އެންއައިޕީ ތަންފީޒު ކުރުމާ ބެހޭގޮތުން އެލްޖީއޭއާ މަޝްވަރާ ކޮށްފި

pic12

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ބައްދަލުކޮށްފިއެވެ. 9 ފެބުރުވަރީ 2017 ވަނަ ދުވަހު އޭސީސީގައި ބޭއްވުނު މި ބައްދަލުވުމަކީ އޭސީސީން އިސްނަގައިގެން ދައުލަތުގެ އިދާރާތަކާ ގުޅިގެން ޤައުމީ ފެންވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށްޓަކައި އެކުލަވާލާފައިވާ، ނޭޝަނަލް އިންޓެގްރިޓީ ޕްލޭން (އެންއައިޕީ) އަތޮޅުތަކުގައި ތަންފީޒު ކުރުމުގެ ގޮތުން ހަރަކާތްތައް ރާވާނެ ގޮތަކާބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.  މިބައްދަލުވުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިސް ބައެއް ފަރާތްތަކާއި އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި އެންއައިޕީގެ ދަށުން 2017 ވަނަ އަހަރު ހިންގުމަށް ނިންމާފައިވާ ޙަރަކާތްތަކުގެ މަޢުލޫމާތު އެލްޖީއޭއާ ޙިއްޞާކުރެވުނެވެ. އަދި މި ޙަރަކާތްތައް އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގައި ހިންގާނެ ގޮތްތަކާއި އެކަންތައްތައް މޮނިޓަރކޮށް ބަލާނެ ގޮތްތަކާމެދު މަޝްވަރާކުރެވުނެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށްފަހު ކައުންސިލަރުންނަށް އެންއައިޕީއާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.