ދެކޮޅަށް ތެދުވުން

“ފްރޯއިލަން ޓަރސިއޯސް” އަކީ ހޮންޑިއުރާސްގެ އެކަހެރި ސަރަހައްދެއްގައި ފޮރުވިފައި ހުރި ކުޑަކުޑަ މަދުރަސާއެކެވެ. އެއީ އެސަރަހައްދުގައި ހުރި ހަމައެކަނި ފަށާ ތަޢުލީމުދޭ މަދުރަސާއެވެ. އެތަން އޮންނަނީ އަބަދުމެ ތޮއްޖެހި ހަލަބޮލިވެފައެވެ. މަދުރަސާގެ ދަރިވަރުން ކުލަކުލައިގެ ގޮނޑިތަކުގައި އިށީނދެ ތިބެ އެކުދިންނާ ހަވާލުކުރެވިފައިވާ ތަމްރީނުތައް ހަދަމުން ދިޔައިރު އެއްކުއްޖަކު އަނެއް ކުއްޖަކަށް ވާހަކަދެއްކުމުގައި މަޝްޣޫލުވަމުންދިޔައެވެ.

އޭގެ ދުވަސްތަކެއް ކުރިން އެމަދުރަސާގެ ދޮރުތަކާއި ކުޑަދޮރުތައް ތަޅުލައި މުޅިތަން އެއްކޮށް ހަމަހިމޭންވެފައި އޮތްކަން ޤަބޫލުކުރުންވާނީ ދަތިކަމަކަށެވެ. ހޮންޑިއުރާސްގެ ސަރުކާރުގެ ތަޢުލީމީ ނިޒާމުގެ ކަންތައްތައް ހިނގަމުންދާ ގޮތް އެނގޭ ފަރާތްތަކަށް މިމަދުރަސާ ބަންދުކުރަންޖެހުނު ސަބަބުވާނީ ހައިރާންވާންޖެހޭ ސަބަބަކަށް ނޫނެވެ. މަދުރަސާ ބަންދުކުރަން ޖެހުނީ އެތާނގައި ކިޔަވައިދޭނެ މުދައްރިސަކު ނެތުމުންނެވެ. އޭގެ ކުރީގައި އެމަދުރަސާގައި ކިޔަވައިދޭން ހުރީ އެންމެ މުދައްރިސެކެވެ. ނަމަވެސް ބެލެވެނިވެރިން ބުނާ ގޮތުގައި މުނިސިޕަލިޓީގެ ތަޢުލީމާ ބެހޭ ޑިރެކްޓަރު ވަނީ މުދައްރިސު އެހެން މަޤާމަކަށް ބަދަލުކޮށްފައެވެ. ބުނެވޭގޮތުގައި އެޑިރެކްޓަރު އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ނާޖާއިޒު ފައިދާ ހޯދުމަށް އިތުރު އިދާރީ މަސައްކަތްތައް ކުރުމަށް ވަގުތު ހޯދުމަށް އަސްލު އޭނާ ނަގައިދޭންޖެހޭ ބައެއް ގަޑިތައް ނެގުމަށް އެމުދައްރިސް ހަމަޖެއްސީއެވެ. ނަތީޖާއެއްގެ ގޮތުން 60 އަށްވުރެ ގިނަ ދަރިވަރުންނަށް ބޭނުންވާ ތަޢުލީމުގެ ފުރުޞަތުން އެކުދިންނަށް މަހުރޫމުވީއެވެ.

ހޮންޑިއުރާސްއަކީ އެސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ތަޢުލީމުގެ ފެންވަރު އެންމެ ދަށް އެއް ޤައުމަށްވީތީ އެޤައުމުގައި މިއީ ކުޑަކުދިންނަށް އާންމުކޮށް ދިމާވާ ޙާލަތެކެވެ. “ރަސްމީ ސިފައެއްގައި ހޮންޑިއުރާސްގެ މަދުރަސާތަކަށް މުވައްޒަފުންވަނީ ހަމަޖައްސާފައި.. އެހެންނަމަވެސް އަސްލު ކަންހިނގާ ގޮތަށް ބަލާލާއިރު ކޮންމެ ވަގުތެއްގައި ބެލިނަމަވެސް ހަތަރު ބައި ކުޅަ އެއްބައި މުވައްޒަފުން އެމީހުން ވަޒީފާއަދާކުރަން ހަމަޖެހިފައިވާ ތަނުގައި ނުތިބޭ”. ހޮންޑިއުރާސްގައި ހުންނަ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް (ޓީއައި) ގެ ޤާނޫނީ ލަފާދޭ މަރުކަޒުގެ ޑިރެކްޓަރ ލޫޑިމް އަޔާލާ ބުންޏެވެ.

އެހެންނަމަވެސް ފްރޯއިލަން ޓަރސިއޯސްގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިން މިޙާލަތު ޤަބޫލުކުރާކަށް ބޭނުމެއްނުވެއެވެ. އަދި އެމީހުން އެއްވެ ރަށުގެ ތަޢުލީމާ ބެހޭ އިދާރާއަށް ގުޅައި ޖަވާބަކަށް އެދުނެވެ. އަދި އެފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އެމީހުން ސިދާ ޑިރެކްޓަރަށް ޕެޓިޝަނެއް ހުށަހެޅިއެވެ. މީގެ ޖަވާބުގައި އޭނާއާ ދެކޮޅަށް މައްސަލަ ހުށަހެޅުމަށް އޭނާ އެމީހުންނަށް ގޮންޖެހިއެވެ. އޭނާގެ މިޢަމަލުން އެމީހުން ބިރުގަންނާނެކަމަށް އޭނާ ހީކުރިނަމަވެސް އެކަންވީ އެހެނެއް ނޫނެވެ. ޖަވާބު ހޯދުމަށް ނިންމައި އެމީހުން ދެން ގުޅީ ޓީއައިގެ ކޮރަޕްޝަނުގެ ޢަމަލުތަކުގެ ޝިކާރައަކަށްވާ މީހުންނާއި ކޮރަޕްޝަނުގެ ޢަމަލުތަކާ ކުރިމަތިލާންޖެހޭ މީހުންނަށް ޤާނޫނީ ލަފާދޭ މަރުކަޒަށެވެ. އޭގެ ކުރީއަހަރުގައި ހުޅުވި މިމަރުކަޒަކީ ހޮންޑިއުރާސްގައި ހުޅުވި މިފަދަ ފުރަތަމަ މަރުކަޒެވެ. އަދި އެމަރުކަޒުގެ ފުރަތަމަ އަހަރުގައި އެމީހުންނަށް ހުށަހެޅުނު މައްސަލަތަކުގެ 80 އިންސައްތައަކީ ތަޢުލީމީ ދާއިރާގައި ހިނގާ ކޮރަޕްޝަނާގުޅޭ މައްސަލަތަކެވެ.

ޓީއައި އިން އެބެލެނިވެރިންނާ ގުޅިގެން މިމައްސަލަ ހުށަހެޅުމުގެ މަސައްކަތްތައް ފެށިއެވެ. މިގޮތުން ރަށުގެ ތަޢުލީމާބެހޭ އޮފީހަށް ގުޅައި ޖަވާބެއް ނުލިބުމުން އެމައްސަލަ ތަހުޤީޤުކުރުމަށް އެދި އެމީހުން ދެންގުޅީ ތަޢުލީމާބެހޭ ޤައުމީ ޑިޕާޓްމެންޓަށެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ނުވެ އަވަށު އޮފީހުން އެމުދައްރިސް އަނބުރާ އެސްކޫލަށް ބަދަލުވުމަށް އެންގިއެވެ. އަދި ސްކޫލު ދޫކޮށް ނުދިއުމަށް މުދައްރިސަށް އިންޒާރުދިނެވެ. އަދި އޭގެ ހަފްތާއެއް ފަހުން ސްކޫލް އަލުން ހުޅުވައި ދަރިވަރުންގެ ކިޔެވުން ފެށިއެވެ. “މިމައްސަލަ ހުށަހެޅުމުގައި ބެލެނިވެރިން ކުރި މަސައްކަތް ފާހަގަކުރުން ވަރަށް މުހިންމު. މިއީ ވަރަށް އެކަހެރިކޮށް އޮންނަ ސަރަހައްދެއް. މިތާނގައި މިކަހަލަ މައްސަލަތައް ފާހަގަނުވެ ދިއުން ގާތް. އެހެންނަމަވެސް ބެލެނިވެރިން ތިބީ އެމީހުންގެ ދަރިންނަށް ތަޢުލީމު ހޯދައިދިނުމަށް އަތުކުރި އޮޅާލައިގެން”. ލޫޑިމް ކިޔައިދިނެވެ.

ޓީއައިއިން ގެންދަނީ އެހެނިހެން ޖަމްޢިއްޔާތަކާ ގުޅިގެން މިކަމުން މިސާލުނަގައިގެން ބެލެނިވެރިން ބާރުވެރިކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ޓީއައި އިންވަނީ ޚާއްސަ އޮންލައިން ޑާޓާބޭސް އެއް ތަޢާރަފްކޮށް ބެލެނިވެރިންނަށް އެމީހުންގެ ކުދިންގެ މަދުރަސާތަކަށް ހަމަޖައްސާފައިވަނީ ކޮންކޮން މުދައްރިސުންކަމާއި އެމީހުން މަދުރަސާގައި ތިބޭނީ ކިހާ އިރަކަށް ކަން އެނގޭނެ ގޮތް ހަދާފައެވެ. މިކަމުގެ ސަބަބުން މުދައްރިސަކު ހާޒިރުނުވާ ޙާލަތްތަކުގައި އެކަން ރިޕޯޓުކުރުމަށް ފަސޭހަވެގެންދާނެއެވެ. އަދި އެފަރާތްތަކުން ގެންދަނީ އާންމުންނަށް ސޯޝަލް އޮޑިޓިންގ އިންނާއި މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާ ގުޅޭގޮތުން ތަމްރީނުތައް ރާވައި ކަމާބެހޭ އިދާރާތައް ޒިއްމާދާރުކުރުމަށް އިތުރު ގޮތްތަކެއް އެމީހުންނަށް ހޯދައިދެމުންނެވެ. އަދި މިކަންކަމުންވެސް ފަރުނުޖެހޭ ތަންތާނގައި ޓީއައިގެ ޤާނޫނީ ލަފާދޭ މަރުކަޒުތަކުން ގެންދަނީ ކޮރަޕްޝަނުގެ މިފަދަ ޢަމަލުތަކާ ދެކޮޅަށް ތެދުވަން ބޭނުންވާ އެއްބާރުލުން ބެލެނިވެރިންނަށް ދީ، ދަރިވަރުންނަށް އެކުދިންނަށް ބޭނުންވާ ތަޢުލީމު ހޯދައިދިނުމުގައި ޙަރަކާތްތެރިވަމުންނެވެ.

 

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ފައިޓިންގ ބެކް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.


އެންއައިޕީ ތަންފީޒު ކުރުމާ ބެހޭގޮތުން އެލްޖީއޭއާ މަޝްވަރާ ކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ބައްދަލުކޮށްފިއެވެ. 9 ފެބުރުވަރީ 2017 ވަނަ ދުވަހު އޭސީސީގައި ބޭއްވުނު މި ބައްދަލުވުމަކީ އޭސީސީން އިސްނަގައިގެން ދައުލަތުގެ އިދާރާތަކާ ގުޅިގެން ޤައުމީ ފެންވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށްޓަކައި އެކުލަވާލާފައިވާ، ނޭޝަނަލް އިންޓެގްރިޓީ ޕްލޭން (އެންއައިޕީ) އަތޮޅުތަކުގައި ތަންފީޒު ކުރުމުގެ ގޮތުން ހަރަކާތްތައް ރާވާނެ ގޮތަކާބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.  މިބައްދަލުވުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިސް ބައެއް ފަރާތްތަކާއި އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި އެންއައިޕީގެ ދަށުން 2017 ވަނަ އަހަރު ހިންގުމަށް ނިންމާފައިވާ ޙަރަކާތްތަކުގެ މަޢުލޫމާތު އެލްޖީއޭއާ ޙިއްޞާކުރެވުނެވެ. އަދި މި ޙަރަކާތްތައް އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގައި ހިންގާނެ ގޮތްތަކާއި އެކަންތައްތައް މޮނިޓަރކޮށް ބަލާނެ ގޮތްތަކާމެދު މަޝްވަރާކުރެވުނެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށްފަހު ކައުންސިލަރުންނަށް އެންއައިޕީއާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.


ތޭރިތަކުގެ ފަހަތުން ރިޝްވަތު

އެމީހުންގެ އިންތިޒާރު އެތައް އިރަކަށް ދެމިގެންދެއެވެ. ވަގުތު ކުރުކުރުމަށް ގަދަ އަވީގައި އެމީހުން ދެކޮޅަށް ހިނގައެވެ. ޒުވާން މަންމައިން އެމީހުންގެ ތުއްތު ކުދިން އަތުލަފިކޮށްގެން ކޮޅަށް ތިބި އިރު، އުމުރުން ދުވަސްވެ ވަރުބަލިވެފައިވާ އަންހެނުން އެތަނުގައި ހުރި ބައެއް ތަކެތި ގޮޑިކަމަށް ބަލައި އޭގައި އިށީނދެ ތިބެއެވެ. އެ އެންމެންގެ ނަޒަރުވެސް ހުއްޓެނީ އެއްދިމާލަކަށެވެ. އެތާނގައި ތިބޭ ގާޑުންނަށެވެ.

 

އެއީ ކޮންމެ ހޮނިހިރު ދުވަހަކުވެސް ވެނެޒުއެލާގެ ސްޓޭޓް ޖަލު ކުރިމަތިން ފެންނަ މަންޒަރެކެވެ. 1200 މީހުންގެ ޖާގަ އޮންނަ މިޖަލުގައި 4600 ގައިދީން އުޅެމުންދާއިރު އެތަނަށް ޖަމާވާ އަންހެނުން އަންނަނީ އެމީހުންގެ ފިރިންނާއި، ބޭބެއިންނާއި، ދަރިން އަދި އެމީހުންގެ ބައްޕައިންނަށް  އަންނައުނާއި، ގެއިން ކައްކައިގެން ގެންނަ ކާއެއްޗިއްސާއި އަދި ބާ ޓީވީއާއި ރޭޑިއޯ ފަދަ ތަކެތި ހިފައިގެންނެވެ. އެމީހުން އެތަނަށް އައުމުން ކޮންމެ މީހެއްގެ އަތުގައިވެސް ވަކި ނަންބަރެއްގެ ތަތްގަނޑު ޖަހައެވެ. މެންދުރާ ގާތްވާއިރު އެތަނަށް އެއްވާ މީހުންގެ އަދަދު ހާހަކަށް ވުރެ ގިނަވެ ޖަލުގެ ވަށައިގެން ކިޔު ޖެހެއެވެ. އަދި ރޭގަނޑުވާން ގާތްވެ ދުނިޔެ މަތި އަނދިރިވުމުން އެމީހުން އެނބުރިދެއެވެ. ގިނަ މީހުން އެނބުރިދަނީ ހުސް ތަށިތަކާއި ދެން އަންނަ ފަހަރަކުން ގެންނަންވީ ތަކެތީގެ ލިސްޓަކާ އެކީގައެވެ. އެހެންނަމަވެސް އަންނަ އެންމެނަށް ޒިޔާރަތްކުރާ މީހުންގެ ކޮޓަރިއާ ހަމައަކަށް ނުދެވެއެވެ.

“އެތަނަށް ވަނުމަށް އެތާނގެ ގާޑުން އަހަރުމެން އަތުން ފައިސާ ނަގާ. އެއީ ހަމަ އެކަން ހިނގާ ގޮތް. ކޮންމެ މީހަކު ދިޔަޔަސް މިކަން މިގޮތަށް ވާތަން ފެނިގެން ދާނެ.” އެއް ދުވަހުގެ ޙަރަކާތެއް ބޭއްވުމަށް ޖަލު ކައިރިއަށް އެއްވި އެންޓި-ކޮރަޕްޝަން އެކްޓިވިސްޓުންގެ ޓީމަކަށް، ފިރިމީހާއަށް ޒިޔާރަތްކުރަން އެތަނަށް ގޮސް ހުރި ޒުވާން އަންހެން ކުއްޖަކު އޭނާގެ ތަޖުރިބާ ކިޔައިދިނެވެ. ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ވެނެޒުއޭލާ އިން އިސްނަގައިގެން އެހެނިހެން މަދަނީ ޖަމްޢިއްޔާތަކާ ގުޅިގެން ހިންގުނު މިޙަރަކާތަކީ ޖަލުގެ ގާޑުން، ޖަލަށް ޒިޔާރަތްކުރާ މީހުންގެ އަތުން ރިޝްވަތު ނަގައިގެން މީހުންނާއި ހަދިޔާ ޖަލަށް ވައްދާ ކަމުގެ ރިޕޯޓުތަކާ ގުޅިގެން ބޭއްވި ޙަރަކާތެކެވެ. މެގަފޯނުތަކާއި ލީފްލެޓް އަދި ޤާނޫނީ ލަފާދޭ ފޯމުތަކާއެކު އައި ދަރުމަވެރިން އެތަނަށް އެއްވެ ތިބީ އެތަނުގައި ކަން ހިނގާ ގޮތް ލިޔެ، ގައިދީންނަށް ޒިޔާރަތްކުރާ މީހުންނަށް އެމީހުންގެ ޙައްޤުތައް ވިސްނައިދީ އެމީހުންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމަށެވެ.

މިޙަރަކާތުގެ ތެރެއިން އެމީހުންނަށް ފާހަގަކުރެވުނީ މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެވެމުންދާކެމެވެ. އަދި ވަރަށް ގިނަ ފަހަރަށް، ޒިޔާރަތްކުރާ މީހުން ގާޑުން ރިޝްވަތު ދިނުމަށް އެދުމުން އެކަމަށް އިޖާބަދީފިނަމަ އެމީހުންގެ ޕާހުގައި ޓޭޕްކޮޅަކުން ފާހަގަކުރެއެވެ. މިފަދައިންދޭ ބައެއް ރިޝްވަތުގައި ހިމެނެނީ ނިސްބަތުން ކުޑަ އަދަދެކެވެ. މިސާލަކަށް ކިޔުގެ ކުރިޔަށް އަރަން 30 ވެނެޒުއޭލާ ބޮލިވާސް (5 އެމެރިކާ ޑޮލަރު) ދައްކަން ޖެހެއެވެ. އަދި ބައެއް ކަންކަމަށް ނަގާ ރިޝްވަތުގެ އަދަދުތަކަކީ ވަރަށް ބޮޑު އަދަދުތަކެކެވެ. މިސާލަކަށް، ގައިދީން، ޖަލުގެ ރައްކާތެރި އަދި ކޮންމެ ދުވަހަކު 3 އިރަށް ކާންލިބޭ ސަރަޙައްދަކަށް ބަދަލުވުމަށް އެދޭނަމަ ބަދަލުކޮށްދެނީ ޑައުން ޕޭމަންޓްގެ ގޮތުގައި 40000 ބޮލިވާސް އާއި އޭގެ އިތުރުންވެސް ކޮންމެ ހަފްތާއަކު 500 ބޮލިވާސް ނަގައިގެންނެވެ.

ކިޔުގައި މަޑުކޮށްގެން ހުރި ޒުވާން އަންހެން ކުއްޖަކު ބުނިގޮތުގައި އޭނާގެ ލޯބިވެރިޔާ ހުރި ގޮޅިން އޭނާ ބަދަލުކުރުމަށްޓަކައި ގާޑުން ވަނީ އެނާގެ ފަރާތުން ފައިސާއަށް އެދިފައެވެ. ބުނެވޭ ގޮތުގައި އެގޮޅީގައި އޭނާއާއެކު ދެން އުޅޭ 6 ގައިދީން ދަނީ ކޮންމެ ދުވަހަކުހެންމެ އޭނާއަށް ޖިންސީ ގޯނާ ކުރަމުންނެވެ.

ނަމަވެސް ހިތާމައަކީ މިފަދަ ކަންކަމަކީ އާންމުކޮށް ހިނގާ ކަންކަމަށް ވާތީއެވެ. “ޖަލުތަކަކީ ވަރަށް އެކަހެރިކޮށް ހުންނަ ތަންތަނަށް ވުމުން މިތަންތަން ވެފައިވަނީ ކޮރަޕްޝަނުގެ ޢަމަލުތަކަށް ހުޅުވިފައިވާ ދޮރުތަކަކަށް” ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ވެނެޒުއެލާގެ އެގްޒެކެޓިވް ޑިރެކްޓަރ މާސިޑީޒް ޑި ފްރެއިޓަސް މަޢުލޫމާތު ދެމުން ބުންޏެވެ. “ވެނެޒުއޭލާގެ މީހުންނަކީ އެމީހުންގެ އާންމު ދިރިއުޅުމުގައި ރައްކާތެރިކަމުގެ މައްސަލަތަކާ ކުރިމަތިލާންޖެހޭ ބަޔަކަށްވުމުން ގައިދީންނަށް ދިމާވާ މިފަދަ މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކުރަނީ ވަރަށް މަދުން. އެހެންވެ، އަޅުގަނޑުމެން އިސްނަގައިގެން މިމަސައްކަތް މިފެށީ- އާންމުކޮށް ނުބަލާ ދޫކޮށްލާ މިފަދަ ގޯނާތަކުގެ ވާހަކަ އެންމެންނާ ހަމައަށް ގެނެސްދީ، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެކަމާމެދު ވާހަކަދައްކަން އެހީތެރިވެދީ، މިކަމަށް ހެޔޮ ބަދަލެއް ގެނައުމަށް”

ދަރުމަވެރިން އެމީހުންގެ ޙަރަކާތް ނިންމާލާފައި ދިޔައީ ގިނަ އަދަދެއްގެ މައްސަލަތައް ލިޔެގެންނެވެ. އަދި އޭގެ ފަހުންވެސް  އެކިފަހަރު މަތިން އެތަނަށް ގޮސް އިތުރަށްވެސް ވަރަށް ގިނަ މައްސަލަތައް ރިކޯޑުކޮށްފައިވެއެވެ. އަދި އެމީހުން މިހާރު މަސައްކަތްކުރަމުންދަނީ މިހުރިހާ ކޭސްތައް ބަލައި މިކަމުގެ މައިގަނޑު މައްސަލައަށް ރިޢާޔަތްކޮށް އަޑުއުފުލުމަށެވެ. “ބައެއް މައްސަލަތައް ވަރަށް ސާފު. އެހެންނަމަވެސް ބުނެވޭގޮތުން ބައެއް މައްސަލަތަކަކީ ޖަލުގެ ޑިރެކްޓަރުންނާއި އެންމެ މަތީ ލެވެލްގެ މުވައްޒަފުން ހިމެނޭ މައްސަލަތަކެއް. މިފަދަ މައްސަލަތަކަކީ އުނދަގޫ އަދި ބޮޑެތި ތަހުޤީޤުތަކެއް ކުރަންޖެހޭ މައްސަލަތަކެއް”. ޑި ފްރެއިޓަސް ބުންޏެވެ. “އެންމެ މުހިންމުކަމަކީ އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ސަބަބުން ކޮރަޕްޝަނުގެ ޝިކާރައަކަށްވެފައިވާ މީހުންނަށް އަޑުއުފުލުމަށް ފުރުޞަތު ލިބިގެން ދިޔުން”. އޭނާ ބުނާގޮތުގައި އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވީނަމަވެސް މިހާރުއްސުރެ ބަދަލުތައް ފެންނަމުން އެބަދެއެވެ. “އަހަރުމެން ކުރަމުންމިދާ ހޭލުންތެރިކުރުވުމުގެ މަސައްކަތުގެ ސަބަބުން އެއްބައިވަންތަކަމާއި އެއްބާރުލުން އިތުރުވެގެންދާނެ”. އަދި ކުރިއަށްވުރެން ގިނަ މީހުން މިހާރު އަންނަނީ އެމީހުންގެ ހަޔާތުގައި ދިމާވާ ކޮރަޕްޝަނުގެ ޢަމަލުތައް ކަމާބެހޭ އިދާރާތަކަށް އަންގައި އެމައްސަލަތައް ހުށަހަޅަމުންނެވެ.

 

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “ޓްރޫ ސްޓޯރީސް” ގެ ތެރެއިން ނަގާފައިވާ “ބްރައިބަރީ ބިހައިންޑް ބަރސް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.