ދެކޮޅަށް ތެދުވުން

xcz

“ފްރޯއިލަން ޓަރސިއޯސް” އަކީ ހޮންޑިއުރާސްގެ އެކަހެރި ސަރަހައްދެއްގައި ފޮރުވިފައި ހުރި ކުޑަކުޑަ މަދުރަސާއެކެވެ. އެއީ އެސަރަހައްދުގައި ހުރި ހަމައެކަނި ފަށާ ތަޢުލީމުދޭ މަދުރަސާއެވެ. އެތަން އޮންނަނީ އަބަދުމެ ތޮއްޖެހި ހަލަބޮލިވެފައެވެ. މަދުރަސާގެ ދަރިވަރުން ކުލަކުލައިގެ ގޮނޑިތަކުގައި އިށީނދެ ތިބެ އެކުދިންނާ ހަވާލުކުރެވިފައިވާ ތަމްރީނުތައް ހަދަމުން ދިޔައިރު އެއްކުއްޖަކު އަނެއް ކުއްޖަކަށް ވާހަކަދެއްކުމުގައި މަޝްޣޫލުވަމުންދިޔައެވެ.

އޭގެ ދުވަސްތަކެއް ކުރިން އެމަދުރަސާގެ ދޮރުތަކާއި ކުޑަދޮރުތައް ތަޅުލައި މުޅިތަން އެއްކޮށް ހަމަހިމޭންވެފައި އޮތްކަން ޤަބޫލުކުރުންވާނީ ދަތިކަމަކަށެވެ. ހޮންޑިއުރާސްގެ ސަރުކާރުގެ ތަޢުލީމީ ނިޒާމުގެ ކަންތައްތައް ހިނގަމުންދާ ގޮތް އެނގޭ ފަރާތްތަކަށް މިމަދުރަސާ ބަންދުކުރަންޖެހުނު ސަބަބުވާނީ ހައިރާންވާންޖެހޭ ސަބަބަކަށް ނޫނެވެ. މަދުރަސާ ބަންދުކުރަން ޖެހުނީ އެތާނގައި ކިޔަވައިދޭނެ މުދައްރިސަކު ނެތުމުންނެވެ. އޭގެ ކުރީގައި އެމަދުރަސާގައި ކިޔަވައިދޭން ހުރީ އެންމެ މުދައްރިސެކެވެ. ނަމަވެސް ބެލެވެނިވެރިން ބުނާ ގޮތުގައި މުނިސިޕަލިޓީގެ ތަޢުލީމާ ބެހޭ ޑިރެކްޓަރު ވަނީ މުދައްރިސު އެހެން މަޤާމަކަށް ބަދަލުކޮށްފައެވެ. ބުނެވޭގޮތުގައި އެޑިރެކްޓަރު އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ނާޖާއިޒު ފައިދާ ހޯދުމަށް އިތުރު އިދާރީ މަސައްކަތްތައް ކުރުމަށް ވަގުތު ހޯދުމަށް އަސްލު އޭނާ ނަގައިދޭންޖެހޭ ބައެއް ގަޑިތައް ނެގުމަށް އެމުދައްރިސް ހަމަޖެއްސީއެވެ. ނަތީޖާއެއްގެ ގޮތުން 60 އަށްވުރެ ގިނަ ދަރިވަރުންނަށް ބޭނުންވާ ތަޢުލީމުގެ ފުރުޞަތުން އެކުދިންނަށް މަހުރޫމުވީއެވެ.

ހޮންޑިއުރާސްއަކީ އެސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ތަޢުލީމުގެ ފެންވަރު އެންމެ ދަށް އެއް ޤައުމަށްވީތީ އެޤައުމުގައި މިއީ ކުޑަކުދިންނަށް އާންމުކޮށް ދިމާވާ ޙާލަތެކެވެ. “ރަސްމީ ސިފައެއްގައި ހޮންޑިއުރާސްގެ މަދުރަސާތަކަށް މުވައްޒަފުންވަނީ ހަމަޖައްސާފައި.. އެހެންނަމަވެސް އަސްލު ކަންހިނގާ ގޮތަށް ބަލާލާއިރު ކޮންމެ ވަގުތެއްގައި ބެލިނަމަވެސް ހަތަރު ބައި ކުޅަ އެއްބައި މުވައްޒަފުން އެމީހުން ވަޒީފާއަދާކުރަން ހަމަޖެހިފައިވާ ތަނުގައި ނުތިބޭ”. ހޮންޑިއުރާސްގައި ހުންނަ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް (ޓީއައި) ގެ ޤާނޫނީ ލަފާދޭ މަރުކަޒުގެ ޑިރެކްޓަރ ލޫޑިމް އަޔާލާ ބުންޏެވެ.

އެހެންނަމަވެސް ފްރޯއިލަން ޓަރސިއޯސްގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިން މިޙާލަތު ޤަބޫލުކުރާކަށް ބޭނުމެއްނުވެއެވެ. އަދި އެމީހުން އެއްވެ ރަށުގެ ތަޢުލީމާ ބެހޭ އިދާރާއަށް ގުޅައި ޖަވާބަކަށް އެދުނެވެ. އަދި އެފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އެމީހުން ސިދާ ޑިރެކްޓަރަށް ޕެޓިޝަނެއް ހުށަހެޅިއެވެ. މީގެ ޖަވާބުގައި އޭނާއާ ދެކޮޅަށް މައްސަލަ ހުށަހެޅުމަށް އޭނާ އެމީހުންނަށް ގޮންޖެހިއެވެ. އޭނާގެ މިޢަމަލުން އެމީހުން ބިރުގަންނާނެކަމަށް އޭނާ ހީކުރިނަމަވެސް އެކަންވީ އެހެނެއް ނޫނެވެ. ޖަވާބު ހޯދުމަށް ނިންމައި އެމީހުން ދެން ގުޅީ ޓީއައިގެ ކޮރަޕްޝަނުގެ ޢަމަލުތަކުގެ ޝިކާރައަކަށްވާ މީހުންނާއި ކޮރަޕްޝަނުގެ ޢަމަލުތަކާ ކުރިމަތިލާންޖެހޭ މީހުންނަށް ޤާނޫނީ ލަފާދޭ މަރުކަޒަށެވެ. އޭގެ ކުރީއަހަރުގައި ހުޅުވި މިމަރުކަޒަކީ ހޮންޑިއުރާސްގައި ހުޅުވި މިފަދަ ފުރަތަމަ މަރުކަޒެވެ. އަދި އެމަރުކަޒުގެ ފުރަތަމަ އަހަރުގައި އެމީހުންނަށް ހުށަހެޅުނު މައްސަލަތަކުގެ 80 އިންސައްތައަކީ ތަޢުލީމީ ދާއިރާގައި ހިނގާ ކޮރަޕްޝަނާގުޅޭ މައްސަލަތަކެވެ.

ޓީއައި އިން އެބެލެނިވެރިންނާ ގުޅިގެން މިމައްސަލަ ހުށަހެޅުމުގެ މަސައްކަތްތައް ފެށިއެވެ. މިގޮތުން ރަށުގެ ތަޢުލީމާބެހޭ އޮފީހަށް ގުޅައި ޖަވާބެއް ނުލިބުމުން އެމައްސަލަ ތަހުޤީޤުކުރުމަށް އެދި އެމީހުން ދެންގުޅީ ތަޢުލީމާބެހޭ ޤައުމީ ޑިޕާޓްމެންޓަށެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ނުވެ އަވަށު އޮފީހުން އެމުދައްރިސް އަނބުރާ އެސްކޫލަށް ބަދަލުވުމަށް އެންގިއެވެ. އަދި ސްކޫލު ދޫކޮށް ނުދިއުމަށް މުދައްރިސަށް އިންޒާރުދިނެވެ. އަދި އޭގެ ހަފްތާއެއް ފަހުން ސްކޫލް އަލުން ހުޅުވައި ދަރިވަރުންގެ ކިޔެވުން ފެށިއެވެ. “މިމައްސަލަ ހުށަހެޅުމުގައި ބެލެނިވެރިން ކުރި މަސައްކަތް ފާހަގަކުރުން ވަރަށް މުހިންމު. މިއީ ވަރަށް އެކަހެރިކޮށް އޮންނަ ސަރަހައްދެއް. މިތާނގައި މިކަހަލަ މައްސަލަތައް ފާހަގަނުވެ ދިއުން ގާތް. އެހެންނަމަވެސް ބެލެނިވެރިން ތިބީ އެމީހުންގެ ދަރިންނަށް ތަޢުލީމު ހޯދައިދިނުމަށް އަތުކުރި އޮޅާލައިގެން”. ލޫޑިމް ކިޔައިދިނެވެ.

ޓީއައިއިން ގެންދަނީ އެހެނިހެން ޖަމްޢިއްޔާތަކާ ގުޅިގެން މިކަމުން މިސާލުނަގައިގެން ބެލެނިވެރިން ބާރުވެރިކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ޓީއައި އިންވަނީ ޚާއްސަ އޮންލައިން ޑާޓާބޭސް އެއް ތަޢާރަފްކޮށް ބެލެނިވެރިންނަށް އެމީހުންގެ ކުދިންގެ މަދުރަސާތަކަށް ހަމަޖައްސާފައިވަނީ ކޮންކޮން މުދައްރިސުންކަމާއި އެމީހުން މަދުރަސާގައި ތިބޭނީ ކިހާ އިރަކަށް ކަން އެނގޭނެ ގޮތް ހަދާފައެވެ. މިކަމުގެ ސަބަބުން މުދައްރިސަކު ހާޒިރުނުވާ ޙާލަތްތަކުގައި އެކަން ރިޕޯޓުކުރުމަށް ފަސޭހަވެގެންދާނެއެވެ. އަދި އެފަރާތްތަކުން ގެންދަނީ އާންމުންނަށް ސޯޝަލް އޮޑިޓިންގ އިންނާއި މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާ ގުޅޭގޮތުން ތަމްރީނުތައް ރާވައި ކަމާބެހޭ އިދާރާތައް ޒިއްމާދާރުކުރުމަށް އިތުރު ގޮތްތަކެއް އެމީހުންނަށް ހޯދައިދެމުންނެވެ. އަދި މިކަންކަމުންވެސް ފަރުނުޖެހޭ ތަންތާނގައި ޓީއައިގެ ޤާނޫނީ ލަފާދޭ މަރުކަޒުތަކުން ގެންދަނީ ކޮރަޕްޝަނުގެ މިފަދަ ޢަމަލުތަކާ ދެކޮޅަށް ތެދުވަން ބޭނުންވާ އެއްބާރުލުން ބެލެނިވެރިންނަށް ދީ، ދަރިވަރުންނަށް އެކުދިންނަށް ބޭނުންވާ ތަޢުލީމު ހޯދައިދިނުމުގައި ޙަރަކާތްތެރިވަމުންނެވެ.

 

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ފައިޓިންގ ބެކް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.