ބޯހިޔާވަހިކަން ނެތިފައި

2009 ވަނަ އަހަރު ދެކުނު ބަންގްލަދޭޝްއަށް އެރި ވަރުގަދަ ނަގޫރޯޅި، އައިލާގެ ސަބަބުން ރަށްފުށުގެ ގިނަ ސަރަޙައްދުތައް ޗާޓުން ފޮހެވިގެންދިޔައެވެ. ބިޔަ ރާޅުތަކުގެ ސަބަބުން ދަނޑިފަނުން އަޅާފައިވާ ގެތައް ފެނުގެ އަޑިއަށް ޣަރަޤުވެގެން ދިޔައީއެވެ. ބޯ ވިއްސާރަ އަލިވިއިރު ގިނަ ބަޔަކު ތިބީ ވަންނާނެ ގެދޮރެއް ނެތިފައެވެ. ޚަދީޖާ ބޭގަމްއަކީ ވެސް ގެދޮރު ގެއްލުނު މީހުންގެ ތެރެއިން އެކަކެވެ.

ލިޔެކިޔުމަށް ބަލާއިރު ޚަދީޖާއަކީ ނަސީބު ގަދަ މީހުންގެ ތެރެއިން އެކަކެވެ. އެތައް ހާސް ބަޔަކަށް ދެއަހަރު ދުވަހަށްވުރެ ގިނަ ދުވަސްވަންދެން ސްކޫލުތަކާއި ހޮސްޕިޓަލް ތަކުގައި ބޯހިޔާވަހިކަން ހޯދަން މަޖުބޫރުވިއިރު، ސަރުކާރުން އަޅައިދޭ ނަގޫރޯޅިން ރައްކާތެރިވެވޭނެ ފަދަ 2003 ގެއިން ގެއެއް ލިބުމަށް ޚަދީޖާވަނީ ހޮވިފައެވެ. އެ ގެއަކީ މޫސުމާބެހޭ ޤައުމީ ފަންޑުން، ދަގަނޑާއި ސިމެންތި ބޭނުންކޮށްގެން ގިނަ ދުވަހަށް ދެމިހުންނާނެހެން ގެއެޅުމުގެ ގޮތުން، ކުރިއަށްގެންދާ ގެދޮރުވެރިކުރުމުގެ މަޝްރޫޢުގެ ދަށުން އަޅާ ގެއެކެވެ. އެހެންނަމަވެސް، ސަރުކާރަށްވަނީ ވައުދުވި ގޮތަށް މަޝްރޫޢު ފުއްދައި ނުދެވިފައެވެ.

“ގެއޭ! މިއީ ގެއެއްތަ؟” އިމާރާތްކުރަން ފަށައި ނުނިމި ހުރި ތަނަށް އިޝާރާތްކުރަމުން ޚަދީޖާ ބުންޏެވެ. ކޮންމެ ގެއަކަށް 1400 އެމެރިކާ ޑޮލަރުގެ މަގުން ފައިސާ ހަމަޖައްސާފައިވާއިރު އެންމެ ކުޑަ މިނުން ގޭގެ އޮނިގަނޑު ވެސް ނިންމާފައިނުވެއެވެ. ޚަދީޖާގެ އާ ގެއަކީ ތަޅުންގަނޑަކާއި ހަތަރު ތަނބުގެ އެހީގައި ހިއްލާފައިވާ ފުރާޅެކޭވެސް ބުނެވިދާނެއެވެ. އެގޭގައި ފެން ބޭނުންކުރެވޭނެ ނިޒާމެއް އަދި ފާޚާނާކުރެވޭނެ ގޮތެއްވެސް ނެތެވެ.

އެމަސައްކަތާ ހަވާލުވެފައިވާ އިދާރާއިން ބުނިގޮތުގައި އެގޮތަށް ކަންތައްކުރީ ގޭގެވެރިން ބޭނުންވާ ގޮތަކަށް ގެތަށް ނިންމުމުގެ ފުރުސަތު އެމީހުންނަށް ދިނުމަށްޓަކައެވެ. އެހެންނަމަވެސް ޔަތީމު މާމަ ދަރިއަކާއެކު ދިރިއުޅޭ ޚާދީޖާފަދަ މީހަކަށް މި ގޮތަކީ އެކަށީގެންނުވާ ބޭއިންސާފު ގޮތެކެވެ. އާމްދަނީއެއް ލިބޭނެ އެއްވެސް ކަހަލަ ގޮތެއް ނެތް އިރު އެންމެ ސިމެންތި ބަސްތާއެއް ގަނެވޭނެހާ ފައިސާވެސް އޭނާގެ އަތަކު ނެތެވެ.

އެހިސާބުގެ އާއްމުން ބުނި ގޮތުގައި ކަންކަން މިހެން ދިމާވީ ގެ އެޅުމުގެ މަސައްކަތް ސަބްކޮންޓްރެކްޓްކުރެވުނު ފަރާތުގެ ސަބަބުންނެވެ. ޢާއްމުން ދެކޭގޮތުގައި އެ ފަރާތަކީ ރަސްމީ ސިފައެއްގައި އެހެން ފަރާތަކަށް ޖަވާބުދާރީވާން ޖެހޭ ބައެއް ނޫނެވެ. އެމީހުން ބުނި ގޮތުގައި ސަރުކާރުން  މި ސަބްކޮންޓްރެކްޓަރުން ކުރާ މަސައްކަތްތައް ބަލައި މޮނިޓަރއެއް ނުކުރެއެވެ.

ޚަދީޖާގެ ވާހަކައަށް ފިލްމެއް ތައްޔާރުކުރުން ވެގެންދިޔައީ ބަންގްލަދޭޝްގެ ގިނަ ބައެއްގެ ސަމާލުކަން މިމައްސަލައަށް ލިބިގެން ދިޔަކަމަކަށެވެ. އެހެންނަމަވެސް ޚަދީޖާގެ މިވާހަކައަކީ ކާރިޘާގެ ސަބަބުން ހާލުގައި ޖެހުނު ސަރަޙައްދުތަކަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ޒިޔާރަތްކުރުމުން އިވުނު މިފަދަ އެތަކެއް ވާހަކަތަކެއްގެ ތެރެއިން އެންމެ ވާހަކައެކެވެ. އަދި މިހުރިހާ ވާހަކަތަކަކުން ކުރަހައިދޭ މަންޒަރުން ފެނިގެންދަނީ މަޝްރޫޢުތައް އެކުލަވާލުމުގައި ޢާއްމުންގެ ބޭނުންތަކަށް ރިޢާޔަތް ނުކުރުމާއި މަޝްރޫޢުތަކަށް ސަރުކާރުން ކުރާ ޚަރަދުތައް މޮނިޓަރ ނުކުރުމުގެ ނަތީޖާއެވެ. ޚަދީޖާގެ ވާހަކައިން އެނގިގެންދާހެން މިފަދަ ކަންކަމަށް އަވަސް ހައްލު ބޭނުންވެއެވެ.

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ނޯ ޝެލްޓަރ” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

https://www.transparency.org/news/story/no_shelter