ރިކޯޑް ކުރެވިފައި

ޢާއްމުގޮތެއްގައި އެކްސްޓޯޝަނުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އެއް ފަރާތަކީ ޢާއިލާތަކުގައި ތިބޭ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ކަންކަން ބަލަހައްޓާ ބެލެނިވެރިންނެވެ. މިފަދަ މީހުންނަކީ އެމީހުން ބަލަންޖެހޭ ފަރާތްތައް ގޮވައިގެން ސްކޫލުތަކަށާއި ހޮސްޕިޓަލް ފަދަ ޚިދުމަތްދޭ ތަންތަނަށް ދާ މީހުންނަށް ވުމުން ޤާނޫނާ ޚިލާފަށް ފައިސާ އަތުލާ ފަރާތްތަކާ އެންމެ ގިނައިން ދިމާވަނީ މިމީހުންނާއެވެ. އެހެންނަމަވެސް އެކްސްޓޯޝަނަކީ ހަމައެކަނި ފައިސާއިން ދިމާވާކަމެއް ނޫނެވެ.

ބައެއް އަންހެނުންނަށް – އަދި ބައެއް ފިރިހެނުންނަށްވެސް – އަސާސީ ވަސީލަތްތައް ލިބިގަތުމުގައި ޖިންސީ ފުރައްސާރާއާ ކުރިމަތިލާންޖެހެއެވެ. އަދި ބައެއް ޖިންސީ ހުށަހެޅުންތަކަށް އާނއެކޭ ބުނަންޖެހެއެވެ. ޢާއްމުގޮތެއްގައި މިބާވަތުގެ ކޮރަޕްޝަނަކީ ރިޕޯޓުނުކުރެވިދާ ކަންކަމެވެ. އަބުރު ރައްކާތެރިކުރުމަށާއި، މަޤާމުން ވަކިކުރުމުގެ ބިރަށްޓަކައި ވަރަށް ގިނަ ފަރާތްތަކުން އެމީހުންނަށް ދިމާވާ މިފަދަ ހާދިސާތައް އެހެންމީހުންނާ ޙިއްސާނުކޮށް ސިއްރުކުރެވެ. އެހެންނަމަވެސް އެންމެންނަކީ މިފަދަ މީހުންނެއް ނޫނެވެ. އުތުރު ލުބްނާނުގައި ދިރިއުޅޭ ހޮޑާ ސަންކާރީ، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް (ޓީއައި)ގެ ޤާނޫނީ ލަފާދޭ މަރުކަޒަށް ގުޅީ 2014 ވަނަ އަހަރުގައެވެ. ހޮޑާ ޓީއައި އާ ޙިއްސާކުރިގޮތުގައި އޭނާގެ ވަޒީފާގެ އެއްބަސްވުން އާ ކުރުމުގެ ތެރޭގައި އެ ސަރަޙައްދުގެ ގަވަރުނަރުވަނީ އޭނާއަށް އަނގަބަހުންނާއި ޖިސްމާނީ ގޮތުން ޖިންސީ ފުރައްސާރަކޮށްފައެވެ.

ލެބް ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި ހޯޑާ ބުނިގޮތުގައި އެންމެ ފުރަތަމަ ފަހަރަށް ގަވަރުނަރުގެ ފަރާތުން އޭނާއަށް ތަކުރާރުކޮށް ޖިންސީ ފުރއްސާރައާ ކުރިމަތިލާން ޖެހުމުން އޭނާ އެވަގުތު އެތަނުން ދިޔައީއެވެ. ދެން އޭނާ މަސައްކަތްކުރީ ވަޒީފާ އާކުރަން އެހެން އޮފިޝަލެއްގެ ސޮއި ހޯދާށެވެ. ނަމަވެސް އެއެންމެންވެސް އޭނާއަށް އިރުޝާދުދިނީ އެގަވަރުނަރުގެ އޮފީހަށް ދިޔުމަށެވެ. އެހެން ގޮތެއް ނެތިގެން އޭނާ އަނެއްކާވެސް ގަވަރުނަރުގެ އޮފީހަށް ދިޔައީއެވެ. ނަމަވެސް ކުރީ ފަހަރާ ޚިލާފަށް މިފަހަރު އޭނާ ދިޔައީ އޭނާގެ ފޯނުން މިބައްދަލުވުން ރިކޯޑުކުރަން ތައްޔާރުވެގެންނެވެ. އަދި 20 މިނެޓަށް ވުރެ ގިނައިރުގެ މިބައްދަލުވުން އޭނާގެ ފޯނަށް ރިކޯޑުކުރިއެވެ.

މި ރިކޯޑިންގ ގައި ދެކެވުނު ވާހަކައިގެ ތެރެއިން ހޯޑާ ގަވަރުނަރު ކައިރިން އޭނާގެ ވަޒީފާ އާ ނުކުރެވި އޮތް ސަބަބާމެދު ސުވާލުކުރެއެވެ. ޖަވާބުގައި އޭނާ ބުނަނީ ” އަހަރެން ކައިރިއަށް އަންނަން އެދުމުން ހޯޑާ އެކަމަށް އިޖާބައެއް ނުދެމެއްނު. އަހަންނަކީ އަބަދުވެސް އެންމެ ފަސޭހަ ގޮތް އިޚްތިޔާރު ކުރާ މީހެއް” އެވެ.

ދެމަސް ދުވަސް ވަންދެން ހޯޑާ މިވީޑިއޯ އެއްވެސް މީހަކަށް ނުދައްކައެވެ. އެހެން ނަމަވެސް އޭގެ ފަހުން އޭނާ ޓީއައިގެ ޤާނޫނީ ލަފާދޭ މަރުކަޒަށް ގުޅިއެވެ. އޭނާއަށް ދިމާވި ހާދިސާ ހިއްސާކޮށްފިނަމަ އޭނާގެ ވަޒީފާ ގެއްލިދާނެކަމަށް ބިރުގަންނަ ކަމަށް އޭނާ ބުންޏެވެ.

ގަވަރުނަރުގެ މިޢަމަލާ ގުޅިގެން ރަސްމީ ޝަކުވާއެއް ހުށަހެޅުމަށް ޓީއައި އިން އޭނާއަށް އެހީތެރިވެދިނެވެ. މިއާއެކު އޭނާއަށް ދިމާވި ކަންތަކާމެދު އިތުރު ފިޔަވަޅެއް އަޅަން އޭނާ ނިންމިއެވެ. އެގޮތުން ކޮރްޕަޝަނާ ގުޅޭ މަޝްހޫރު ޓީވީ ޕްރޮގްރާމެއްގެ ހޯސްޓްއާ ގުޅިގެން އޮންލައިންކޮށް އެވީޑިއޯ ޝާޢިއުކުރިއެވެ. މީގެ ސަބަބުން މިވާހަކަ ޤައުމީ ނޫހުގައި ޝާޢިއުކުރިއެވެ. މާގިނަ ދުވަސްތަކެއް ނުވެ އެގަވަރުނަރު އިސްތިއުފާދިނެވެ.

“މިވާހަކަ މިހާ އަވަހަށް ފެތުރިގެން މިދިޔައީ، އޮފިޝަލުން އެމީހުންގެ ބާރުގެ ބޭނުންކޮށްގެން ޢާންމުންގެ މައްޗަށް ބާރުފޯރުވުމަކީ ވަރަށް ޢާންމު ކަމަށްވާތީ” ޓީއައިގެ ލުބްނާން ގޮފީގައި މަސައްކަތްކުރާ ރޭޗެލް ބުންޏެވެ.

އެހެންނަމަވެސް މިއީ ހޯޑާގެ ވާހަކައިގެ ނިމުމެއްނޫނެވެ. ގަވަރުނަރު އިސްތިއުފާ ދިންނަމަވެސް، އޭނާގެ ބޮލުގައި އެޅުވިފައިވާ ތުހުމަތުތަކަށް އޭނާ އިންކާރުކުރިއެވެ. އަދި ހޯޑާއާ ދެކޮޅަށް އަބުރާބެހުމުގެ މައްސަލައެއް ހުށަހެޅިއެވެ. ރޭޗެލް ބުނާ ގޮތުގައި މިއީ ލެބަނަންގެ މީހުންނަށް އާކަމެއްނޫނެވެ.

“މިހާދިސާއިން ހާމަކޮށްދެނީ މިޤައުމުގައި ހިނގާ ވަރަށް ބޮޑު މައްސަލައެއް. އެއީ މީހުންނަށް ދިމާވާ ކޮރަޕްޝަނުގެ މިފަދަ މައްސަލަތައް ހާމަކުރުމުން އެމީހުންގެ ބޮލުގައި އަބުރާބެހުމުގެ ތުހުމަތު އެޅި ބޮޑެތި އަދަދުތަކުން ޖޫރިމަނާވެ، އަދި ގިނަ ބަޔަކަށް އެމީހުންގެ ވަޒީފާތައް ގެއްލޭ. އަދި މިފަދަ ކަންކަން ޢާންމުންނާ ހަމައަށް ގެންނަ މީހުންނަށް އަނިޔާކުރުންފަދަ ކަންކަންވެސް ހިނގާ. މިގޮތުން ފާހަގަކުރެވޭ އެއް ހާދިސާއަކީ ނޮވެމްބަރު 2013 ގައި ޓީވީ ސްޓޭޝަނެއްގެ މުވައްޒަފުންނަށް ދިމާވި ހާދިސާ. ޝައްކެއްނެތް. ވެރިން، ކޮރަޕްޝަނުގެ ޢަމަލުތަކާއި ޖިންސީ ފުރައްސާރަކުރުން ހުއްޓުވަން ބޭނުންނަމަ، ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ މިފަދަ ކަންކަމުގެ ޝިކާރައަކަށްވެފައިވާ މީހުންނަށް އަޑުއުފުލުމުގެ ފުރުސަތުދީ ރައްކާތެރިކަން ދިނުން.” ރޭޗެލް ހިއްސާކުރިއެވެ.