަންޖެހެއެވެ. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސަރުކާރު ޖަވާބުދާރީކުރުމުގެ ޒިންމާ އަދާކުރަންޖެހެއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޒިންމާދާރުކުރުވުމާއި ގުޅިފައިވާ ކޮމެޓީތަކުން އެ ފަރާތްތަކުގެ ޒިންމާ އަދާކުރަންޖެހެއެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ނޭޝަނަލް އިންޓެގްރިޓީ ސިސްޓަމް އެސެސްމަންޓް 2014 ބުނާގޮތުން، ދައުލަތުގެ ޒިންމާދާރުކުރުވުމުގެ ބާރުތައްކަމުގައިވާ، ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަމާއި، ޖަވާބުދާރީކުރުމުގެ ޤާބިލްކަމާމެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވެއެވެ. ހަމަ މިއާއެކު، ޢަދުލު އިންސާފުގެ ބާރާއި، ޖަވާބުދާރީ ކުރުމުގެ އެހެން އިދާރާތައް ސިޔާސީވެފައިވާ މިންވަރުން، ސަރުކާރު ޖަވާބުދާރީކޮށް ކޮރަޕްޝަން ނައްތާލުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވެއެވެ.
ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށްޓައި އެންމެ މުހިންމު ކަންތައްތަކުގެ ގޮތުގައި ‘ސިވިލް ސަރވިސް މުވައްޒަފުން ކޮރަޕްޝަނާމެދު ދެކޭގޮތުގެ ދިރާސާ’ގެ ބައިވެރިން ފާހަގަކޮއްފައިވާ ކަންކަމުގެ ތެރޭގައި އިންޓާނަލް އޮޑިޓިން ހަރުދަނާކުރުން، މޮނިޓަރިންގ އަދި އެންފޯސްމަންޓް މެކޭނިޒަމް ހަރުދަނާކުރުން، މައުލޫމާތު ފެތުރުން ހަރުދަނާކުރުން އަދި ކޮރަޕްޝަނާމެދު ދުރާލާ ރައްކާތެރިވުން ފާހަގަކޮއްފައިވެއެވެ.
ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމުގައި އެންމެ މުހިންމުކަމަކީ، ސިޔާސަތުތަކާއި، ސްޓޭންޑަރޑްތައް އަދި އެސްއޯޕީތައް ތައްޔާރުކޮށް، އާންމުކުރުމެވެ. އަދި، ސަރުކާރުގެ ބިއުރޯކްރަސީ ކުޑަކޮށް، ޚިދުމަތް އަވަސްކުރުމުގެ ގޮތުން، ޚިދުމަތްދިނުމުގެ ފަށަލަތަށް މަދުކޮށް، އެކި ޙާލަތްތަކުގައި ކަން ކުރަންވީގޮތް ޢާންމުކޮށް އެނގެން ހުންނާނެހެން ހުރުމެވެ. ‘ސިވިލް ސަރވިސް މުވައްޒަފުން ކޮރަޕްޝަނާމެދު ދެކޭގޮތުގެ ދިރާސާ’ އާއި ނޭޝަނަލް އިންޓެގްރިޓީ ސިސްޓަމް އެސެސްމަންޓް ބުނާގޮތުން، ސަރުކާރުގެ އިދާރާތަކުގައި ކޮރަޕްޝަނަށް މަގުފަހިވުމުގެ އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އިޖުރާތުތަކާއި އުސޫލުތައް ނެތުމެވެ


ކޮރަޕްޝަނުން ޞިއްޙީ ޚިދުމަތަށް ކުރާ އަސަރު

ޞިއްޙީ ޚިދުމަތަކީ، ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ އެއް ޚިދުމަތެވެ. މިއީ ދިރިހުރުމާއި މަރާ ގުޅިފައިވާ މުހިއްމު ޚިދުމަތެއްކަމުގައިވާއިރު، ދައުލަތުގެ އެންމެ ބޮޑު ބަޖެޓެއް ހޭދަކުރެވޭ، އަދި އެންމެ ގިނަ މުވައްޒަފުން ޙަރަކާތްތެރިވާ އެއް ދާއިރާއެވެ. ޤައުމެއްގެ ރައްޔިތުންގެ ދުޅަހެޔޮކަން ބިނާވެފައިވަނީ ފުރިހަމަ ޞިއްޙީ ޚިދުމަތެއް ފޯރުކޮއްދިނުމުގެ މައްޗައްކަމުގައިވާއިރު، އެކަށީގެންވާ ޞިއްޙީ ޚިދުމަތެއް ފޯރުކޮއްނުދެވޭނަމަ، އެއީ މުޅި ޤައުމުގެ މުސްތަޤުބަލަށް އޭގެ ނޭދެވޭ އަސަރު ފޯރުވާނެ ކަމެކެވެ.
ފުރިހަމަ ޞިއްޙީ ޚިދުމަތެއް ފޯރުކޮއްދެވޭނީ، ޞިއްޙީ ޚިދުމަތުގެ ނިޒާމަކީ، އަދި އެނިޒާމުގައި ޙަރަކާތްތެރިވާ ފަރާތްތަކަކީ، ތެދުވެރި، އިޚްލާސްތެރި، މަސައްކަތަށް ކަމޭހިތާ، ކޮރަޕްޝަނުން އެއްކިބާވެފައިވާ ބަޔަކަށް ވެގެންނެވެ. ޞިއްޙީ ދާއިރާއަކީ، ކޮރަޕްޝަނަށް ގިނަ ދޮރުތަކެއް ހުޅުވިފައިވާ، އަދި ކޮރަޕްޝަނުގެ ނާޖާއިޒު ފައިދާއަށް އިންތިހާއަށް ފުރުޞަތު ބޮޑު ދާއިރާއެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ. މިގޮތުން، ޞިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލް، ޞިއްޙީ މަރުކަޒު ޢިމާރާތްކުރުމާއި، މަރާމާތާއި، އެކި އިކުއިޕްމަންޓާއި ބޭހާއި ދުވަހުން ދުވަހަށް ހޯދާ ކޮންސިއުމަބަލްސް ގަތުމުން ފެށިގެން، މުވައްޒަފުން ހޯދުމާއި، ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމާއި މިފަދަ ގިނަ ކަންކަމެއްގައި ކޮރަޕްޝަނަށް ދޮރު ހުޅުވިފައިވާ ދާއިރާއެއް ކަމަށް ބެލުމުގެ ޖާގަ ކުރިން އޮވެއެވެ. ދައުލަތުގެ ޚަރަދުން ބިލިއަނުން ޚަރަދުކުރެވޭ މި ދާއިރާއަކީ، ފައިސާގެ ބޮޑެތި ޢަދަދުތަކާއި ގުޅިފައިވާ ދާއިރާއެކެވެ. މިއިން ކޮންމެ ދާއިރާއަކީ ކޮރަޕްޝަނަށް ދޮރު ހުޅުވިފައިވާ ދާއިރާތަކެއް ކަމަށް ބެލުމުގެ ފުރުސަތު ލިބި އެއިން ކޮންމެ ދޮރަކީ، ދައުލަތުގެ މާލިއްޔާއިން ލީކުވާ ލޯވަޅުތަކަކަށް ވެއްޖެނަމަ، އެއިން މުޅި ޤައުމަށް އަންދާޒާ ނުކުރެވޭހާ ބޮޑު ގެއްލުމެއް ލިބިގެންދާނެއެވެ. ހަމަ މިއާއެކު، ކޮރަޕްޝަނުގެ ކޮންމެ ދޮރަކީ، ޚިދުމަތުގެ ފެންވަރު ދަށްވުމަށް މެދުވެރިވާ ސަބަބެކެވެ.
ޞިއްޙީ ދާއިރާއަށް ބޭނުންވާ ތަކެތި ގަތުމުގައި ހިމެނޭ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅޭގޮތުން، އޮޑިޓަރ ޖެނެރަލް ކުރިން ނެރުއްވާފައިވާ ރިޕޯޓެއްގައިވާގޮތުން، މުދާ ފޯރުކޮއްދިނުމާ ނުލައި އެއް ކުންފުންޏަކަށް 11.8 މިލިއަން ދޫކުރެވިފައިވެއެވެ. މިގޮތުން އެ ކުންފުންޏަކީ އެކަމަށް އެކަށީގެންވާ ކުންފުންޏެއް ނޫންކަމާއި، ކުންފުނި ހޮވުމުގައި ހާމަކަންބޮޑު އުސޫލަކުން އަމަލުކޮއްފައި ނުވާކަންވެސް އޮޑިޓަރޖެނެރަލް ފާހަގަކުރައްވާފައިވެއެވެ. ހަމަ މިއާއެކު، މެޑިކަލް ކޮންސިއުމަބްލްސް ގަތުމުގައި، ބޭނުންވާ ވަރަށްވުރެ އިތުރަށް ތަކެތި ގަތުމުގެ ސަބަބުން، މުއްދަތު ހަމަވުމާއި، އެތަކެތި ނައްތާލަންޖެހޭކަންވެސް ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ހޮސްޕިޓަލުގައި ބޭނުންކުރުމަށް 1.5 މިލިއަން ޚަރަދުކޮށްގެން ގަތް 2 މެޝިނެއްގެ މުޢާމަލާތު ހިންގާފައިވަނީ ބީލަންކުރުމުގެ އުޞޫލާ ޚިލާފަށްކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި ޞިއްޙީ ދާއިރާގެ ފައިސާ ބެލެހެއްޓުމާއި، ހިސާބާއި ލިޔެކިޔުން ބެލެހެއްޓުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެފައިވާކަން ފާހަގަކުރައްވާފައިވެއެވެ.
ޞިއްޙީ ދާއިރާގެ ބޭނުމަށް އިމާރާތް، ގުދަން ކުއްޔައްހިފުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ދައުލަތަށް މާލީ ގެއްލުން ލިބޭ ކަމަށާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ ބެލެހެއްޓުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއްކަމުގައިވެސް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވެއެވެ.
ފަންނީ މުވައްޒަފުންގެ ފަރުވާކުޑަވުން
ޞިއްޙީ ޚިދުމަތަކީ ދިރިހުރުމާއި މަރާ ގުޅިފައިވާ ޚިދުމަތަކަށްވާއިރު، މި ދާއިރާގައި ޙަރަކާތްތެރިވާ ކޮންމެ ފަރާތަކީވެސް، މަސައްކަތަށް ފަރުވާތެރި، ކަމަށް ކަމޭހިތާ، އިންސާނީ އަގު ވަޒަންކުރާ ބަޔަކަށް ވާންޖެހެއެވެ. ލިބޭ މާއްދީ ފައިދާއަށްވުރެބޮޑަށް، އިންސާނީ ޚިދުމަތެއްގެ ގޮތުގައި ޚިދުމަތް ފޯރުކޮއްދިނުމަށް ސަމާލުވާންޖެހެއެވެ. ތިމާއަށް ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާގެ އަލީގައި، ފަރުވާތެރިކަމާއެކު ޚިދުމަތްކުރަންޖެހެއެވެ. އެހެންނަމަވެސް، ޞިއްޙީ ދާއިރާގައި ލިބޭ އާމްދަނީ ކުޑަވުމާއި، މަސައްކަތް ބުރަވުންފަދަ، އެކަށީގެންވާ ތަމްރީން ނެތުން އަދި މިނޫންވެސް ސަބަބުތަކާހެދި، މުއައްޒަފުން މަސައްކަތަށް ފަރުވާކުޑަކުރުމަށް މެދުވެރިވެއެވެ. މިއީ މިދާއިރާގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކުން ވެސް އެކަމާމެދު ވިސްނައި އެކަށީގެންވާ ފިޔަވަޅު އަޅައި ޙައްލުކުރަންޖެހޭ މައްސަލައެކެވެ. ޚާއްސަކޮށް، ޑޮކްޓަރުންނާއި ނަރުހުން، އަދި ލެބޯޓަރީ ޓެކްނީޝަނުންފަދަ ފަންނީ މުވައްޒަފުންގެ ފަރުވާ ކުޑަވެގެން ހިނގާ ޙާދިސާތަކުން، ޚިޔާލަށް ނުގެނެވޭފަދަ، އަދި އިޢާދަނުކުރެވޭފަދަ ބޮޑެތި ގެއްލުން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
ޞިއްޙީ ޚިދުމަތާގުޅޭގޮތުން އުފުލޭ އެންމެ ބޮޑު އެއްޝަކުވާއަކީ، ބައެއް ފަހަރު ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ވެރިންގެ ގޮތުގައި ދާއިރާގެ ފަންނީ ތަޖުރިބާކާރުން ޢައްޔަންކުރުމުގެ ބަދަލުގައި، ސިޔާސީ ފަރާތްތައް ޢައްޔަންކުރެވޭކަމެވެ. މިގޮތުން، ޢައްޔަންކުރެވޭ ފަރާތްތަކަކީ، ޞިއްޙީދާއިރާގެ ތަޖުރިބާއެއްނެތް އަދި، ހިންގުމުގެ ފަންނު ނެތް ފަރާތްތަކަށް ވެއްޖެނަމަ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ހިޔަނިއެޅިގެންދާނެއެވެ. އަދި ޞިއްޙީދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ އަޚްލާގަށް އަސަރުކުރާނެއެވެ.

މުވައްޒަފުންގެ ފެންވަރު ދަށްވުން
ޞިއްޙީ ޚިދުމަތުގެ ފެންވަރު ބިނާވަނީ، މުވައްޒަފުންނަށް ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި ހުނަރު އަދި ޤާބިލްކަމުގެ މައްޗަށެވެ. މިގޮތުން ޤާބިލް މުވައްޒަފުން ހޯދައި، އެމުވައްޒަފުންގެ ޤާބިލްކަން އިތުރުކޮށް، އެ މުވައްޒަފުންނަކީ ހިތްހަމަޖެހިގެން، ހެޔޮނިޔަތާއެކު މަސައްކަތްކުރާ ބަޔަކަށް ހަދަންޖެހެއެވެ. މުވައްޒަފުން ހޯދުމުގައާއި، ވަޒީފާގެ ކުރިއެރުމާއި ތަމްރީނުގެ ފުރުޞަތުތައް ފޯރުކޮށްދިނުމުގައި އިންސާފުވެރި، ދެފުށްފެންނަ އަދި ކޮރަޕްޝަނުން އެއްކިބާވެފައިވާ އުޞޫލުތަކެއް ގެންގުޅެންޖެހެއެވެ. މުވައްޒަފުންނާ ގުޅޭ ކަންކަމުގައި ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުމަށް މަގުފަހިވެފައިވާނަމަ، ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ޤާބިލްކަމާއި، ފެންވަރާމެދު ސުވާލު އުފެދެއެވެ. އަދި އެ ފަރާތްތަކުން ދޭ ޚިދުމަތާމެދު ސުވާލު އުފެދެއެވެ. ފުރިހަމަ ޞިއްޙީ ޚިދުމަތަކަށް ހުރަސްއެޅެއެވެ. ޢާންމު ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ރާއްޖޭގައި މަސައްކަތްކުރާ ބައެއް ޑޮކްޓަރުންގެ ތެރޭގައި، ގޫގްލް ސާޗް ކޮއްގެން ބޭސް ސިޓީލިޔާ ޑޮކްޓަރުން އެބަތިއްބެވެ. ޑޮކްޓަރުންގެ ފެންވަރާމެދު ސުވާލު އުފެދިފައިވާއިރު، ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވެފައިވާގޮތަށް ނިޒާމުތައް ބައްޓަންކުރެވިފައިވާއިރު، ބޭރުން ޑޮކްޓަރުން ގެނައުމުގައި ޙަރަކާތްތެރިވާ އެޖެންޓުންނާއި، ސަރުކާރުގެ ބައެއް ވެރިންނާމެދު ކޮރަޕްޝަނުގެ ތުހުމަތު ކުރެވެއެވެ. މިގޮތުން، ޑޮކްޓަރުން ރާއްޖެ ގެނައުމުގެ ކުރިން އެމީހުންގެ ފެންވަރު އެކަށީގެންވާ ގޮތެއްގައި ވަޒަން ނުކުރެވޭކަމާއި، ރާއްޖެ އައުމަށްފަހު ވެސް، އަދި ރާއްޖޭގައި ކިތަންމެ ގިނަ ދުވަހަކު މަސައްކަތްކުރިކަމުގައިވިޔަސް، އެފަރާތްތަކުގެ ފެންވަރު ބެލޭނެ ނިޒާމެއް ގާއިމްވެފައިނުވާކަން ފާހަގަކުރެވެއެވެ.
ހަމަ މިއާއެކު، ރާއްޖެ އެތެރެކުރާ ބޭހުގެ ފެންވަރު ގަވާއިދުން ބަލައި މޮނިޓަރ ކުރެވެންޖެހެއެވެ. ރާއްޖެއަށް އެތެރެކުރާ ބޭހުގެ ފެންވަރާމެދު ސުވާލު އުފެދެމުންދާއިރު، މިހާރު ފިހާރަތަކުގައި ވިއްކަންހުންނަ ޕެނަޑޯލް ގުޅައަކުން ބޮލުގެ ރިހުން ނުކެނޑޭ ކަމުގެ ޝަކުވާ އިތުރުވެފައިވެއެވެ. މިފަދަ ޝަކުވާ އެހެން ބޭސްތަކާމެދުވެސް އިތުރުވަމުންދާއިރު، ބޭހުގެ ފެންވަރު ބަލާނެ ނިޒާމަކަށް ކޮންމެހެން ބޭނުންވެފައިވެއެވެ.

އެޕޮއިންޓްމަންޓް ހޯދަން ދަތިވުން
ޞިއްޙީ ދާއިރާއާ ގުޅޭގޮތުން ޢާންމުންގެ ޝަކުވާ އެންމެ ބޮޑު އެއް މައްސަލައަކީ، ޑޮކްޓަރުންގެ އެޕޮއިންޓްމަންޓް ހޯދުމުގައި، ޚާއްސަކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ އެޕޮއިންޓްމަންޓް ހޯދުމުގައި ދިމާވާ ދަތިތަކެވެ. މިގޮތުން، ހޮސްޕިޓަލުގައި މަސައްކަތްކުރާ ރައްޓެހިން މެދުވެރިކޮށް އެޕޮއިންޓްމަންޓް ހޯދުން ކުރިން ޢާންމުވެފައިވުމުގެ ސަބަބުން، އެފަދަ މަގުތައް ބޭނުންނުކުރާ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި އުނދަގުލާއި ކުރިމަތިލާންޖެހެއެވެ. އެޕޮއިންޓްމަންޓް ހެއްދުމާއި، ހޮސްޕިޓަލްގެ ޕްރައިވެޓް ރޫމް ދޫކުރުން ފަދަ ކަންކަމުގައިވެސް، ދެފުށް ފެންނަ، ކޮރަޕްޝަނާދުރު ގޮތްތައް ޚިޔާރުކުރަންޖެހެއެވެ. މުވައްޒަފުން މެދުވެރިކޮށް، ނާޖާއިޒު ފައިދާ ނުހޯދޭނެ ގޮތަކަށް ނިޒާމްތައް ރާވަންޖެހެއެވެ.

މެއިންޓަނަންސްގެ މައްސަލަ
ޞިއްޙީ ދާއިރާގައި ބޭނުންކުރެވޭ އިކުއިޕްމަންޓް ފަދަ ތަކެއްޗަކީ ގަވާއިދުން މެއިންޓެއިންކޮށް ބަލަހައްޓަންޖެހޭ ތަކެއްޗެވެ. ހަމަ މިއާއެކު، ޞިއްޙީ ޚިދުމަތާ ގުޅިފައިވާ ކޮންމެ ތަނަކީ އަބަދުވެސް ސާފުތާހިރުކަންމަތީ ހުންނަންޖެހޭ ތަންތަނެވެ. މިގޮތުން، މެއިންޓެއިންކުރުމާއި، ސާފުތާހިރުކުރުމުގެ ޚިދުމަތަކީ ބައެއް ޙާލަތްތަކުގައި ބޭރުގެ ފަރާތްތަކަށް އައުޓްސޯސްކޮއްގެން ފޯރުކޮއްދޭ ޚިދުމަތަށްވާއިރު، އެގޮތުން ޢައްޔަންކުރެވޭ ކޮންޓްރެކްޓަރުން ޢައްޔަންކުރުމުގައިވެސް ކޮރަޕްޝަނުގެ އަމަލުތައް ހިނގާނަމަ، ނޫނީ އެފަރާތްތަކުގެ މަސައްކަތް އެކަށީގެންވާގޮތެއްގައި މޮނިޓަރ ނުކުރެވޭނަމަ، ޞިއްޙީ ޚިދުމަތުގައި ބޭނުންކުރެވޭ އިކުއިޕްމަންޓް ހަލާކުވުމާއި، ހޮސްޕިޓަލްފަދަ ތަންތަނުގެ ސާފުތާހިރުކަން ގެއްލުމަށް މެދުވެރިވެއެވެ.
ފުރިހަމަ ޞިއްޙަތަކީ ހާސް ނިޢުމަތްކަމުގައި ބުނެވޭއިރު، މި ހާސް ނިޢުމަތް ބިނާވެގެންވަނީ، ޞިއްޙީ ދާއިރާ ކޮރަޕްޝަނުން އެއްކިބާވެފައިވުމުގެ މައްޗަށެވެ. މުވައްޒަފުން ހޯދުމުން ފެށިގެން އެޕޮއިންޓްމަންޓް ދިނުމާއި، ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގައިވެސް ދެފުށްފެންނަ ނިޒާމްތަކެއް ޤާއިމްކުރެވިގެންނެވެ. ނޫނީ، އެ ހާސް ނިޢުމަތުން އެތައް ހާސް ރައްޔިތުންނެއް މަޙުރޫމްވެގެން ހިނގައިދާނެއެވެ.